ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ ރައީސް ގާސިމް އިބްރާހިމަކީ ކޮވިޑާއެކު އެންމެ ފުރަތަމަ މުވައްޒަފުން ވަކި ކުރަންފެށި ބޭފުޅާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެެވެ.
އެމްއެމްއޭގެ ގަވަރުނަރު ވަކިކުރުމާމެދު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ނާޒިލް ވިދާޅުވީ އެމްޑީޕީ ސަރުކާރުން ކޮވިޑް މެނޭޖުކުރީ ގޯސްކޮށް ކަމަށް ގާސިމް ވިދާޅުވާއިރު އެންމެ ފުރަތަމަ މުވައްޒަފުން ވަކި ކުރަން ފެށީ ގާސިމްގެ ކުންފުނި ވިލާ ކުންފުނިން ކަމަށެވެ. ނާޒިލް ވިދާޅުވީ އެންމެ ގިނަ މީހުންނަށް ދޭން ޖެހުނު ހުރިހާ އިނާޔަތެއް ދިނީ ވެސް ވިލާ ކުންފުނީގެ މުވައްޒަފުންނަށް ކަމަށެވެ. އަދި ކަންކަން މެނޭޖް ނުވެގެން އުޅެނީ މިސަރުކާރަށް ކަމަށެވެ.
އެއާއެކު ނިޒާމީ ނުކުތާއެއް ނަންގަވާ ގާސިމް ވިދާޅުވީ އެންމެ ފަހަރަކުވެސް ކޮވިޑް މެނޭޖްކުރީ ގޯސްކޮށްކަމަށް ނުދަންނަވާ ކަމަށެވެ.
ގަވަރުނަރު ގެންދިޔައީ ގޯސްކޮށޭ އަޅުގަނޑު ނުދަންނަވަން. އަޅުގަނޑު ދެންނެވީ ކޮމިޓީގަ އެމަނިކުފާނު ދައްކަވާފަހުރި، ފޮނުވާފަހުރި ރިޕޯޓުގެ ވާހަކަ. އަޅުގަނޑު ދެންނެވިން ހަނިމާދޫ ދާއިރާގެ މެންބަރު އިތުރުފުޅު ހައްދަވަން ފެށީމަ އެވާހަކަ. އިތުރު ވާހަކައެއް އަޅުގަނޑު ނުދައްކަން. އެހެންވީމަ ވާހަކަދެއްކެވި މެންބަރު އެ ދެއްކެވި ވާހަކައެއީ ކަނޑައެޅިގެން ގޯހެއް ކަމަށްވާތީ އެވާހަކަ ދަންނަވާލީ.
އެއަށްފަހު ވާހަކަދައްކަވަމުން ނާޒިލް ވިދާޅުވީ މާލިއްޔަތު ކޮމިޓީން އެމްއެމްއޭގެ ގަވަރުނަރު ވަކިކުރަން، މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން، އެއީ ކޮމިޓީގެ މެޖޯރިޓީ ކަމުގައި ވީ ނަމަވެސް، މަޖިލީހުގެ ތަޅުމުގެ މެޖޯރިޓީ ކަމުގައި ވީ ނަމަވެސް ކުރައްވާ މަސައްކަތަކީ ގާނޫނު އަސާސީ ދެކޭ ކަޅު ދުވަހެއް ކަމަށެވެ. ނާޒިލް ވިދާޅުވީ ބަޖެޓެއް ފާސްކޮށް އަލަށް އައި ސަރުކާރާ ހަވާލު ކުރެވުނު ނަމަވެސް އެ މެނޭޖު ކުރަން މި ސަރުކާރަށް ނޭންގުނު ކަމަށެވެ.
ނޭންގުނު މި މެނޭޖް ކުރާކަށް. ނޭންގުނު މިކަން ކުރާނެ ގޮތެއް. ފަށާނެތަނެއް ވެސް ނިންމާނެ ތަނެއް ވެސް ނޭންގުނު. އެކައްޗެއް ވެސް ނޭންގުނު. ނޭންގުނީމަ ކޮންމެސް މީހެއްގެ ބޮލަށް ކަނޑާލަނީ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރު ބަދަލުކޮށް އެހެން ގަވަރުނަރަކު ގެނައިމަ ކުރެވޭނެ ތޯ. ނުކުރެވޭނެ. ނުކުރެވޭނެ. އެއީ ކުރަން ނޭޏްގޭ ބަޔަކު ހަވާލުވެފަ ތިބީމަ. ނުކުރެވޭނެ.
ނާޒިލް ވިދާޅުވީ ދެ ގަވަރުނަރުން އައްޔަނު ކުރި ނަމަވެސް ނުވަތަ ތިން މީހުން އެ މަގާމަށް ލިޔަސް މި ސަރުކާރަށް ކަންކަން މެނޭޖްކުރަން ނޭންގޭނެ ކަމަށެވެ. ކޮވިޑްގެ ހާލަތުގަ ވެސް ނިމިދިޔަ ސަރުކާރުން، މި ގައުމު މެނޭޖް ކޮށްދިނީ ވަރަށް އިޚުލާސްތެރިކަމާއެކީގަ ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ. ގައުމުގެ ހާލަތު މެނޭޖް ނުކުރެވިގެން އުޅޭ ސަބަބަކީ ރައީސަށް އިޚުލާސްތެރިކަމާއެކީގަ އެކަން ކޮށްދެއްވާނެ ބޭފުޅެއް މިހާރު ރައީސްގެ އަރިހުގަ ނެތުން ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ އެކަން ކުރަނީ ކޮން ބައެއްކަން ރައީސަށް މިހާރު ވަރަށް ސާފުވެވަޑައިގެންފައިވާ ކަމަށެވެ. އަދި ރައީސް އަރިހުގަ މިހާރު އެ ތިއްބެވި ބޭފުޅުން ބަދަލުކޮށް، ރައީސަށް އިޚުލާސްތެރި ރަނގަޅު ބޭފުޅުން އެތަނަށް ގެނައުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.
ނާޒިލްގެ ވާހަކައިގައި ވަނީ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ލީޑަރު އިބްރާޙިމް ފަލާހް ދެއްކެވި ވާހަކައަށް ވެސް ރައްދު ދެއްވާފައެވެ. އެގޮތުން ކޮވިޑާ ގުޅިގެން ހައްޖަށް މީހުން ނުފޮނުވުންކަން ފާހަގަކުރައްވާ މެންބަރު ދެއްކެވި ވާހަކައަށް ނާޒިލް ވިދާޅުވީ ބައެއް ބޭފުޅުން އެބަ ހައްޖަށް ނުފޮނުވިއޭ ވިދާޅުވާ އިރު ހައްޖަށް ދާން މި ޖެހެނީ ކޮން ތަނަކަށްތޯ ސުވާލު ކޮށްލުން މުހިއްމު ކަމަށެވެ.
މައްކާއަށް މިދަނީ. ބަންދު ކުރެވިފަ އޮތީ. ތިން މަސް ދުވަސް ވަންދެންނޭ ގެސްޓުން މިތަނަށް ނައީ. ތިންމަސް ދުވަސްތޯ މިތަނަށް ގެސްޓުން ނައިސް އޮތީ. ނޭންގެންޏާ އެވާހަކަ ނުދައްކާނީ. ހައްޖަށް ދަނީ ކޮންތަނަކަށް ކަމެއް ވެސް ނޭންގޭ. ގެފުޅު ހުންނަތަން ބަންދުކުރެވިފަ އޮތް ހާލަތުވެސް އެވަރު ވެސް ނޭންގޭ. ހީވަނީ ނިމިދިޔަ ސަރުކާރުން ރައްޔިތުން ހައްޖަށް ނުފޮނުވާ ހިފަހައްޓާ އޮބަހައްޓައިގެން މިތާ ތިބީ ކަމަށް. މުޅިންވެސް އަޅުވާލަނީ. އޮޅުވާލަނީ. ރައްޔިތުންނަށް ވަރަށް ސާފު ވާނެ. ހައްޖަށް ދާންޖެހޭ ތަންވެސް ރައްޔިތުންނަށް ސާފުވާނެ. މުޅި އެތި މެނޭޖް ކުރި ގޮތް ވެސް ރައްޔިތުންނަށް ސާފުވާނެ.
އެއާއެކު ނިޒާމީ ނުކުތާއެއް ނަންގަވާ މެންބަރު ފަލާހު ވަނީ ދެއްކެވި ވާހަކަ ދިފާއުކޮށް ނާޒިލްއަށް ރައްދުދެއްވާފައެވެ. ފަލާހު ވިދާޅުވީ އެއް މެންބަރަކު ދައްކާ ވާހަކަ އަނެއް މެންބަރަކު ދައްކާ ގޮތާ ޚިލާފަށް ވާހަކަދައްކަވާކަށް މަޖިލީހުގެ ގަވާއިދު ތަން ނުދޭ ކަމަށެވެ. އަދި ވިދާޅުވީ އޭރު ދެންނެވީ ހައްޖަށް ދިއުމުގެ އިހުތިޔާރާ ހުއްދަ ނެތިއްޔާ ހައްޖަށް ދިއުމަށްޓަކައި އެއްވެސް ރައްޔިތަކު ޑޮލަރެއް ވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ. ފަލާހު ވިދާޅުވީ ދެންނެވީ އެ ޚަރަދު ނުހިނގާނެ ވާހަކަ ކަމަށެވެ. އަދި ފަލާހު ވަނީ ނާޒިލް ހުންނެވީ ހަމައިގައި ނޫން ކަމަށް ވެސް ވިދާޅުވެފައެވެ.
ދެންވެސް ލިބުނު ފުރުސަތުގައި ނާޒިލް ތަކުރާރުކޮށް ދެއްކެވީ މި ސަރުކާރަށް ކަންކަން މެނޭޖު ނުވާ ވާހަކައެވެ. އަދި ނުވެސް އެނގޭ ކަމަށާ ރައީސަށް އިޚުލާސްތެރި ބޭފުޅަކު އަރިހުގައި ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ.

