އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގެ ނާކާމިޔާބީއާއި އެކު، ޕާޓީގެ އިސް ލީޑަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މެދު ކިތަންމެ ބޮޑެތި ހިތްހަމަނުޖެހުންތައް ހުރި ނަމަވެސް ޕާޓީ ދޫކޮށްލައި އިތުރު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ވިސްނުމެއް ނެތްކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ ޕްރައިމެރީގެ ނަތީޖާ ގަބޫލު ނުކުރާކަން ހާމަކުރުމަށް ފަހު، މިއަދު ކެމްޕެއިން ޓީމާއި އެކު ބޭއްވި ބައްދަލުވުމަކަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. ކުރިމަތިލާން ޖެހުނު ނާކާމިޔާބީ އާއި އެކު، ރައީސް ނަޝީދުގެ ބާރު އެއްކޮށް ޕާޓީން ކެނޑުނީކަމަށް ބައެއް މީހުން ސިފަ ކުރެ އެވެ. އަދި އެ ފުރުސަތާއި، ޕްރައިމެރީ ކާމިޔާބު ނުކުރެވުމުގެ ސަބަބުން ރައީސް ނަޝީދު އެމްޑީޕީ ދޫކޮށް، އައު ޕާޓީއެއް އުފައްދަވާފާނެކަމަށް ބައެއް މީހުން ލަފާ ކުރެ އެވެ.
ކެމްޕެއިން ޓީމާއި އެކު ބައްދަލުވުން އޮތް، ދޮން މަނިކް ސްކައިވިއު ރެސްޓޯރަންޓުގައި ނޫސްވެރިންގެ ސުވާލުތަކަށް ރައީސް ނަޝީދު ވިދާޅުވީ ބޭނުން ވަނީ ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގައި ވަކި ގޮތްޕެއް ހަދައި ކުރިޔަށް ދިއުމަށް ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި ޕާޓީއަކީ އެމްޑީޕީ ކަމަށެވެ. އަދި އެމަނިކުފާނުގެ ނަޒަރުގައި އެއީ އުވިގެން ގޮސް، އެއްކޮށް ހަލާކުވެގެން ދާނެ ޕާޓީއެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ. އެމްޑީޕީއަކީ ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ ވަރުގަދަ، އަދި އެންމެ ތާއީދު އޮތް ޕާޓީއެއްކަމަށް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ މިއީ ބަލިވާނެ ޕާޓީއެއް ނޫން ކަމަށެވެ.
”އަޅުގަނޑު ދަންނަ ސިޔާސީ މަސަައްކަތް ހިިންގެނީ އިންތިޒާމް ވެގެން، އަޅުގަނޑު ދަންނަ ސިޔާސީ ޕާޓީއަކީ އެމްޑީޕީ އެކަނި، އަދި ދެކޭ ގޮތުގައި އެއީ ނޫޅެވޭނެ ޕާޓީއެއް ނޫން، ގަޑަބަޑު ޕާޓީއެއް ނޫން، އެއީ ގަދަ ޕާޓީއެއް، އެއީ އަޅުގަނޑު ދުވަހަކުވެސް ދޫކޮށްލާފައި ދާން ގަސްތު ކުރާ ޕާޓީއެއް ނޫން“ ރައީސް ނަޝީދު
ތަކުރާރުކޮށް ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ދޫކޮށް ދިއުމަށް ދުވަހަކު ވެސް ގަސްތެއް ނުކުރައްވާ ކަމަށެވެ. އަދި ޕާޓީގެ އުސޫލުތަކާއި، އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތުން ޕާޓީގެ ތެރޭގައި އިންތިޒާމުވެ ތިބުމަށް ފުރުސަތު އެބައޮތްކަމަށް ވިދާޅުވި އެވެ.
ފިކުރެއްގެ ދިރުން“ ގޮތްޕެއް ހަދައި ހިންގުން އެއީ ދޫކޮށްލަން ޖެހޭ ވިސްނުމެއްކަމަށް ޕާޓީގެ ޗެއާޕާސަން ފައްޔާޒް ވަނީ ރައީސް ނަޝީދަށް ގޮވާލާފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ހިންގާ ގަވައިދުގެ ދަށުން، އެ މަސައްކަތަށް އެއްވެސް ހުރަހެއް ނެތެވެ. އެހެންކަމުން، އެ ގޮފި ހެދުން ހުއްޓުވޭނެ ގޮތެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އެ ވިސްނުމާއި ގުޅޭ މެމްބަރުންނަކީ އެއީ އެކަމަށް ސީދާ ބޭނުން ވެގެން އަންނަ ބަޔަކަށް ވުން މުހިންމު ކަމަށެވެ. ޕާޓީގެ މެމްބަރުން އަބަދުވެސް ވަކާލާތު ކުރަމުން އައީ ބައެއްގެ ދަށު ނުވެ އުޅެވޭނެ ގޮތެއްކަމަށާއި ސަރުކާރުން ބޭނުންވާހާ ގޮތަކަށް އުޅެން ރައްޔިތުން ބޭނުން ނުވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ޕާޓީގެ އާއްމު މެމްބަރުންނަށް ރައީސް ނަޝީދު މިއަދު ދެއްވި ޔަގީންކަމަކީ ޕާޓީގައި ދެމި ހުރުމެވެ. އަދި ޕާޓީގެ ކުރިމަގަށް މަސައްކަތް ކުރާނަމަ 2023 އަކީ ކާމިޔާބު ނުވެ ގެއްލިގެން ދާ އިންތިހާބަކަށް ވެގެން ދިއުން ބަލަން ނުތިބެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބުގެ ވޯޓަކީ ސައްހަ ވޯޓެއް ނޫންކަމަށާއި، ޕާޓީގެ ގިނަ މެމްބަރުންގެ ބަހެއް ކަނޑިޑޭޓު ކަނޑައެޅުމުގައި ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ޕާޓީގެ ގައުމީ މަޖިލީހަށް ރައީސް ނަޝީދު ހުށަހެޅުއްވީ، ”ފިކުރެއްގެ ދިރުން“ ގެ ނަމުގައި އެމްޑީޕީގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ގާއިމުކޮށް ޕާޓީން ވަކި ކުރި 39،000 މެމްބަރުން އަލުން ޕާޓީ އާއި ގުޅުމަށް ފަހު ދެން ކެނޑިޑޭޓާއި މެދު ގޮތެއް ކަނޑައެޅުމަށެވެ. އަދި ”ފިކުރެއްގެ ދިރުން“ ގެ ފަރާތުން ތާއީދު ކުރާ ރިޔާސީ ކެނޑިޑޭޓެއް ކަނޑައަޅާނީ އޭގެ ފަހުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބު، ގެ ކުރިއަށް ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް އެއްބަސް ވާ ކެނޑިޑޭޭޓަކީ ތާއީދު ކުރަން ފަސޭހަ ކެނޑިޑޭޓަކަށް ވާނެކަމަށެވެ.
ރިޔާސީ އިންތިހާބަށް އިއުލާނު ކުރިމާއި ދެމެދު ދެން އޮތީ ފަސް މަސްކަމަށްވުމާއި އެކު، 2023 ކާމިޔާބު ކުރުމަށް އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ސޯލިހު ވަނީ، ރައީސް ނަޝީދަށް ދައުވަތު ވެސް އަރުވާފަ އެވެ. އަދި މުހިންމީ އެމްޑީޕީއަށް ވެރިކަން ލިބުންކަމަށް ފާހަގަކުރެއްވި އެވެ.

