ބިރުދެއްކުމާއި، ބިރުވެރިކަން އުފެއްދުމަކީ އެމްޑީޕީގެ ވެރިކަމެއްގައި މީގެ ކުރިން ފެނިފައިނުވާކަމެއްކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މަޖިލީހަށް ސަރުކާރުގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ހުށައަޅުއްވާފައިވާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި، ސިއްހީ ރައްކާތެރިކަމުގެ ބިލާއި ގުޅޭ ގޮތުން ވާހަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ސިވިލް ސާވީސްގައި މަސައްކަތްކުރައްވާ މުވައްޒަފުންނަކީ ގާނޫނުން ވަރަށް ގިނަ ހައްގުތަކަކާއި، މިނިވަންކަމެއް ލިބިދޭ ބައެއްކަމަށެވެ. އެހެން ނަމަވެސް ސިވިލް ސާވީސްގެ މުވައްޒަފުންނަށް ސިޔާސީ ކަންކަމުގައި ހަރަކާތްތެރިވުމަށް އޮތް ބިރުވެރިކަމުގެ ސަބަބުން ހައިރާންވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
ސިޔާސީ ފިކުރު ތަފާތުވުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ދަށުން މުޒާހަރާއެއްގައި ހަރަކާތްތެރިވެ ހިއްސާކުރެވޭ ވާހަކައެއްގެ ސަބަބުންވެސް ސިވިލް ސާވީސް މުވައްޒަފުންނަށް ފިޔަވަޅު އަޅާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ސޯޝަލް މީޑީއާގައި ލައިކެއް ކޮށްލެވުނަސް ޕީއެސް ސުވާލުކުރާކަމަށް ވިދާޅުވިއެވެ.
މީގެ ކުރީގައި ނެތް މިންވަރަށް ވަޒީފާގެ ބިރު ސިވިލް ސާވިސްގެ މުވައްޒަފުންނަށް އޮތްކަމަށް ތުހުމަތު ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިއީ އެމްޑީޕީގެ ވެރިކަމެއްގައި މީގެ ކުރިން ފެނުނުކަމެއް ނޫންކަމަށެވެ. މިއަދު މާ ނުރައްކާތެރިކަމެއްކަމަށް ފާހަގަކުރައްވާ އާދަމް ޝަރީފް ވިދާޅުވީ މިއަދު ފެންނަމުންދަނީ ވަރަށް ހުދުމުހުތާރު އަމަލެއްކަމަށެވެ. އަދި ބިރުދެއްކުމާއި، ބިރުވެރިކަން އުފެއްދުމަކީ އެމްޑީޕީގެ ވެރިކަމެއްގައި މީގެ ކުރިން ފެނިފައިނުވާ ކަންތައްތަކެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. މިއީ ގާނޫނެއް ނެތިގެން ވާ ކަންތައްތަކެއް ނޫންކަމަށް އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ.
ބިރުދެއްކުމާއި ބިރުވެރިކަން އުފެއްދުން. މިކަންކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ މިއީ ދުވަހަކުވެސް އެމްޑީޕީގެ ވެރިކަމެއްގައި މީގެ ކުރިން ފެނުން މަންޒަރުތަކެއް ނޫން. އެއަށްވުރެ މާ ނުރައްކާ. މިއަދު އަޅުގަނޑުމެންނަށް ފެންނަނީ ވަރަށް ހުދުމުހުތާރުގޮތެއްގައި، ސަރުކާރުގަ ހާއްސަކޮށް މިނިސްޓްރީތަކުގައި ތިއްބަވާ ބޭފުޅުންވެސް ފިއް ކަނޑައިގެންދާ ވަރަށް މިކަންކަމާއި ގުޅިގެން ދަށުގައި ތިބޭ މުވައްޒަފުންނަށް ބިރުވެރިކަން އުފައްދާ މަންޒަރު.
މިކަން މިފަދައިން ތަކުރާރުވަމުން ދަނީނަމަ ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ގަބޫލުނުކުރާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ސުވާލުއުފެއްދެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެކަށީގެންވާ ތަހުގީގެއް ކުރިއަށް ގެންދެވިފައިވޭތޯއެވެ. އަދި ރައީސް ނަޝީދަށް އެ ހަމަލާ ދިނުމުގައި މަޖިލީހުގެ މެންބަރަކު ޝަމިލްނުވާކަމުގެ ކިހާ ޔަގީންކަމެއް އެބަ އޮތްތޯ އާދަމް ޝަރީފް ސުވާލުއުފެއްދެވިއެވެ. މިކަންކަން ރަނގަޅަށް ތަހުގީގުކޮށް އިންސާނުލިބޭކަމަށާއި، އެހެންކަމުން މަޖިލީހުގެ ރައީސްއަށް އެމަނިކުފާނުގެ މަސައްކަތުގެ މާހައުލުގެ ތެރެއިން ރައްކާތެރިކަން އެބައޮތްތޯވެސް އާދަމް ޝަރީފް ސުވާލުއުފެއްދެވިއެވެ. އަދި މަޖިލިހުގައި އާއި އެކިއެކި ތަންތަނުގައި ދައްކާ ވާހަކައިން މަޖިލީހުގެ މެންބަރުންނަށްވެސް ރައްކާތެރިކަން ނެތްކަން ދޭހަވެގެންދާކަމަށް ވިދާޅުވިއެވެ.
މިކަންކަމުން ދޭހަކޮށްދެނީ ރާއްޖޭގެ މަސައްކަތުގެ މާހަލައުލުގައި ބިރުވެރިކަން އޮންނާނެވަރުގެ މިންވަރުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

