ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭއި ހައެއްގެ ހަމަލާ: ތަހުމީނަށް އަލުން ހެކި ހުށަހެޅުމުގެ ފުރުސަތު

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޕޮލިހުން ހިންގި އޮޕަރޭޝަންގައި މީހަކު ހައްުޔަރު ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ތަހުމީން އަހުމަދަށް ދިފާއީ ހެކި ހުށަހެޅުމުގެ ފުރުސަތު ދޭން ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް ނަޝީދަށް ފާރަލަމުން ގޮސް 2021، މޭއި 06 ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށް ކުރެވެ އެވެ. ހަމަލާ ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވީކަމުގެ ތުހުމަތައް ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލާފައި ވަނީ ގއ. ކޮނޑޭ، ފޮޅޭމާ/ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ގއ. ވިލިނގިލި ހުދުރުވާގޭ ފަހުމީ އަލީގެ އިތުރުން މ. ކުދެހިގޭ އިސްހާގު އަލީ އާއި، އއ. މާޅޮސް، އައްސޭރިގޭ/ މުހައްމަދު ނާޒިމްގެ އިތުރުން ނ. މަނަދޫ/ ނޫރީގޭ އަލީ ހައިޝަމެވެ.

މައްސަލައިގައި ތަހުމީނާއި ހައިޝަމް އަދި މުޖާޒްގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވީކަމުގެ ކުށުގެ ދައުވާ އެވެ. އަދި ތަހުމީނާއި ހައިޝަމްގެ މައްޗަށް ކުރަނީ ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. ތަހުމީނުގެ މައްޗަށް ދައުލަތުން ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ އަދި ކުށެއް ކުރި މީހަކު ފިލުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ވެސް އުފުލާފަ އެވެ.

މީގެއިތުރުން ފަހުމީގެ މައްޗަށް، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވިކަމުގެ ކުށުގެ ދައުވާ، ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. އިސްހާގުގެ މައްޗަށް މި ދެ ދައުވާ އާއި އެކު ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާ އުފުލާފައި ވެއެވެ.

އައިއީޑީއެއް ގޮއްވާލައި ދިން ބޮމުގެ ހަމަލާގެ މައްސަލައިގެ އަޑުއެހުމެއް މިއަދު ބާއްވާފައި ވަނީ ހެކި ބަސް ނަގަން ފެށުމަށެވެ. މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދިފާއީ ހެކި ހުށަހަޅަން ދިން މުއްދަތުގެ ތެރޭގައި ތަހުމީންގެ ފަރާތުން ދިފާއީ ހެކި ހުށަހަޅާފައިނުވާއިރު މިއަދު ކޯޓުގައި އޭނާގެ ވަކީލު ބުނެފައި ވަނީ އެބައި ފުރިހަމަ ނުކުރެވުނީ މައްސަލައާއި ކުރިން ހަވާލުވެ ހުރި ވަކީލެއްގެ ސަބަބުން ކަމަށެވެ. އެހެންވެ، އެކަމަށް އިއުތިރާފުވެ އޭނާ އެދުނީ ތަހުމީނުގެ ހައްގެއް ގެއްލޭތީ ހެކިތައް ބަލައިގަތުމުގެ އިތުރު ފުރުސަތެއް ދިނުމަށެވެ. އަދި އެކަމަށް އެދި ސިޓީއެއް ވެސް ކޯޓަށް ވަނީ ފޮނުވާފަ އެވެ.

އެގޮތަށް ފުރުސަތު ދިނުމުގައި ދައުލަތުގެ އިއުތިރާޒެއް ނެތް ނަމަވެސް، ތަހުމީނު ހުށަހަޅާ ހެކިތަކާއި ގުޅިގެން ދައުލަތަށް ވެސް ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ފުރުސަތައް އެދުނެވެ.

ތަހުމީނުގެ ފަރާތުން ހެކި ހުށަހެޅީ 2021 ގެ ރޯދަ މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޭނާ ހުރީ އިޝާ ނަމާދުން ފައިބައިގެން ތަރާވީސް ނިމެންދެން މިސްކިތެއްގައިކަމަށް ސާބިތުކުރުމަށާއި، އޭނާއަކީ ސައިކަލެއް ގަނެވޭވަރުގެ މާލީ ގާބިލުކަން ނެތް މީހެއްކަން ސާބިތު ކުރުމަށެވެ.

މި މައްސަލައިގައި ދެން އޮންނަނީ ތަހުމީނުގެ ހެކިތަކާއި ދެކޮޅަށް ދައުލަތުން ހުށަހަޅާ ހެކިތަކާއި ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. އެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މި މަހުގެ 18 އަށެވެ.

މައްސަލަ ބައްލަވާ، ގާޒީ ސޮފްއަތު ހަބީބު ވިދާޅުވީ ބޮމުގެ ހަމަލާގެ ތުހުމަތަށް ދައުވާތައް އުފުލާފައިވާ މީހުންގެ ޝަރީއަތްތައް އަވަސް އަވަހަށް ބާއްވައި ހުކުމަކާއި ހަމައަށް ދިއުމަށް ގަސްތު ކުރައްވާ ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަށްކޮށްލަން ދިން ޓެރަރިޒަމްގެ ހަމަލާގެ ޝަރީއަތްތައް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ހުކުމާއި ހަމައަށް ދެވޭނެކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ ނަމަވެސް ހުކުމެއް އައި ހަމައެކަނި މީހަކީ އަވަސް ނިޔާގެ ދަށުން އަދުހަމް އަހުމަދު ރަޝީދެވެ. ދައުލަތާއި އެކު އެކުލަވާލި އިއުތިރާފު އެއްބަސްވުމެއްގެ ސަބަބުން އޭނާގެ މައްޗަށް އައީ 23 އަހަރުގެ ހުކުމެކެވެ.

މި އެއްބަސްވުން އެކުލަވާ ނުލި ނަމަ އޭނާގެ މައްޗަށް އަންނާނެ ހުކުމް 32 އަހަރަށްވުރެ މަތިވާނެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއަކީ ދުރާލައި ރާވައިގެން ދިން ހަމަލާއެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: