ށ މާއުނގޫދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މި މަހުގެ 18 ވަނަ ދުވަހު ފެށިއްޖެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ.
މި މަޝްރޫއުގެ ދަށުން، 59،013 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 3،245 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި 362 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި 312 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 1509 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި ރޭމްޕެއް ހެދުމާއި ކޮންކްރީޓް ޖެޓީއެއް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއަކީ 56.33 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

