ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ކޯޓުތަކަށް އަތް ބާނައި، ރައީސް ޔާމީން މައްސަލައަށް ނުފޫޒު ފޯރުވާ: ޝިޔާމް

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރިޔަށް ގެންދިޔަ އެއްވުމެއްގެ ތެރެއިން ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް/ ފޮޓޯ: ދެން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑިޝަލް ސާވިސް ކޮމިޝަން ބޭނުންކޮށްގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަނީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތްތަކަށް ނުފޫޒު ފޯރުވަމުންކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނަތުގެ މައްސަލައިގައި، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވި ރައީސް ޔާމީންގެ ހުކުމް މިހާރު ވަނީ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހަޅާފަ އެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް އަދިވެސް ތާވަލުކޮށްފައި ނުވާތީ، އިދިކޮޅުން ވަނީ ކަންބޮޑުވުންފާޅުކޮށް އެއީ ގަސްތުގައި ކުރާ ލަސްކުރުމެއްކަމަށް ސިފަކޮށްފަ އެވެ.

ހުކުމް އިސްތިއުނާފު ކުރިތާ މަހަކާއި ގާތްވެފައި ވަނިކޮށް، ހައިކޯޓުން ވަނީ އިސްތިއުނާފު ފޯމު އިސްލާހު ކުރުމަށް ރައީސް ޔާމީންގެ ވަކީލުންނަށް އަންގާފަ އެވެ. އެކަމަކު އިދިކޮޅުން ބުނީ، އެއީ ރައީސް ޔާމީންގެ މައްސަލައަށް ހުރަސްއެޅުން ކަމަށެވެ. މިވަގުތު އިއްވާފައިވާ ހުކުމުގެ އިތުރުން، ރ. ފުއްގިރި މައްސަލައިގައި ވެސް ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލާފަ އެވެ.

އިދިކޮޅުން އަބަދުވެސް ތަކުރާރުކޮށް ބުނަމުން ދަނީ، ރައީސް ޔާމީންގެ މައްސަލައަށް ސަރުކާފުން ސިޔާސީ ނުފޫޒު ފޯރުވާ ކަމަށެވެ. އަދި އެމްޑީޕީއަކީ ބަހާއި އަމަލާ ދިމާ ނުވާ ޕާޓީއެއްކަމަށް ވަނީ ބުނެފަ އެވެ. ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ޑިމޮކްރަސީގެ ވާހަކަ އެންމެ ހަރު އަޑުން ދައްކާ ބަޔަކީ އެމްޑީޕީ ނަމަވެސް، އެ ޕާޓީއަށް އެ އުސޫލާއި ހަމަތަކުގައި ހިފެހެއްޓޭތަން ނުފެންނަކަމަށެވެ. ޕާޓީގެ ރައީސެއްގެ ގޮތުގައި ހުންނެވި، ރައީސް މުހައްމަދު ނަޝީދަށް ޣައްދާރުވި ބަޔަކު ގައުމު އެދޭ ގޮތަކަށް ކުރިޔަށް ދާނެ ގޮތަކާއި މެދު ޝިޔާމް ސުވާލު އުފެއްދި އެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުންތަކާއި، އެ މައްސަލަތަކަށް އިދިކޮޅުގެ އެއްވެސް ޝައުގެއް ނެތްކަމަށް ތަކުރާރު ކުރައްވައި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ވާހަކަ ގެންނަން ޖެހުނު ސަބަބަކީ އޭރު ވެރިކަމަށް އައުމަށް ދެއްކި އެއްވެސް ވާހަކައެއްގެ މަތީގައި ޕާޓީއަށް ދެމި ނޯވެވުމުގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހުކޮށް، ރައްޔިތުންނަށް ހެޔޮ ގޮތް ގެނެސްދެނެކަމަށް ބުނުމަށް ފަހު އެއާއި އިދިކޮޅަށް މަސައްކަތް ކުރާކަމުގެ ހެއްކެއްގެ ގޮތުގައި ޝިޔާމް ދެއްކެވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލި ދައުވާތަކާއި މިވަގުތު ތަންފީޒު ކުރަމުން ދާ 11 އަހަރުގެ ޖަލު ހުކުމެވެ.

”އަޅުގަނޑުމެންގެ އެއްވެސް ޝައުގެއް ނެތް އެމްޑީޕީއަކަށް.. އަޅުގަނޑުމެންގެ މައްސަލައަކީ މި ފެށިއިރު މިދެއްކި ވާހަކަތައް.. ކޯޓުތަކަށް ވެސް އަތް ބާނަނީއްޔޭ.. ޖޭއެސްސީއަށް އައްޔަނުކޮށްފައި ހުރީ ސީދާ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ހުރި.. ރައީސުލްޖުމްހޫރިއްޔާގެ ދިފާއުގައި ވާހަކަ ދައްކަވާ ބޭފުޅެއް.. ދެން ހުރީ އެޓާނީ ޖެނެރަލް ޖޭއެސްސީގަ.. އެމްޑީޕީގެ މެމްބަރެއް.. ދެން ކިޔާނެއް ކަމެއް ނެތެއް ނޫންތޯ.. އެހެންވީމަ އަޅުގަނޑުމެން މި ދަންވަނީ ސީދާ ރައީސް އޮފީހުން ޖޭއެސްސީ މެދުވެރިކޮށް މައްސަލައަށް ނުފޫޒު ފޯރުވާ ވާހަކަތައް..“

ޝިޔާމް ވަނީ، އާރަށުގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބައްލަވައި ރައީސް ޔާމީނަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި ގާޒީ އަހުމަދު ޝަކީލަށް ހައިކޯޓުގެ ފަނޑިޔާރުކަން ދިނުމަށް ނިންމި މައްސަލައިގެ ވެސް ފާޑުވިދާޅުވެފަ އެވެ. މިއީ ރައީސް ޔާމީނަށް އިއްވި ހުކުމަށް ދިން ހަދިޔާއެއްކަމަށް ސިފަ ކުރައްވައި ޝިޔާމް ވިދާޅުވީ މީގެ ކުރިން ރައީސް ޔާމީނަށް ހުކުމް އިއްވި ފަނޑިޔާރު އައްޔަނު ކުރީ ސުޕްރީމް ކޯޓަށް ކަމަށެވެ. އެހެންކަމުން، ސަރުކާރުން ރައީސް ޔާމީންގެ ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލު ހުކުމެއްގައި ރައީސް ޔާމީން ހުންނެވި ނަމަވެސް، އިދިކޮޅުން ބުނެފައި ވަނީ ރައީސް ޔާމީންގެ ނަން އިންތިހާބުގެ ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށެވެ. އެކަމަކު، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނީ، ތިން މަރުހަލާ ފުރިހަމަވުމަށް ފަހު އެވެ.

ރައީސް ޔާމީންގެ މައްސަލަ އިސްތިއުނާފަށް ހުށަހެޅުމަށް ފަހު ތަފާތު އެކި ފަހަރު މަތީން އެމަނިކުފާނުގެ ގާނޫނީ ޓީމުން މީޑިއާތަކާއި ބައްދަލު ކުރި އެވެ. އެގޮތުން، ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ ހުކުމް ރިޕޯޓު އާދަޔާ ހިލާފު ބައެއް ކަންކަން ފާހަގަވެފައިވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ، ހުލާސާ ބަޔާނާއި ހުކުމުގެ ރިޕޯޓާއި ދިމާ ނުވާކަމަށާއި ރިޕޯޓުގައި އޮތީ ދައުލަތުގެ ބަޔާނުގެ ކޮޕީއެއް ކަމަށެވެ. އިންސާފުވެރިކަމާއި އެކު މައްސަލަ ކުރިޔަށް ގެންގޮސްފި ނަމަ ރައީސް ޔާމީން ހައިކޯޓުން މިނިވަންވުމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ޖަމީލް ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އިންސާފުވެރިކަމާއިއެކު ޝަރީއަތް ގެންގޮސްގެންވެސް ޔާމީނު ކުރި ކަމެއް ނުކުރާ ކަމަކަށް ނުވާނެ. އެކަމަކު ޔާމީނަަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބެން ޖެހޭ. ކޮންމެ ފަހަރަކު ހުކުމް ކުރާ ގާޒީއަށް ޕްރޮމޯޝަން ލިބެންޏާ ސުވާލު އުފެދޭނެ ޖާގަވެސް އޮންނާނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: