ޖެންޑާރ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވުމަށް ފަހު، އަނބިކަބަލުން ފާތިމަތު ޔުމްނާ މަގާމުން އިސްތިއުފާ ދެއްވާފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ތައިލޭންޑުން ޕީއެޗްޑީ ހާސިލު ކުރުމަށް ވަޑައިގަތުމުން ޖެންޑާރ މިނިސްޓްރީގެ ތެރެއިން އެހެން މަގާމެއް އުފައްދައި ކޮންސަލްޓަންޓުކަން ދީ އެ ގައުމުގައި ހުރެ ހުރިހާ ހަރަދުތައް ހަމަޖެއްސޭ ވަރުގެ މުސާރައެއް ދެމުން ގެންދާކަމަށް ރާއްޖޭގެ މީޑިއާތަކުން މި ދެ ދުވަހު ރިޕޯޓު ކުރި އެވެ. އެހެންކަމުން، އިމްރާން ޓުވީޓު ކުރީ، އެ ވާހަކަތައް ދޮގު ކުރުމަށްކަމަށް ބެލެވެ އެވެ.
އިމްރާން ވިދާޅުވީ، މިދިޔަ އަހަރު ނޮވެމްބަރު 30 ގައި ޔުމްނާ ސަރުކާރުގެ މަގާމުން އިސްތިއުފާ ދީފައިވާ ކަމަށެވެ. އަދި އޭނާއަށް އެއްވެސް މުސާރައެއް، އަދި އިނާޔަތެއް ވެސް ސަރުކާރުން ދެމުން ނުދާކަމަށް އިމްރާން ވިދާޅުވި އެވެ.
Alhugadu ge anhenun Fathimath Yumna November 30, 2021 gai deputy minister kamun isthiufa dhinumahfahu,sarukaarun musaaraeh adhi allowance ehves nudhey.
— Imran Abdulla (@ShimranAb) December 22, 2022
ޔުމްނާ ތައިލެންޑަށް ދިރިއުޅުން ބަދަލު ކުރުމުން، ޖެންޑާރ މިނިސްޓްރީގެ ކޮންސަލްޓަންޓަކަށް އައްޔަނު ކުރިކަމަށް ދެކެވޭ ވާހަކައިގައި ސަރުކާރުގެ ބަހެއް ނުލިބެ އެވެ.
އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުން ފެށިގެން، ޔުމްނާ ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ. އެހެންކަމުން، އިމްރާން ޔުމްނާ އިސްތިއުފާ ދިންކަމަށް ބުނާ ތާރީހާއި ތައިލޭންޑަށް ބަދަލުވި ތާރީހު ދިމާވެ އެވެ. ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި، ޔުމްނާއަށް ކޮންސަލްޓަންޓުކަން ދީފައި ވަނީ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ދޫކުރި ނަމަވެސް އެއާއި އެއްވަރުގެ މުސާރައަކާއި އިނާޔަތް ދިނުމަށެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެ އެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ސަންގުޓީވީއަށް ވިދާޅުވީ ކޮންސަލްޓަންޓެއްގެ ގޮތުގައި ލިބޭ އިނާޔަތް ލިބެނީ ދައުލަތުން ނޫން ކަމަށެވެ. އެއީ އޭނާ އަމިއްލައިން ކުރިމަތިލައިގެން ލިބޭ އިނާޔަތެއްކަމަށް ވެސް މިއުވާން ވިދާޅުވި އެވެ. މިއުވާން ވިދާޅުވީ، މިއީ އގ. އެސްކޭޕްއިން ޖެންޑާރ ގުޅިގެން ހިންގި ޕްރޮޖެކްޓެއް ކަމަށެވެ.

