ޖަލު އަދަބު ޖޫރިމަނާގެ އަދަބަށް ބަދަލުކޮށްގެން ލުއި ލިބިފައިވާ މީހުންނަށް މިހާރު އޮތް ގޮތަކީ، ކޯޓުން މުރާޖަޢާގެ މައްސަލަ ހިނގައިގަތުމުގެ ކުރިން އަވަހަށް ފައިސާ ދައްކާ ޚަލާޞްކުރުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޕީޖީ ޝަމީމް މިފަދައިން ވިދާޅުވީ ޖިނާއީ ކުށް ސާބިތުވާ ހާލަތުގައި ކުށުގެ އަދަބުގެ ގޮތުގައި ޖޫރިމަނާގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒް ކުރުމާއި ބެހޭ ގޮތުން އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުއްވުމެއްގައެވެ.
ޝަމީމްގެ ލިޔުމުގައިވާ ގޮތުން ޖިނާއީ ކުށްކުށުގައި ޖޫރިމަނާގެ އަދަބު ބެހިގެންވަނީ ދެބަޔަކަށެވެ. އެއީ، އަޞްލު އަދަބުގެ ގޮތުގައިޖޫރިމަނާ ކަނޑައަޅާ ކުށްތަކާއި، އަޞްލު އަދަބަކީ ޖަލު އަދަބުކަމަށް ކަނޑައެޅުމަށްފަހު، ސުޕްރީމް ކޯޓުގެ އުޞޫލާ އެއްގޮތަށް ޖަލު އަދަބުތައް އެހެން އަދަބުތަކަށް ބަދަލުކުރާ ޖޫރިމަނާގެ އަދަބުތަކެވެ.
ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ސުޕްރީމް ކޯޓުގެ އުޞޫލު ހިނގަނީ ޖޫރިމަނާގެ ބަޔަށެވެ. މިދެބައި ވަކިކޮށް އޮތުމުގެ ނަތީޖާއެއް އޮތްކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ، ތަންފީޒުކުރަން ހުށަހެޅުމާ ގުޅޭ ތަފާތެކެވެ. އަޞްލު އަދަބަކީ ޖޫރިމަނާއަށްވާ ޙާލަތުގައި، ޖޫރިމަނާ ނުދައްކައިގެން އެފައިސާ ހޯދުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ އިޝާރާތަކަށް، ކޯޓަށް ހިންގަވާނީ އެޓަރނީ ޖެނެރަލް ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހެން ނަމަވެސް ޤާނޫނުލްޢުޤޫބާތުގެ ދަށުން ކަނޑައެޅި އަޞްލު އަދަބަކީ ޖަލު އަދަބަށްވެފައި، ޖަލު އަދަބު، ޖޫރިމަނާއަށް ބަދަލުކުރާ ޙާލަތުގައި، އެފައިސާ ނުދައްކައިގެން ތަންފީޒު އިދާރާގެ ވެރިޔާގެ އިޝާރާތަކަށް، ސުޕްރީމް ކޯޓުގެ އުޞޫލުގައި ބުނާ ފޯމު ފުރައިގެން ކޯޓަށް ހިނގާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.
ޝަމީމް ވިދާޅުވެފައިވާ ގޮތުގައި ޤާނޫނުގައި ހުއްދަކޮށްފައިވާ ލުއި އަދަބެއް މީހަކަށް ދިނުމުގެ މާނައަކީ އެއަދަބު ތަންފީޒުނުކުރުމެއް ނޫނެވެ. އަދަބު ތަންފީޒުވާކަން ކަށަވަރުކުރާން އޮތް މަގަކީ، ޖޫރިމަނާ ނުދައްކާ މީހުންގެ މައްސަލަތައް މުރާޖަޢާ ކުރަން ހުށަހަޅަންޖެހޭ ގޮތަށް އޮންނަ އޮތުންކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ. ޝަމީމް ވިދާޅުވި ގޮތުގައި މުރާޖަޢާކުރީމާ ނުކުންނާނެ ނަތީޖާއަކީ، ޖޫރިމަނާގެ އަދަބަށް އެއްބާރުލުން ނުދީ، ޖޫރިމަނާ ނުދައްކާ މީހުން، އަޞްލު އަދަބު ކަމުގައިވާ ޖަލު އަދަބަށް ބަދަލުކުރުމެވެ. ނުވަތަ އެމީހަކާ އެކަށީގެންވާ އެހެން އަދަބަކަށް ބަދަލުކުރުމެވެ.
ޝަމީމް ފާހަގަ ކުރެއްވި ގޮތުގައި މިހުރިހާ އުޞޫލެއް ހިނގަނީ ހަމައެކަނި ޤާނޫނުލްޢުޤޫބާތުން އަދަބު ކަނޑައަޅައިފައިވާ ކުށްތަކަށެވެ. އެހެން ޤާނޫނުތަކުން، އަދަބު ކަނޑައަޅާ މައްސަލަތަކަކަށް، ސުޕްރީމް ކޯޓުގެ އުޞޫލުގައި އޮތް އަދަބު ބަދަލުކުރުމުގެ ހަމަތަކެއް ނުހިނގާނެއެވެ.
މީގެއިތުރުން ޝަމީމް ވިދާޅުވެފައި ވަނީ ޖަލަށްލުމުގެ ބަދަލުގައި ކޯޓުން ކަނޑައަޅާ އަދަބު ތަންފީޒުކުރުމަށް ތަންފީޒީ އިދާރާއަށް ކުށްވެރިޔާ އެއްބާރުލުން ނުދިނުމުގެ ސަބަބުން، ނުވަތަ އެނޫންވެސް ސަބަބަކާހުރެ، އަދަބު ތަންފީޒު ނުކުރެވިއްޖެނަމަ، އަދަބު ތަންފީޒު ނުކުރެވުނުކަމަށް ތަންފީޒު އިދާރާގެ ވެރިޔަކު ނިންމައި، އެ ނިންމުން ނިންމާތާ ފަނަރަ ދުވަހުގެ ތެރޭގައި އެ ނިންމުމާއި އެނިންމުމާ ގުޅުންހުރި އެންމެހާ ލިޔުންތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަންވަން ޖެހޭނެއެވެ.
”އެލިޔުންތައް ލިބުމުން ޕްރޮސިކިއުޓަރ ޖެނެރަލް ޢަމަލުކުރަންވީ ގޮތް އޮތީ ޖެހިގެން އޮތް އަކުރުގައެވެ. ތަންފީޒު އިދާރާގެ ވެރިމީހާގެ ނިންމުން ލިބޭތާ 30 ދުވަހުގެ ތެރޭގައި، އުޞޫލުގެ ޖަދުވަލް 1 ގައި އޮތް ފޯމު ފުރައި، އެމައްސަލައެއް ނިންމި ކޯޓަށް ހުށަހަޅަންޖެހެނީއެވެ. ކުރާން އުޅޭ ކަމަކީ އަދަބު މުރާޖަޢާކުރުމެވެ. ތަންފީޒު އިދާރާގެ ވެރިޔާގެ ނިންމުން ލިބުމާއެކު، އުޞޫލުގައި އޮތް މުއްދަތުގެ ތެރޭގައި އަދަބު މުރާޖަޢާ ކުރަން ހުށަހެޅުމަކީ، އުޞޫލު އޮތް ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލަށް އިޚްތިޔާރެއް އޮތް ކަމެއް ނޫނެވެ. ކުރާންޖެހޭ ކެމެވެ.“
މީގެއިތުރުން ޝަމީމް ވިދާޅުވެފައިވާ ގޮތުގައި މި އުސޫލަކީ ރެސްޓޯރޭޓިވް ޖަސްޓިސް ނިޒާމުގެ ސިފައެކެވެ. އެއީ، އަދަބު ދިނުމަކީ މީހާ އިޞްލާޙުވާން ބާރުއަޅާ ކަމަކަށް ހެދުމުގެ މަފްހޫމެކެވެ. އެމަފްހޫމުގެ ދަށުން، ކުށެއް ކުރާ ހަމަ ކޮންމެ މީހަކު ޖަލަށްލުމުގެ ބަދަލުގައި، އެމީހަކު އިޞްލާޙުވާން އެކަށީގެންވާ އެހެން އަދަބެއް ދެވޭނޭ ގޮތަކަށް ޤާނޫނުން ޖާގަދޭކަން ޝަމީމް ވަނީ ފާހަގަ ކުރައްވާފައެވެ.

