ދިވެހި ރުފިޔާގެ ނިޝާނާއި އެކު އަލަށް ޗާޕު ކުރި 50 ރުފިޔާގެ ނޯޓުތައް ކުރިއަށް އޮތް މަހުގައި ބޭނުން ކުރަން ފެށުމަށް މަރުކަޒީ ބޭންކް އެމްއެމްއޭއިން ނިންމައިފި އެވެ.
އަލަށް ނެރުމަށް ކަނޑައެޅިފައިވާ 50 ރުފިޔާގެ ނޯޓުތަކުގެ ދެ ފަޅިގައިވެސް އައު ދިވެހި ރުފިޔާގެ ނިޝާން ޖަހާފައިވެއެވެ. ދިވެހި ރުފިޔާގެ ނިޝާން ޖަހާފައިވާނީ ނޯޓުގެ މޫނުމަތީގެ ބިތުގެ ވާތްފަރާތުގެ ކަނުގައި އަގާއި އެކު ކަމަށްވާއިރު، ނޯޓުގެ ފަހަތު ބިތުގައި ނިޝާން ޖަހާފައިވާނީ ކަނާތު ފަރާތުގެ މަތީ ކަނުގައި އަގާއިއެކުއެވެ.
އަލަށް ޗާޕުކޮށްފައިވާ 50 ރުފިޔާގެ ނޯޓުތަކުގައި އިތުރު ބަދަލުތައްވެސް ހުންނާނެއެވެ. އެގޮތުން އެމްއެމްއޭގެ ގަވަނަރު އަލީ ހާޝިމްގެ ސޮއި މި ނޯޓުތަކުގައި ހިމަނާފައިވާނެއެވެ. އަދި ނޯޓު ޗާޕު ކުރި ތާރީހުގެ ގޮތުގައި ޖަހާފައިވާނީ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހެވެ.
އެމްއެމްއޭ އިން ބުނެފައިވާގޮތުން އަލަށް ޗާޕުކޮށްފައިވާ 50 ރުފިޔާގެ ނޯޓުތައް ސާކިއުލޭޝަނަށް ނެރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އަދި ކުރީގެ ނޯޓުތައްވެސް މި ނޯޓުތަކާއި އެކު ދައުރުވާނެކަމަށް އެ މުވައްސަސާއިން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ.

