ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވަމުން ދިއުމާއި އެކު، ދައުލަތުގެ ރަސްމީ ރިޒާވުން، ސަރުކާރުގެ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ދަތިވެފައިވާކަމަށް އެމްއެމްއޭއިން ހާމަކޮށްފިއެވެ.
ދައުލަތުގެ ބަޖެޓާއިމެދު އެމްއެމްއޭއިން އަރުވާފައިވާ ލަފާގައި ބުނެފައިވާގޮތުން، ރާއްޖޭގެ ފިސްކަލް ހާލަތު މިވަގުތު އޮތް ގޮތުންނާއި، ދަރަނިތައް އިންތިހާއަށް ބޮޑުވެފައިވުމުގެ ސަބަބުން ކުރިއަށް އޮތް އަހަރުގެ ދައުލަތުގެ ރިކަރެންޓު ހަރަދުތައް ލިބޭ އާމްދަނީ އިން ހަަމަޖެއްސޭނެކަމަށް ނުބެލެވެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން ދުނިޔޭގެ މާކެޓުގައި ތެލުގެ އަގުތައް ބޮޑުވަމުން އައުމާއި އެކު ސަރުކާރުގެ މަޝްރޫއުތައް ހިންގުމަަށް ބޭނުންވާ ބޭރު ފައިސާ ދައުލަތުގެ ރަސްމީ ރިޒާވުން ފޯރުކޮށްދެމުންދިއުމަށް މިވަގުތު ދަތިތަކެއް ކުރިމަތިވެފައިވެއެވެ. އެހެންކަމުން އެ މުވައްސަސާއިން ދެކޭ ގޮތުން މިވަގުތު އިސްކަން ދޭންވީ ބޭރުގެ ފައިނޭންސިންގް ހަމަޖެހިފައިވާ މަޝްރޫޢުތަކެވެ.
ދައުލަތުގެ ރަސްމީ ރިޒާވުގެ ބޭނުންކޮށް މަޝްރޫޢުތައެް ކުރިއަށް ގެންދިއުން ބުއްދިވެރި ނޫންކަމަށް ފާހަގަކޮށް ނެރިފައިވާ ލަފާގައި ބުނެފައިވާގޮތުން ޑޮމެސްޓިކް ބަޖެޓުން މަޝްރޫޢުތަކެއް ހިންގުމުގެ ކުރިން އެ ކަމަށް ބޭންވާ ފައިސާ ”ސެކިއަރ ކުރުމަށް ނުވަތަ ބޭރުގެ ފައިސާ ”ސެކިއަރ“ ކުރެވިފައިނުވާ ނަމަ މަޝްރޫޢުތައް މަޑުޖައްސާލުމަކީ އެ މުވައްސަސާއިން އަރުވާ ލަފާއެކެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުން، ރާއްޖޭގެ ފިސްކަލް ހާލަތު ހުރިގޮތުން އިގްތިސާދީ މަންފާތަކެއް ހާސިލު ކުރެވޭނެ މަޝްރޫޢުތަކަކީ ކޮބައިކަން ދެނެގަތުން މުހިންމެވެ. އަދި އެފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް އިސްކަން ދީ ޕީއެސްއައިޕީ ހަރަދުތައް ކުޑަ ކުރުމަކީ ދައުލަތުގެ ރިކަރެންޓު ހަރަދުތައް ހަމަޖެއްސުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަަމަށެވެ.
މީގެ އިތުރުން އެމްއެމްއޭއިން ބުނެފައިވާގޮތުން، 2023ގެ ދައުލަތުގެ ބަޖެޓު ބޮޑުކޮށްފައިވަނީ ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެކަމަށް އަންދާޒާކޮށްފައިކަމަށް ބަޔާންކޮށްފައިވީނަމަވެސް، އެ މުވައްސަސާއިން ދެކޭގޮތުން ކުރިއަށް އޮތް އަހަރު ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށް ފައިނޭންސް ހޯދުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން އެބަ ދެއެވެ.
އެހެންކަމުން ދައުލަތުގެ ހަރަދުތައް އިތުރު ނުކުރުމަށާއި ސްޓްރީމްލައިން ކުރުމަށް އަދި ފައިނޭންސްއަށް ބަރޯސާވާ މިންވަރު ކުޑަކުރުން މުހިންމުކަމަށް ދެކޭކަމައްވެސް ބުނެފައިވެއެވެ.

