ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހު ދިވެހި ގާނޫނުގެ ބާރު ކަނޑުވާލައިފި، ސަރުކާރުގެ އެއްވެސް ހަމައެއްލަމައެއް ނެތް: ޑރ ޖަމީލް

ޕީޕީއެމްގެ "އައްޑަނަ" ޖަލްސާގައި ޑރ. ޖަމީލް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ދިވެހި ގާނޫނުގެ ބާރު ކަނޑުވާލައިފިކަމަށާއި، ސަރުކާރުގެ އެއްވެސް ހަމައެއް ލަމެއް ނެތްކަމަށް، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޮގްރެސް ކޯލިޝަނުން ބޭއްވި “ޗަ ގޯސް” ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ މިހާރު ގައުމު މިއޮތް ހިސާބަށްވުރެ ހިތާމަވެރި ހިސާބަކަށް ދިވެހި ގައުމު ދެން ދަތުރު ނުކުރާނެކަމަށާއި، ރައީސްކަމުގެ ހުވާކުރައްވައިގެން ހުންނެވި ރައީސް ސާލިހު ދިވެހި ގާނޫނު އަސާސީގެ ބާރު ކަނޑުވާލައިފިކަމަށެވެ. ވެރިކަން ކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާއަށް ލިބިގެންވަނީ ގާނޫނާއި އެއްގޮތަށްކަމަށް ޖަމީލް ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހުރިއްޔާއަކަށް ކުރެވޭނެ ކަންތައްތަކާއި، ނުކުރެވޭނެ ކަންތައްތައް ލިޔެފަ ވަނީ. ރައީސުލްޖުމްހުރިއްޔާގެ މާނައަކީ ހިތުހުރި ގޮތަކަށް ހިތުހުރިކަމެއް ބޭނުން ގޮތަކަށް ކުރުމެއް ނޫން. އެކަން ނުކުރަން ވެގެން އަޅުގަނޑުމެން ގާނޫނު އަސާސީގައި ހުދޫދުތަކެއް، އިން ފާރުތަކެއް ރާނާފަ މިއޮތީ.

ޖަމީލް ވިދާޅުވިއެވެ.

ޗާގޯސްގެ މައްސަލައަށް އަލިއަޅުއްވަމުން ޖަމީލް ވިދާޅުވީ ދިވެހިރާއްޖޭގެ ސަރަހައްދަށް އުނިކަމެއް އަންނަ އެއްވެސް ކަމެއް ކުރުމަކީ ގާނޫނު އަސާސީ އިން މަނާކުރާކަމެއްކަމަށެވެ. ޖަމީލް ވިދާޅުވީ ސަރުކާރުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ލޯ އޮފް ދަ ސީސް (އިޓްލޮސް) އަށް ވަޑައިގެން ހޯދައިގެން އައީ ގައުމެއްގެ ހަޔާތުގައި ހޯދާނެ އެންމެ ބޮޑު ގެއްލުންކަމަށާއި، ފޯޅަވައްސަކީ ދިވެހިންގެ ތަނެއްކަމަށް ފާހަގަކޮށް ޖަމީލް ވިދާޅުވީ ދިވެހިން އެތަން ހޯދަން ޖެހޭނެކަމަށެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝަހިދަށް ފާޑު ވިިދާޅުވެ، ޖަމީލް ވަނީ ޝާހިދު އިސްވެ ހުންނަވައިގެން ގައުމު ވިއްކާލައިފިކަމަށް ތުހުމަތުކޮށްފައެވެ. ޖަމީލް ސުވާލުއުފެއްދެވީ ރާއްޖެއިން ހުރިޙާ ދުވަހު ނަގަމުން އައި ސްޓޭންޑް ބަދަލުކުރަން ޖެހުނު ސަބަބަކާއިމެދުގައެވެ. ރާއްޖެއަށް ފައިދާ ހުރި ގޮތް ދިވެހި ސަރުކާރުން ހޯދައިދީފިކަމަށް ބުނާ ފަރާތްތަކަށް ރައްދުދެއްވާ ޖަމީލް ވިދާޅުވީ، ރާއްޖެއަށް 200 ކިލޯމީޓަރު ގެއްލިއްޖެކަމަށެވެ. ރާއްޖެއިން ވަކާލާތުކުރަންޖެހޭނީ އިކުއިޓަބަލް ޕޮޒިޝަންއަށްމަށާއި، ދެ ފަރާތުގެ މަސްލަތު އޮންނާނެ ޕޮޒިޝަނަށް ރާއްޖެއިން ވަކާލާތު ނުކުރިކަމަށް ޖަމީލް ވިދާޅުވިއެވެ. އެގޮތަށް ވާކާލާތުކުރެއްވިނަމަ ކަން ނިމިގެންދާނީ ދެ ފަރާތަށްވެސް ފައިދާހުރި ގޮތަށްކަމަށް ޖަމީލް ވިދާޅުވިއެވެ.

ތާރީހީ ގޮތުން އެބައެއްގެ މައްޗަށް ދައުވާއެއް އެބަ އޮތްތޯ ސަރަހައްދު ކަނޑައަޅާއިރު ދުނިޔޭގެ ގާނޫނުގައި ބަލާކަމަށާއި، ފޯޅަވަހީގެ މައްޗަށް މޮރިޝަސްގެ އެފަދަ އެއްވެސް ބާރެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ. ސަރުކާރުގެ ސްޓޭންޑާއި، ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ އެއް އަތޮޅު ގެއްލިއްޖެކަމަށް ޖަމީލް ވިދާޅުވިއެވެ.

މިފަދައިން ކަން އޮތްއިރު އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭކަމަށް ރައީސް ސާލިހު ވިދާޅުވާތީ ޖަމީލް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވައިފިނަމަ ރާއްޖޭގެ ހިންނަވަރު ފަދަ ރަށްތައްވެސް ވިއްކާލާނެކަމަށް ޖަމީލް ވިދާޅުވިއެވެ. ދެން ވިއްކާލާނީ ކޮން އަތޮޅެއް، ކޮން ރަށެއްކަމެއް ނޭގޭކަމަށް ވިދާޅުވެ ޖަމީލް ވަނީ ޗާގޯސްގެ މައްސަލައިގައި ސަރުކާރުން އަމަލުކުރި ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރުގެ އެއްވެސް ހަމައެއްލަމައެއް ނެތްކަމަށާއި، އަމަލުކުރައްވަނީ ސަރުކާރުގައި ތިއްބެވި ބޭފުޅުންގެ މަސްލަތަށްކަމަށް ޖަމީލް ވިދާޅުވިއެވެ.

މީގެ އިތުރުން ޖަމީލް ވަނީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ކޮށްފައިވާ ހުކުމާއި ގުޅޭ ގޮތުންވެސް ވާހަކަދައްކަވާފައެވެ. އެ ހުކުމަކީ ސަރުކާރުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން އިއްވާފައިވާ ހުކުމެއްކަމަށް ޖަމީލް ވިދާޅުވިއެވެ. ރާއްޖެއަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންނަށްވެސް މި ސަރުކާރުން އިހުތިރާމު ނުކުރާކަމަށާއި، ރައީސް ޔާމީންއަށް ކުރަމުންދަނީ ނުހައްގު އަނިޔާއެއްކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: