ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައީ، އަނިޔާވެރި ވެރިކަމެއް ނިމުމަކަށް ގެނައުމަށްކަމަށާއި މިއަދުގެ ރިޔާސީ އިންތިހާބު ވެސް އެމަނިކުފާނު ކާމިޔާބު ކުރާނީ އެއްބުރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ރައީސް ސޯލިހުގެ ސަރުކާރުގައި ކުންފުނިތަކުގެ މެނޭޖްމެންޓް ރަނގަޅު ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމަށް ގެނައުމަށް ކުރި މަސައްކަތަކީ ބުރަ މަސައްކަތެއްގެ ގޮތުގައި ސިފަ ކުރައްވައި ޖާބިރު ވިދާޅުވީ އެއީ ވަރަށް ގިނަ ދުވަހުގެ މަޝްވަރާ ކަމަށެވެ. އަދި އެ މަސައްކަތް ކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ އަނިޔާވެރި ފަސް އަހަރުގެ ވެރިކަމެއް ނިމުމަކަށް ގެނައުންކަމަށް ޖާބިރު ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކުންފުނިތައް ހިންގަމުން އައީ އެމަނިކުފާނު ބޭނުންވާ ގޮތަކަށް ގޮށްމުށުގެ ބާރު ބޭނުންކޮށްގެންކަމަށް ތުހުމަތު ކުރައްވައި ޖާބިރު ވިދާޅުވީ ފަސް އަހަރު ނިމިގެން ދިޔައިރު ވައްކަމާއި ކޮރަޕްޝަނުގެ އަމަލުތައް ނުހިނގާ ދައުލަތުގެ އެއްވެސް އިދާރާއެއް ކުންފުންޏެއް އަދި މުވައްސަސާއެއް ނެތް ކަމަށެވެ.
ޖާބިރު ވިދާޅުވީ ރައީސް ޔާމީނަކީ ދިވެހިންނަށް ގެއްލުން ދޭ އަނިޔާވެރިއެއްކަމަށާއި އަދި މީހުން މަރާ ބޭފުޅެއްކަމަށް ބެލެވި އެންމެން އެއް ބަހެއް ކިޔައި އެ ސަރުކާރާއި ދެކޮޅަށް ނިކުތީކަމަށެވެ.
”އަޅުގަނޑުމެން ރައީސަކު މިތަނަށް ގެނައީ ވަރަށް އުނދަގުލުން.. އެއީ އުރޭނިގެން އައި ބޭފުޅެއް ރައީސް އިބްރާހިމް މުހައްމު ސޯލިހަކީ.. ވަރަށް ފިނި ދުވަސްތަކާއި ވަރަށް ފިނި ރޭރޭތަކާއި، ވަރަށް ގިނަ ދުވަހުގެ މަޝްވަރާއަށް ފަހުގައި.. އެކަން ކުރީ ޔާމީނު ވެރިކަމުން ދުރު ކުރަން.. ކުންފުނިތައް ވެސް ހުރީ އޮޅުންސުވާލިކޮށްފައި.. ވައްކަން ނުކުރާ އެއްވެސް ދިމާލެއް ޔާމީނުގެ ވެރިކަމުގައި ނެތިގެން.. ޔާމީނަކީ މީހުން މަރާ މީހެއްކަމަށް ވެސް ބެލެވިގެން ގޮސް ނިކުމެ ރާއްޖޭގެ ރައްޔިތުން އެއްއަޑުން އާދޭސްކޮށްގެން ދިވެހިރާއްޖޭގެ ރައްޔިތުން ރައީސް ސޯލިހު އެއްބުރުން ވެރިކަމަށް ގެނައީ..“
ޖާބިރު ވިދާޅުވީ މިހާރު އޭނާ ހިންގަވާ ގްރީން ޕާޓީ އޮތީ ރައީސް ސޯލިހާއި އެކު ކޯލިޝަން ހަދައި އެމަނިކުފާނަށް ވެރިކަން ގެނެސްދޭން ނިކުމެކަމަށެވެ. ޖާބިރު ވިދާޅުވީ ރައްޔިތުން ރައީސް ސޯލިހު ވެރިކަމަށް ގެނައީ ވެސް އެއްބުރުންކަމަށާއި، 2023 ގެ ރިޔާސީ އިންތިހާބު ވެސް ކާމިޔާބު ކުރާނީ ބޮޑު އަޣުލަބިއްޔަތަކާއި އެކު އެއްބުރުންކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ފަހަކަށް އައިސް ޖާބިރު ގެންދަވަނީ ސަރުކާރުގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ. އަދި ރައީސް ސޯލިހަށް އިތުރު ދައުރެއް ދޭންޖެހޭކަމަށް ވެސް ވިދާޅުވަމުންނެވެ.

