ރިޝްވަތު ގަބޫލު ކުރުމާއި ، މަނީލޯންޑަރ ކުރިކަމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި އެންމެ ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
”ސަންގު“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކޮށްފައި ވަނީ 9 މީހުން ކަމަށާއި އޭގެ ތެރެއިން ހަ މީހަކު ރޭ ދޫކޮށްލި ކަމަށެވެ. އަދި ތިން މީހަކު ކޯޓަށް ހާޒިރު ކުރުމުން ޝަރުތުތަކަކާއިއެކު ދޫކޮށްލާފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
އިދިކޮޅު ލީޑަރ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ޕީޕީއެމް،ޕީއެންސީ ގެންދަނީ ސިލްސިލާ މުޒާހަރާތައް ބާއްވަމުންނެވެ. އެގޮތުން ކޮންމެ ރެއަކު ވެސް މާލޭގައި މުޒާހަރާކޮށް ރައީސް ޔާމީން މިނިވަން ކުރުމަށް ދަނީ ގޮވާލަމުންނެވެ.
އިދިކޮޅުގެ އިހުތިޖާޖުތަކުގެ ތެރެއިން، މީހުން ހައްޔަރު ކުރާ މައްސަލައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރާގިބު ވިދާޅުވީ ފުލުހުން އެއްވުންތަކުގައި ގާނޫނާއި ހިލާފު ބާރުގެ ބޭނުން ކުރާކަމަށެވެ. އިދިކޮޅުގެ ހަރަކާތްތަކަކީ ހިޔާލުފާޅުކުރުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ ހަރަކާތަކަށްވާއިރު މިއީ އެއްވެސް ހާލަތެއްގައި ހަމަޖެހުން ނަގާލުމުގެ ބޭނުމުގައި ކުރިޔަށް ގެންދާ މުޒާހަރާތަކެއް ނޫން ކަމަށެވެ.
އެއްވުމުގެ ބައިވެރިން މަގުތަކުގައި ތިއްބައި އެއްވެސް ގާނޫނީ އިންޒާރު ދިނުމެއް ނެތި، އެ މީހުންނަށް އަނިޔާ ވާ ގޮތަކަށް ހައްޔަރުކޮށް ފުލުހުންގެ ކަސްޓަޑީއަށް ގެންދިއުމަށް ފަހު ހައްޔަރަށް ނުލައި އެ މީހުންގެ ކަރާމާތަށް އުނިވާނެހެން ބަލާ ފާސް ކުރާކަމަށް ރާގިބު ވިދާޅުވި އެވެ.
މީހަކު ހައްޔަރުކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށް ފަހު އަމަލު ކުރަން ޖެހޭ ގޮތް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށް ރާގިބު ވިދާޅުވީ ތުހުމަތެއް ކުރާ މީހާ އެންމެ ފުރަތަމަ އަނގަބަހުން ގާނޫނީ އިންޒާރު ދިނުމަށް ފަހު ގެންދަން ޖެހޭނީ ހައްޔަރަށް ކަމަށެވެ. އަދި ހައްޔަރު ކުރާތާ 12 ގަޑިއިރުގެ ތެރޭގައި ލިޔެކިއުމުން ގާނޫނީ އިންޒާރު ދޭން ޖެހޭނެކަމަށް ގާނުނުގައި ބުނެފައި ވީ ނަމަވެސް އެގޮތަށް ފުލުހުން އަމަލު ނުކުރާކަމަށް ރާގިބު ވިދާޅުވި އެވެ.
ރާގިބު ވިދާޅުވީ އެއްވުންތަކުން ހައްޔަރު ކުރާ މީހުންނަށް އެކި ގޮތްގޮތުން އަނިޔާ ދިނުމަށް ފަހު، ބަންދުގައި ބަހައްޓަނީ 3 ގަޑިއިރު ކަމަށެވެ. އެއަށް ފަހު ބަންދުން ދޫކޮށްލާއިރު އެ މީހުންގެ ގައިގައި އަނިޔާގެ އެކި ނިޝާންތައް ހުންނަކަން ފާހަގަކުރި އެވެ.

