ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުން ރައީސް ޔާމީނަށް ކާމިޔާބު، 52 މިލިއަން ދައްކަން ކުރި އަމުރު ބާތިލު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވި މައްސަލައިގައި، ފަހުން ކްރިމިނަލް ކޯޓުން އެމަނިކުފާނުގެ މައްޗަށް ދައުލަތަށް 52 މިލިއަން ރުފިޔާ ދެއްކުމަށް އަންގައި ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފި އެވެ.

މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ކޯޓުން ރައީސް ޔާމީނަށް އިއްވި 11 އަހަރުގެ ޖަލު ހުކުމަށް ފަހު 3.5 މިލިއަން ޑޮލަރަށް ވާ 52 މިލިއަން ރުފިޔާ ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރުނެވެ.

ވ. އާރަށުގެ މައްސަލައިގައި މިދިޔަ އަހަރު ރައީސް ޔާމީނުގެ މައްޗަށް އިއްވި ހުކުމާއި އެކު ފަސް މިލިއަން ޑޮލަރު ވަކި މުއްދަތެއްގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް ހުކުމް ކުރި އެވެ. އެ މައްސަލައިގައި ލޯންޑާރ ކުރިކަމަށް ބުނާ 3.4 މިލިއަން ޑޮލަރު ދައުލަތައް ދެއްކުމަށް އަންގައި ކޯޓުން އަމުރު ކުރީ ފެބްރުއަރީ މަހު އެވެ. އެހެންވެ އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރީ އެވެ.

މައްސަލައިގައި މިއަދު ހައިކޯޓުން ކުރި ހުކުމުގައި ވަނީ އާރަށުގެ މައްސަލައިގައި ހުކުމް ކުރި ފަހުން މާފަހުގެ މަރުހަލާއެއްގެ ފައިސާ ދެއްކުމަށް އަމުރު ނެރުން ގާނޫނާއި ހިލާފުކަމަށެވެ.

ހައިކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން އަމުރު ކުރެވޭނީ ހުކުމް ކުރާ ވަގުތާއި އަދި ފަހުން ފެންނަ މުދަލާއި ފައިސާއެއް ނަމަ ފަހުން ނެރޭ އަމުރެއްގެ ދަށުން ކަމަށެވެ.

ދައުލަތަށް 52 މިލިއަން ރުފިޔާ ދެއްކުމަށް އަންގައި އަމުރެއް ނެރުމުގެ ކުރިން ޖަވާބުދާރީވުމުގެ ނުވަތަ އެކަމާއި ގުޅޭގޮތުން ވާހަކަ ދެއްކުމަށް ފުރުސަތު ދީފައި ނުވާކަމަށް ރައީސް ޔާމީންގެ ފަރާތުން ފާހަގަކޮށްފައި ވާތީ އެކަން ހުކުމުގައި ފާހަގަކޮށްފައި ވެއެވެ. އެކަމަށް އިޝާރާތްކޮށް ހުކުމުގައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކުށް ސާބިތުވިކަމަށް ކަނޑައެޅިތާ ދެ މަސް ފަހުން ދައުލަތުން ފޮނުވި ސިޓީއަކާއި ގުޅިގެން ނިންމި އެ ނިންމުން ގާނޫނާއި ހިލާފުކަމަށެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު ހުކުމުގައި އިތުރަށް ވަނީ، އިމްލާ ކުށް އިސްލާހު ކުރުން ފިޔަވައި އިތުރު ބަދަލެއް ހުކުމަށް ނުގެނެވޭނެކަމަށެވެ. އަދި މީގެ ކުރިން މިފަދަކަމެއް ހިނގާފައި ނުވާކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.

ރައީސް ޔާމީންގެ ފަރާތުން މައްސަލަ އިސްތިއުނާފުކޮށް އެންމެ މުހިންމު ނުކުތާއެއްގެ ގޮތުގައި ފާހަގަކުރީ، މައުޟޫއީ މައްސަލަ ނިންމައި ހުކުމް ކުރުމަށް ފަހު އޭގެ ފަހުން ހުކުމުގައި އުނިކަމެއް ފުރިހަމަ ކުރުމުގެ ބޭނުމުގައި ހުކުމުގައި ނެތް ބައެއްގެ މައްޗަށް އަމުރު ނުކުރެވޭނެކަމަށެވެ. އެހެންވެ ހައިކޯޓުން ވެސް އެކަން ފާހަގަކޮށް ހުކުމުގައި ވަނީ މައޫޟޫއީ މައްސަލައިގައި ހުކުމުގައި ކުށްކޮށްގެން ހޯދިކަމަށް ދައުލަތުން ބުނާ މުދަލާއި ފައިސާ ނެގުމަށް ހިމަނާފައި ނެތުމުން އަލުން އަމުރަކަށް އެދެވިދާނެ ގާނޫނީ އެއްވެސް ހަމައެއް ދައުލަތަށް ބުނެދެވިފައި ނުވާކަމަށެވެ.

ހުކުމުގައި އުނިކަމެއް އެކުލެވޭކަމަށް ދައުލަތަށް ގަބޫލު ކުރެވިއްޖެ ހާލަތެއްގައި ދެން އެ މައްސަލަ ހުށަހަޅަން ޖެހޭނީ މަތީ ކޯޓެއްގެ އިސްތިއުނާފު މަރުހަލާއަށްކަމަށް ތިން ފަނޑިޔާރުން އިއްތިފާގުވި އެވެ.

ހައިކޯޓުގެ އަޑުއެހުންތައް ކުރިޔަށް ދިޔައިރު، ފަނޑިޔާރުންގެ ގިނަ ސުވާލުތައް ދައުލަތާއި އަމާޒުވި އެވެ. ހާއްސަކޮށް އާރަށުގެ މައްސަލައިގައި ހުކުމް އިއްވިތާ 60 ދުވަސް ފަހުން ކޯޓުގައި އެފަދަ އަމުރެއް ނެރެދޭން އެދުނު ސަބަބަކީ ކޮބައިތޯ ސުވާލު ކުރި އެވެ. ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ ދިރާސާތައް ކުރިޔަށް ގެންދިއުމަށް ވަގުތު ނެގިކަމަށާއި، ކްރިމިމަލް ކޯޓުން އެ އަމުރު ނެރެފައި ވަނީ ވެސް ދައުލަތުން ސިޓީ ހުށަހެޅިތާ ދުވަސްތަކެއް ފަހުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: