ޖުމްހޫރި ޕާޓީ (ޖޭޕީ) އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ހުށައެޅި ގަރާރު އެ ޕާޓީގެ ގައުމީ ކޮންފަރެންސްގެ މެންބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ.
ޖުމްހޫރީ ޕާޓިގެ ފަޜާތުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އަމިއްލަ ކެޑިޑޭޓަކު ނެރެ، ވާދަކުރުމަށް އެ ޕާޓީގެ 4 ވަނަ ގައުމީ ކޮންފަރެންސްއަށް ހުށައެޅީ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ) އެވެ.
މި ގަރާރަށް ފާސްކުރުމުގެ ކުރިން ޕާޓިއިން ވަނީ ގަރާރާއި ގުޅޭ ގޮތުން ބަހުސްކުރުމުގެ ފުރުސަތު ޕާޓީގެ ގައުމީ ކޮންފަރެންސްގައި ބައިވެރީވީ މެންބަރުންނަށްދެއްވާފައެވެ. ޕާޓިގެ ފަރާތުން ވާހަކަދެއްކެވި މެންބަރުން ފާހަގަކުރެއްވި ނުކުތާއަކީ، ރާއްޖޭގައި އޮތް އެންމެ ބޮޑެތި ޕާޓީތަކުގެ ތެރޭގައި ޖުމްހޫރީ ޕާޓީ ހިމެނޭއިރު އަދި، ޕާޓީގެ ލީޑަރުގެ އަމާޒަކާއި، ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ހުރިއިރު އަމިއްލަ ކެނޑިޑޭޓެއް ނެރެ ވާދަނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމެވެ.
މެންބަރުންނަށް ދެއްވި ބަހުސްކުރުމުގެ ވަގުތު ހަމަވުމުން ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވަނީ މި ގަރާރާއިމެދު މެންބަރުންނަށް ފެނިލައްވާ ގޮތް އައްސަވާފައެވެ. އެއާއިއެކުގަރާރު ފާސްވެގެން ދިޔައީ ޖކޮންފަރެންސްގައި އޭރު ހާޒިރުވެ ތިބި، 400 އަށްވުރެ ގިނަ މެންބަރުން އިއްތިފާގުވުމުންނެވެ.
ގަރާރު ފާސް ކުރެއްވުމުން ގާސިމް ވިދާޅުވީ، ކޮންފަރެންސް އިން އިއްތިފާގުވި ނިންމުން ކައުންސިލާއި ހަމައަށް ގެންގޮސް ދެއްވާނެކަމަށެވެ. އަދި އެއީ އަމަލު ކުރުުން މަޖުބޫރު އެއްޗަކަށް ނުވީ ނަމަވެސް، ކައުންސިލާއި ހަމައަށް އެ ނިންމުން ގެންގޮސްދެއްވާނެކަން ތަކުރާރުކޮށް ގާސިމް ވަނީ ފާހަގަކުރައްވާފައެވެ.

