އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންކަމަށްވާ ރައީސް އިބްރާހިމް މުހައްމަދު ސާލިހު އާއި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމާލައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، އެ ޕާޓީގެ އިސް ލީޑަރު ރައީސް ސާލިހު އަދި ޕާޓީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ކެމްޕެއިން ކުރެއްވުން ނިންމަވާލައްވާފައެވެ. ރައީސް ސާލިހުގެ ކެމްޕެއިން ނިންމާލުމަށްޓަކައި ހުޅުމާލޭގައި ހުންނަ ރުއްގަނޑު ސަރަހައްދުގައި ޖަލްސާއެއް ކުރިއަށް ގެންގޮސްފައިވާއިރު، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭގައި ހިނގާލުމެއް ކުރިއަށް ގެންގޮސްފައެވެ.
އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ކުރިމަތިލާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ދެ ފަރާތުންވެސް ވަނީ ބަހުގެ ހަމަލާތައް ރައްދު ކުރައްވާފައެވެ. އެގޮތުން ރައީސް ސާލިހު، ”ރިއެކްޓު“ ނުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވާއިރު، އެންމެ ފުރަތަމަ ގާއިމު ކުރެވުނު އެމްޑީޕީގެ ވެރިކަން ގެއްލުނީ، ހާލަތާއި ނުބައްދަލު ގޮތަކަށް ރައީސް ނަޝީދު ”ރިއެކްޓް“ ކުރެއްވުމުގެ ސަބަބުންކަމަށް ރައީސް އަދި އެމަނިކުފާނަށް ތާއީދު ކުރައްވާ ބޭފުޅުން ވަނީ ފާހަގަކުރައްވާފައެވެ.
މި ޕްރައިމަރީގެ ތެރެއިން ވެރިކަން ކާމިޔާބު ކުރެއްވުމަށް ކޯލިޝަން ހެދުމާއި ގުޅޭގޮތުންވެސް ބަހުސްތަކެއް ކުރިއަށް ގޮސްފައިވެއެވެ. އެގޮތުން ރައީސް ނަޝީދު، ކޯލިޝަންގެ ސިޔާސަތާއި ދެކޮޅަށް ވަކާލާތު ކުރައްވާއިރު، ކޯލިޝަންއެއްގެ ތެރެއިން ނޫންގޮތަކަށް މި ވަގުތު ވެރިކަން ކާމިޔާބު ކުރެވެން ނެތްކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ. ރައީސް ސާލިހު ވިދާޅުވެފައިވާގޮތުން، ސިޔާސީ މަސްރަހު އޮތް ގޮތުން ރައްޔިތުން އެއް ޕާޓީއަކަށް ވެރިކަން ހަވާލު ކުރަން ތައްޔާރު ނޫންކަން ހާމަވެގެންދެއެވެ.
ރައީސް ނަޝީދު މި ޕްރައިމަރީގެ ތެރެއިން ރައްޔިތުންގެ އާމްދަނީ އިތުރު ކުރުމާއި މެދު ވާހަކަދައްކަވާފައިވާއިރު، ރައްޔިތުންގެ އާމްދަނީ އިތުރު ނުވާކަމަށް ބުނެ އެމަނިކުފާނު ވަނީ ކަންބޮޑުވުމާއި ނުރުހުން ފާޅު ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވެފައިވާގޮތުން، އެގޮތަށް މެދުވެރިވެފައިވަނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ބަދަލުގައި ކޯލިޝަންގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ސަބަބުންނެވެ.
ރައީސް ސާލިހު މި ކެމްޕެއިންގެ ތެރެއިން އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީގެ ވާހަކަތައް ދައްކަވާފައިވާއިރު، އެމަނިކުފާނު ވިދާޅުވެފައިވާގޮތުން، ވޭތުވެދިޔަ ހަތަރު އަހަރު އެންމެ އިސްކަމެއް ދެއްވީ ދިވެހި ދަރިންނަށް ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށެވެ. އަދި ކޮންމެ ރަށެއްގައިވެސް ތައުލީމީ މީހުން ބިނާކުރުމަށް މަސައްކަތް ކުރައްވާފައިވާކަމަށާއި، އެގޮތުގެ މަތިން ހިލޭ ޑިގްރީ ޕްރޮގްރާމެއް އިފްތިތާހު ކުރެއްވިކަމަށް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.

