އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށައަޅައިގެން ރިޖެކްކުރި ފޯމުތައް ހުރީ އިސްލާހުކުރުމުގެ ބަދަލުގައި ޕާޓީ އޮފީހުގައި ފޮށި ފޮއްޓަށް އަޅާފަ، ފުނި ފުންޏަށް ޖަހާފައިކަމަށް ޕާޓީގެ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އިބްރާހިމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބަކާއި ގާތްވުމާއިއެކު އަބަދުވެސް އިވެނީ ދަފްތަރު އޮޅުވާލައިފިކަމަށް ބުނެ ދެކެވޭ ވާހަކަތަކެވެ. ޕާޓީގެ ”އަސްލު މެންބަރުން“ ތަކަކާއި އަދި ”ވަގު މެންބަރުން“ ތަކެއްގެ ވާހަކަދެކެވެން ފަށައެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ޕްރައިމަރީ ބޭއްވުމަށް ހަމަޖައްސާ ވޯޓާސް ލިސްޓް އާންމު ކުރުމާއިއެކުވެސް ފުރަތަމަ ދެކެވުނީ ހަމަ މި ވާހަކަތައެވެ. މިކަމާއި ގުޅިގެން ގިނަ ކޯޅުންތަކެއްވެސް ކޯޅި، ހޫނު ބަހުސްތަކެއްވެސް ކުރެވުނެވެ.
ޕާޓީގެ ދަފްތަރާއި ގުޅޭ ގޮތުން ”ސަންގުން“ އިބްރާހިމް ވަހީދު އާއި ސުވާލުކުރުމުން ފުރަތަމަ ފާހަގަކުރެއްވީ އީސީ އިން ހާމަކޮށްފައިވާ މައުލޫމާތުތަކެކެވެ. އެގޮތުން 2005 ވަނަ އަހަރު އެމްޑީޕީގެ 20،000 ގިނަ މެންބަރުން ފިންގާ ޕްރިންޓް ނެތިގެން ވަކިކުރިކަމަށް އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިކަން އެމްޑީޕީއަށްވެސް އެންގިކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.
ގާނޫނަށް ގެނައި ބަދަލަކާއިއެކު 2016 ވަނަ އަހަރު މެންބަރުން އުނިކޮށްފައިވާ ލިސްޓެއް އީސީއިން އެމްޑީޕީއަށް ފޮނުވިކަމަށް ފާހަގަކުރައްވާ، އިބްރާހިމް ވަހީދު ވިދާޅުވީ އެ ދުވަހުން ފެށިގެން ފިންގާޕްރިންޓް ސައްހަ ނުވާ ފޯމުތައް އިސީއިން ރިޖެކްޓްކުރުމަށްފަހު އަލުން އަބުރާ އެމްޑީޕީ އޮފީހަށް ފޮނުވަމުންގެންދިޔަކަމަށެވެ. އިބްރާހިމް ވަހީދު އެ ވިދާޅުވާ މައްސަލައާއި ގުޅިގެން އީސީއިން އެމްޑީޕީއަށް 2015 ޖުލައި 6 ފޮނުވި ސިޓީއެއް ދަނީ ދައުރުވަމުންނެވެ.

އެ ސިޓީއިން އިބްރާހީމް ވަހީދުގެ ވާހަކައަށް ބާރުދޭއިރު، ސިޓީގައި ވަނީ ސިޔާސީ ޕާޓީގެ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) ދަށުން ސިޔާސީ ޕާޓީއެއްގެ ހުރިހާ މެންބަރުންނަކީ ފިންގަރޕްރިންޓް ވެރިފައި ކުރެވިފައިވާ ފަރާތްތަކަށްވުމަށް ލާޒިމްކުރާކަމަށެވެ. އެހެންކަމުން، އެމްޑީޕީގައި އޭރު ފިންގަރޕްރިންޓްނުޖަހާ ތިބި މެންބަރުންގެ ފޯމުތައް، އެކަން އިސްލާހުކުރެއްވުމަށްފަހު ކޮމިޝަނަށް ފޮނުވުމަށް ވަނީ ހުށައެޅުމަށް އީސީއިން ވަނީ އެދިފައެވެ.
އީސީއިން 2015 ގައި އެމްޑީޕީގެ އޭރުގެ ޗެއާޕާސަން އަލީ ވަހީދަށް ފޮނުވި ސިޓީގައި އިތުރަށް ބުނެފައިވަނީ 31 ޑިސެމްބަރ 2015 ގެ ފަހުން ސިޔާސީ ޕާޓީތަކުގެ މެންބަރުކަމުގައި ބެލެވޭނީ ފިންގަރޕްރިންޓް ވެރިފައި ކުރުމަށްފަހު އެ ކޮމިޝަނުން ބަލަހައްޓާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ރަޖިސްޓްރީގައި ދަފްތަރުކޮށްފައިވާ މެންބަރުންނަށްކަމަށެވެ. އަދި ފިންގަރޕްރިންޓް ނުލައި ރެޖިސްޓަރ ކުރެވިފައިވާ މެންބަރުންގެ ލިސްޓް އެ ސިޓީއާއިއެކު ފޮނުވާފައިވާކަމަށް އީސީގެ ސިޓީގައިވެއެވެ.
އިބްރާހީމް ވަހީދު ވިދާޅުވީ މިކަން ޕާޓީގެ އާންމު މެންބަރުންނަށް ނާންގާކަމަށާއި، އަދި އެއީ މެންބަރުންނަށް ”ހަދައިގެން“ އުޅުންކަމަށެވެ. އެ ފޯމުތައް ރިޖެކްޓުކުރުމުން އިސްލާހުކުރުމުގެ ބަދަލުގައި ޕާޓީ އޮފީހުގައި ފޮށި ފޮއްޓަށް އެޅުމަށްފަހު ފުނި ފުންޏަށް ޖެހީކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހިމް ވަހީދު ވިދާޅުވީ އީސީން ރިޖެކްޓް ކުރީ ފޯމުތައް އިސްލާހު ކުރުމުގެ. މަސައްކަތް ޕާޓީގެ ދާއިރާތަކުގެ ރައީސުންނަާ ހަވާލު ކުރި ކަމަށާއި ނަމަވެސް އެކަން އޮގޮތަށް ކޮށްގައި ނުވާކަން ފާހަގަ ކުރެއްވިއެވެ. އަދި ފޯމުތައް އިސްލާހު ކުރުމުގެ ބަދަލުގައި އެ ފޯމުތައް ފޮށިފޮއްޓަށް އަޅައި ޕާޓީ އޮފީހުގައި ބަހައްޓާފައި ހުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ ޕާޓީގެ ދަފްތަރުން ފިންގަޕްރިންޓް ނެތިގެން އސީން ރިކެޓް ކުރީ ކޮން ބައެއްގެ ފޯމުތަކެއްކަން ޕާޓީގެ ދާއިރާތަކުގެ ރައީސުންނަށް އެނގޭނެ ކަމަށާއި މިއަދު އެކަން ނޭނގޭކަމަސް ހަދައިގެން އުޅުނަސް އެއީ ހަގީގަތެއް ނޫން ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އަދި ރިކެޓްވި ފޯމުތައް އިސްލާހު ކުރުމަށް ޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ހަވާލު ކުރިކަން އެގެން ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ޕާޓީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އިންތިހާބުވުމަށްފަހު މެއި މަހުގެ ތެރޭގައި ޕާޓީގެ އޮފީހަށް ވަންއިރު، އެފަދަ 22،000 ފޯމު ފެނުންކަމަށާއި، އަދި އެއީ އިދާރީ ކުށްތަކުގެ ސަބަބުން ރިޖެކްޓްކޮށްފައިވާ ފޯމްތަކެއްކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ. އެބޭފުޅުން ޕާޓީގެ ކަންކަމާއި ހަވާލުވުމަށްފަހު އޭގެ ތެރެއިން އިސްލާހުކުރެވެން ހުރި ފޯމުތައް އިސްލާހުކުރިންކަމަށް ފާހަގަކުރައްވާ އިބްރާހީމް ވަހީދު ވިދާޅުވީ އެގޮތުން ގާތްގަނޑަކަށް 7،000 މީހުން އިތުރަށް ޕާޓީއަށް ވެންދިންކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރީގައި ދަފްތަރު ބެލެހެއްޓުމާއި ގުޅޭގޮތުން އެމްޑީޕީއިން ގެންގުޅުނު އުސޫލުތަކާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އިބްރާހީމް ވަހީދު ވިދާޅުވީ، މެންބަރަކު ޕާޓީ ބަދަލުކުރިކަން އީސީއިން އެންގި ނަމަވެސް ޕާޓީގެ ދަފްތަރުން އުނިނުކުރާކަމަށެވެ. އެގޮތުން އެހެން ޕާޓީތަކުގެ ކައުންސިލް މެންބަރުންވެސް އެމްޑީޕީގެ، ޕާޓީގެ ދަފްތަރުގައި ތިބިކަމަށާއި، މެންބަރުން ސިޓީ ހުށައަޅައިގެން ޕާޓީއިން ވަކިވާން އެދުނު ނަމަވެސް ވަކިނުކޮށްދޭކަން ފާހަގަކުރެވިފައިވާކަމަށް އިބްރާހީމް ވަހީދު ވިދާޅުވިއެވެ.

