މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގެ ކޮމިޓީގެ މަރުހަލާ ނިންމައި ފޮނުވި ރިޕޯޓަށް މާދަމާގެ ޖަލްސާގައި ވޯޓަށް ނާހައިފި ނަމަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރުން ފެށިގެން، ޓެކްސް ބޮޑު ކުރުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓު ތާވަލު ކުރީ އިއްޔެގެ ޖަލްސާއަށެވެ. ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވި ވިލުފުށީ ދާއިރާގެ މެމްބަރު ޖަލްސާ އިއްޔެ ނިންމަވާލެއްވީ ވޯޓަށް އަހަން ބޭނުންވާ ކޯރަމް ނެތްކަމަށް ވިދާޅުވެ އެވެ. އެހެންވެ މެމަބަރުން ވަނީ، އެއީ މަޖިލީހުގެ ގަވައިދާއި ހިލާފު އަމަލެއްކަމަށް ބުނެ އިހުތިޖާޖުކޮށްފަ އެވެ.
ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކާނެ މެމްބަރެއް އިއްޔެ ވެސް ނެތެވެ. އަދި މިއަދުގެ 13:00 ގައި ވޯޓަށް އެހުމުގެ ކުރިން މެމްބަރުން ތިއްބެވީ ރިޔާސަތު މޭޒު ކައިރީގަ އެވެ. ނަމަވެސް ރައީސް ނަޝީދު ވަނީ ޗާގޮސް މައްސަލައިގައި ވޯޓަށް އެއްސެވުމަށް ފަހު، އިތުރު އެއްޗެއް ވިދާޅުނުވެ ޖަލްސާ ނިންމަވާލައްވާފަ އެވެ. އެ މައްސަލަައިގައި މެމްބަރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މިއަދު ބައްދަލުކޮށް ހުށަހެޅުއްވީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށެވެ. ނަމަވެސް ރައީސް އެންގެވީ، އަދި އެ މަސައްކަތް މަޑުޖައްސާލުމަށެވެ.
އެތެރޭގެ މައްސަލަ ގޯސްވެ، މިރޭ ވެސް އިތުރު ބައްދަލުވުމެއް ކުރިޔަށް ގެންދާތީ ”ސަންގު“ އިން ޝަރީފަށް ގުޅާލުމުން ޝަރީފް ވިދާޅުވީ ގިނަ މެމްބަރުން ބޭނުން ވަނީ ރައީސް ނަޝީދު މަގާމުން ވަކިކުރުމަށް ކަމަށެވެ. ރައީސް ނަޝީދު މަސައްކަތް ކުރައްވަނީ، މަޖިލިސް ޑެޑް ލޮކަކަށް ގެނައުމަށްކަމުގެ ތުހުމަތު ކުރައްވައި ޝަރީފް ވިދާޅުވީ އެ ފުރުސަތު ރައީސް ނަޝީދަށް ނުދެއްވާނެ ކަމަށެވެ.
އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ހަމަނުވާ ކަމަށް ނަޝީދު ވިދާޅުވަމުން ގެންދަވާތީ، އެކަމަށް ރައްދު ދެއްވައި ޝަރީފް ވިދާޅުވީ އެންމެ ފުރަތަމަ ވެސް މަޖިލީހަށް އެ މައްސަލަ ވެއްދުމަށް ކުރި މަސައްކަތުގައި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ 44 މެމްބަރުން ސޮއިކުރި ޕެޓިޝަން ރައީސަށް އެރުވި ކަމަށެވެ. ރައީސް ނަޝީދަކީ ޕާޓީގެ ރައީސަށްވުމާއި އެކު، އެފަދަ މަސައްކަތެއް ކުރިޔަށް ނުގެންދިއުމަށް އިރުޝާދު ދެއްވީ ރައީސް ސޯލިހު ނަމަވެސް ދެން ދެވޭނެ އިތުރު ފުރުސަތެއް ނެތްކަމަށް ޝަރީފް ވިދާޅުވި އެވެ.
ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝަރީފް ވަނީ، ރައީސް ނަޝީދުގެ ނަޒަރުގައި އެމްޑީޕީގެ ބައެއް މެމްބަރުންނަކީ ”ޖޯކަރުންނަށް“ ވެފައިވާކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން މެމްބަރުންނަށް ފުރައްސާރަކޮށް، ބުލީ ކުރުމާއި އެތައް ގޮތަކުން ދިމާކުރައްވާކަމަށް ޝަރީފް ތުހުމަތު ކުރެއްވި އެވެ.
ޝަރީފް ވިދާޅުވީ ރައީސް ނަޝީދުގެ ”ފެކްޝަން“ އާއި އެކު އިދިކޮޅުން ކޯލިޝަން ހަދާފައިވާކަމަށެވެ. އެގޮތުން އެ ކޯލިޝަނުގެ ލީޑަރަކީ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްކަމަށާއި އަދި ނައިބަކީ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމްކަމަށް އޭނާ ވިދާޅުވި އެވެ.

