ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެންބަރުންގެ އަދަދު ހިފަހައްޓަން މުޅި މަޖިލިސް އެއްބަސް، ޚިޔާލު ތަފާތުވީ މުސާރައާ ހިސާބުން

ރައްޔިތުންގެ މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފަހައްޓަން ގާނޫނުއަސާސީ ބަދަލުކުރުމަށް އެ މައްސަލައަށް ބަހުސްކުރެއްވި ހުރިހާ މެންބަރުން ވެސް ތާއީދު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާތީ އެކަމާ ގުޅިގެން މަޖިލިސް މެންބަރުންގެ ޚިޔާލު ހޯދުމަށް ބާރަށު ދާއިރާގެ މެންބަރުން އިބްރާހިމް ޝުޖާއު ހުށަހެޅުއްވި ގަރާރަށް ބަހުސްކުރައްވަމުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ ދައުރަކަށް ފަހު ދައުރެއްގައި މަޖިލީހުގެ ގޮނޑީގެ އަދަދު އިތުރުވަމުން ދަނީ ގާނޫނުއަސާސީ ވުޖޫދު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔަ، ހާއްސަ މަޖިލީހުގައި އޭރު ބަހުސްތައް ކުރެވުނު ގޮތަކަށް ނޫންކަމަށެވެ.

މިއީކީ އޮބި އޮންނަވަރެއް ނޫން.. އާދެ މީގެ މީގެ މައިގަނޑު ސަބަބަކީ، ފަސްހާސް މެމްބަރުންނަށް ގޮނޑިއެއް ކަނޑައަޅަން ޖެހޭ ގޮތަށް ގާނޫނުއަސާސީގައި ބަޔާންކުރުން.. އަޅުގަނޑުމެން ބަލަން އެބަޖެހޭ، ބައިނަލްއަޤުވާމީ ގޮތުން އިލްމީ ގޮތުން މިކަންކަން އޮންނަނީ ކިހިނެއްތޯ.. އާދެ މިކަމަކީ ދުނިޔޭގެ އެހެން ގައުމުތައް ކުރިމަތިލައި ހައްލުކޮށްފައިވާ ކަންތައްތައް

ނާޒިމް ވިދާޅުވީ ގާނޫނަށް ބަދަލު ގެނެސްގެން، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުން އައުން ނިމުމަކަކަށް ގެނެވެން އެބައޮތްކަމަށާއި، އޭގެ ތެރޭގައި ގާނޫނުގައި އޮތް އިދާރީ ދާއިރާތަކަށް 5000 މެންބަރުންކަމަށް ބުނާ މާއްދާ، 10،000 އަށް ބަދަލު ކުރުން ހިމެނޭކަމަށެވެ. ނާޒިމް ވިދާޅުވީ މީގެ ސަބަބުން، މެންބަރުންގެ އަދަދު 70 ގެ އަދަދެއްގައި ހިފެހެއްޓޭނެ ކަމަށެވެ.

އެ މައްސަލައަށް ބަހުސްކުރައްވަމުން ތުލުސްދޫ ދައިރާގެ މެންބަރު އިބްރާހިމް ނަސީމް ވިދާޅުވީ އެހެން ގައުމުތަކާއި އަޅާބަލާއިރު ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުވާން ޖެހޭކަން ގަބޫލްކުރަން ޖެހޭ ކަމަށެވެ.

މެންބަރު ވިދާޅުވީ ދުނިޔޭގެ އެންމެ މުއްސަނދި ގައުމަކަށް ފާހަގަކުރެވިފައިވާ ލަކްސަންބާގްގެ އާބާދީއަކީ ހަލައްކަ ފަންސާންސް ތިންހާސް ކަމަށް ވީއިރު ޕާލިމަންޓުގައި ތިއްބެވީ 60 މެންބަރުން ކަމަށެވެ. އަދި ދެވަނައަށް އެންމެ މުއްސަނދި އަޔަލެންޑްގައި ފަސް މިލިއަން މީހުން ދިރިއުޅޭއިރު އެގައުމުގެ ޕާލިމަންޓުގައި ތިއްބެވީ 160 މެންބަރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ކަނޑައެޅުމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ އެކަމާއި ގުޅޭގޮތުން އެކި މަޝްވަރާތައް ލިބެމުން ދާކަމަށާއި ދުނިޔޭގެ އެހެން ތަންތަނުގައި މިކަން ކުރަމުންދާ ގޮތް ބެލުމަށް ވެސް ބައެއް މެންބަރުން ހިޔާލު ހުށައަޅާފައި ވާކަމަށެވެ. ސައުދާ ވިދާޅުވީ، މި ހުށައެޅުމަކީ މުހިންމު ހުށައެޅުމެއްކަމަށް ދެކިވައިގަންނަވާކަމަށެވެ. އެހެންނަމަވެސް އެ ފޯމިއުލާތަކަކީ ރާއްޖޭގައި ބޭނުންކުރެވިދާނެ ފޯމިއުލާތަކެއްތޯ ބެލުން އެއަށްވުރެވެސް މުހިންމު ކަމަށެވެ.

މެންބަރުންގެ އަދަދު ކަނޑައެޅުމާ މެދު ހުުރިހާ މެންބަރުންގެ ޚިޔާލު އެއްގޮތް ނަމަވެސް މަޖިލީސް މެންބަރުންނަށް ލިބޭ އިނާޔާތްތަކާއި މުސާރަ ކުޑަކުރުމާ ގުޅޭ ގޮތުން މެންބަރުންގެ ޚިޔާލު ތަފާތެވެ. އެކަމާ ގުޅިގެން މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ މެންބަރުންނަށް ލިބެމުންދާ މުސާރައާއި އިނާޔަތްތައްވެސް ކުޑަކުރަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ހައްގު ގޮތުގައި އެހެން ގޮތަކުން ލާރިއެއް ލިބޭނެ ބައެއް ނޫން. ދައުލަތްތައްކުގެ އިދާރާތަކާއި އެތަންތަނުންގެ ވެރިންނާއި މުވައްޒަފުން ލިބޭ ފަދައިން މަޖިލީހުގެ މެންބަރުންނަކީ ފައިސާ ލިބޭނެ ބައެއް ނޫން. އަދި ހަތަރު ފަސް ދައުރު އަދާކުރިޔަސް މަޖިލީހަށް ކުރިމަތިލުމަަށް ލިމިޓެއް އެއްވެސް ގައުމެއްގައި އޮތް ތަނެއް ނުފެނޭ.

އެ ގަރާރު ހުށަހެޅުއްވި މެންބަރު ޝުޖާއު މަޖިލިސް މެމްބަރުންގެ މުސާރައިގެ އޮނިގަނޑަށް ވާހަކަ ދައްކަވަމުން ވިދާޅުވީ އިންތިހާބުގައި ރަނގަޅަށް ކެމްޕެއިނުކޮށް އިންތިހާބުވެގެން އައި މެމްބަރަކަށް މުސާރަ ކުޑަކަން އިހުސާސް ކުރެވޭނެ ކަމަށެވެ. ޝުޖާއު ވިދާޅުވީ ސިޓީ ކައުންސިލްގައި އޭނާ ހުންނެވިއިރު އަސާސީ މުސާރައަކީ 30،000 ރުފިޔާކަމަށާއި، މަޖިލިސް މެމްބަރުންނަށް އެލަވެންސް ނުލައި އަސާސީ މުސާރައަކީ 40،000 ކަމަށެވެ.

ރައްޔިތުންނާ ގާތުން މަސައްކަތް ކުރާ މެމްބަރެއްގެ އަތަކު ނޯންނާނެ ލޯލާރިއެއް ވެސް…

އެހެން ނަމަވެސް މުސާރައާއި ގުޅޭގޮތުން އަމިއްލައަށް ވާހަކަ ދައްކައި، ގޮތް ނިންމުން ވެސް އެއީ ރަނގަޅު ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

ގަލޮޅު އުތުރު ދާއިރާ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)، މެންބަރުންގެ މުސާރަ އިތުރުވެފައިވާކަމާއިމެދު ކަންބޮޑުވުން ފާޅުކުރައްވާ ވިދާޅުވީ، މި ދައުރުގައި މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ރެކޯޑު އަދަދެއް ހޭދަކުރާނެ ކަމަށެވެ. މުހައްމަދު ވިދާޅުވީ، 19 ވަނަ މަޖިލީހުގައި ފަސް އަހަރުގެ ތެރޭގައި މެންބަރުންގެ މުސާރައާއި އިނާޔަތްތަކުގެ އިތުރުން އެއް ބޭފުޅެއްގެ އިންޝުއަރެންސަށް 448 މިލިއަން ރުފިޔާ ހޭދަކުރިކަމަށެވެ. އަދި 20 ވަނަ މަޖިލީހުގައި 93 މެމްބަރުންނާއިއެކު 479 މިލިއަން ހޭދަވެގެންދާނެކަމަށާއި އެހެންކަމުން މުސާރައިގެ ގޮތުގައި 20 ވަނަ މަޖިލީހަށް 30 މިލިއަން އިތުރަށް ހަރަދުވާނެކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: