ޖޫރިމަނާ އަދަބު ކަނޑައެޅިފައިވާ މީހުންގެ ތެރެއިން ފައިސާ ނުދައްކާ މީހުންގެ މައުލާމާތު ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ (ޕީޖީ) އޮފީހުން ބުނެފިއެވެ.
ޕީޖީ އޮފީހުން ބުނީ ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ ހުކުމާ އެއްގޮތަށް ނުދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެ ކަމަށް ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލުގެ 30 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) މެދުވެރިކޮށް ހޯދައި ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތުގެ ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.
ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް އެގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަނޑައެޅޭނެ ކަމަށެވެ.

