ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ދައުވާތައް ވެސް އަނބުރާ ގެންދަން ވަކީލުން ޕީޖީއަށް ލަފާ ދިން: އަބްދުއްރަހީމް

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޕްރެސްކޮންފަރެންސެއްގައި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލި ކޮރަޕްޝަނުގެ ދައުވާ އަނބުރާ ގެންދިއުމަށް ނިންމި ނިންމުމާއި އެއްގޮތަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ވެސް އަނބުރާ ގެންދިއުމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ދެ ފަހަރެއްގެ މަތީން މި ސަރުކާރުގެ ވަޒީރުކަމުން ސަސްޕެންޑު ކުރި މަހުލޫފްގެ މައްޗަށް ދައުވާ އުފުލައި ކޯޓަށް ހުށަހެޅީ 2021، ގެ ނޮވެމްބަރު މަހު އެވެ. ޕީޖީގައި މައްސަލަ އޮންނަތާ ހަ މަސް ފަހުން ކޯޓަށް ހުށަހެޅި މައްސަލައިގައި އެކި ސަބަބުތަކާއި ހުރެ އަޑުއެހުންތައް ވެސް ކުރިޔަށް ގެންދެވިފައި ނުވެ އެވެ. މަހުލޫފްގެ މައްޗަށް ކުރީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ އެވެ. އޭސީސީން މަހުލޫފްގެ މައްޗަށް ކުރަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް އޭނާ ހުންނަވަނިކޮށް އޭރު ބަހުސްތަކެއް ކުރެވުނު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލު ފާސް ކުރުމަށާއި ވެރިކަން ކުރަމުން އައި ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ދެމި ހުރުމަށް 33،000 ޑޮލަރު ނެންގެވިކަމުގެ ތުހުމަތެވެ.

މެލޭޝިއާގައި ހުންނެވުމަށް ފަހު މަހުލޫފް ރާއްޖެ ވަޑައިގަތީ ސީދާ އެ ވޯޓުގައި ބައިވެރިވުމަށް ކަމަށާއި، ވޯޓަށް ފަހު އާއި އޭގެ ކުރީގައި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބާއި ދެމެދު ބަދަލު ކުރެވިފައިވާ މެސެޖުތަކުގައި ވާ ތާރީހުތަކާއި އެސްއޯއެފްގެ އެކައުންޓުން މަހުލޫފްގެ އެކައުންޓަށް ފައިސާ ޖަމާކުރި ތާރީހާއި ދިމާވާކަމަށް އޭސީސީން ބުނެ އެވެ. ކޮމިޝަނުން ތުހުމަތު ކުރާ ގޮތުން އެއީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއެވެ.

މި މައްސަލައިގައި މަހުލޫފް އޭނާގެ ދިފާއަށް ބުނީ، ޕީޕީއެމްގެ މުގާބިލުގައި ދެމި ހުރުމަށް އޭނާއަށް ފައިސާއެއް ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި ބިލަށް ވޯޓުދޭން ޕާޓީން ތްރީލައިން ވިޕެއް ނެރެފައި އޮތްކަމަށް ވިދާޅުވި އެވެ. އަދި އިސްތިއުފާ ދިނުމަށް ވެސް ދެކޮޅު ހެއްދެވި އެވެ. ސަރުކާރުން ވެސް ފަހުން ބުނީ ޒީރޯ ޓޮލަރެންސްގެ ދަށުން އެ މީހަކާއި މެދު ފިޔަވަޅު އަޅާނީ ކޯޓުގައި މަައްސަލަ ސާބިތުވާ ހާލަތެއްގައި ކަމަށެވެ.

މަހުލޫފްގެ ދައުވާތައް ކޯޓުން ބޭރުކޮށްލި މައްސަލައިގައި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީނަށް މި ސަރުކާރުން އަނިޔާ ކުރަމުން ދަނީ އެއްވެސް ހައްދެއް އަދި އިމެއް ނެތި ކަމަށެވެ. ރައީސް ޔާމީނަށް އަނިޔާ ދިނުމުގެ ނިޔަތުގައި، އެމަނިކުފާނާއި މެދު ބޭއިންސާފު އަމަލު ކުރަމުންދާއިރު ދިވެހި ރައްޔިތުން ގަބޫލު ކުރަނީ އެއީ މައުސޫމް ބޭފުޅެއްގެ ގޮތުގައިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއިން ރިޝްވަތު ނެންގެވިކަމުގެ ތުހުމަތުގައި، ދައުވާ އުފުލައި ޝަރީއަތް ވެސް ފަށާފައި ވަނިކޮށް މަހުލޫފްގެ މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން މައްސަލަ ބަލަމުން ގެންދިޔައިރު، މަހުލޫފް ވަނީ ދައުވާ ކުރިޔަށް ނުގެންދެވޭނެކަމަށާއި ޝަރީއަތް ކުރިޔަށް ގެންދާނަމަ ދައުލަތް ބޭޒާރުކޮށްލާނެކަމަށް ވިދާޅުވެފަ އެވެ. އަދި ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރައްވާ މަހުލޫފްގެ މައްސަލަ އަނބުރާ ގެންދިއުމުން، ޕްރޮސެއުޓާރ ޖެނެރަލްގެ އޮފީހުން ހިޔާނާތުގެ ދައުވާތައް އުފުލާފައި ތިބި އެހެން މީހުންގެ ދައުވާތައް ވެސް އަނބުރާ ގެންދިއުމުގެ ލަފާ ދިންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

”އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ މަހުލޫފްގެ މައްސަލަ އަނބުރާ ގެނައުމާއި ގުޅިގެން މި މައްސަލައިގައި.. އެމްއެމްޕީއާރުސީގެ މައްސަލައިގައި.. ކްރިމިނަލް ދައުވާ ކުރުމުގެ ކަންތައްތަކުގައި މަސައްކަތް ކުރާ ވަކީލުން ލިއުމުން ޕީޖީއަށް ލަފާ ދީފި އޭ މި މައްސަލައިގައި ހިމެނޭ ރައީސް ޔާމީން ހިމެނޭ ގޮތަށް މައްސަލަ އަނބުރާ ގެންދަން.. އަޅުގަނޑު ހަމަ ޕީޖީ ޝަމީމް ކައިރީ އަހާލަން ބޭނުން މި ލަފާ ދިން ވާހަކަ މިއީ ރަނގަޅު ވާހަކައެއް ތޯ.. ރަނގަޅު ވާހަކައެއް ނަމަ އެ ލަފާ ގަބޫލު ނުކުރަން ތިއުޅުއްވަނީ ކީއްވެގެން ތޯ..“ އަބްދުއްރަހީމް

އަބްދުއްރަހީމް ވިދާޅުވީ ދައުލަތުގެ ޕްރޮސެކިއުޓާރ ޖެނެރަލްއަކީ މިނިވަންކަމާއި އެކު މަސައްކަތް ކުރައްވަން ޖެހޭ ބޭފުޅެއްކަމަށާއި، ފެހި ގާނޫނު އަސާސީގެ ބޭނުމަކީ ވެސް އެއީ ކަމަށެވެ. ޝަރުއީ ނިޒާމު ހަރުދަނާކޮށް، މިނިވަން ކުރުމުގެ ވާހަކަތައް ދައްކާއިރު އެ މަސައްކަތް ފެށިގެން އަންނަން ޖެހޭ ހިސާބަކީ މިނިވަން އިންސާފުވެރި ގޮތަކަށް ކޯޓަށް ދައުވާތައް ހުށަހެޅުންކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާގޮތަށް ދައުވާތައް އުފުލައި، ބޭނުންވާ ހާލަތެއްގައި ދައުވާތައް އަނބުރާ ގެންދިއުމަކީ ދައުލަތެއްގެ ސިފައެއް ނޫންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ނޫސްވެރިންގެ ސުވާލުތަކަށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް ކުރާ އަނިޔާތަކުގެ ވާހަކަތަކަކީ އެއީ އަލަށް ދައްކާ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި ފެށުނީއްސުރެ ދައްކަމުން އައި ވާހަކަތަކަކީ އިންސާފުވެރިކަމެއް ނެތް ވާހަކަމަށާއި 250 އަށް ވުރެ ގިނަ މީހުންނަށް ހިޔާނާތުގެ މަންފާ ލިބުނުކަމަށް ބުނާއިރު އެ މީހުންގެ މައްސަލަތައް ނުބެލޭ ސަބަބާއި މެދު އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ.

ޕްރެސް ނިންމަވާލައްވަމުން އިދިކޮޅުން ގޮވާލާފައި ވަނީ މަހުލޫފްގެ މައްސަލަ ވެސް އަނބުރާ ގެންދިއުމަށް ނިންމެވި ގޮތަށް ރައީސް ޔާމީންގެ މައްސަލަ ވެސް އަނބުރާ ގެންދިއުމަށެވެ. އަދި ރައީސް ޔާމީން މިނިވަން ކުރުމަށް ވަނީ ގޮވާލާފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގައި ފަސް އަހަރު ވެރިކަން ކުރެއްވި ބޭފުޅަކަށް މިވަރުގެ ބޮޑު އަނިޔާއެއް ލިބެން ޖެހޭނެކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ރައީސް ޔާމީނަކީ ކުށްވެރިއެއް ނޫންކަން ލައްކައަކަށް ވުރެ ގިނަ ރައްޔިތުން ގަބޫލު ކުރާކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: