ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްރު ކުރި މޭއިހައެއް ހަމަލާގެ ކޮމިޓީ ރިޕޯޓު ހޯދަން އާރުޓީއައިއެއް؛ ރިޕޯޓު އާންމު ކުރުމާ މެދު ގޮތެއް ނިންމަނީ!

ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި ބޭނުން ކުރި ސައިކަލު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމް ހަމަލާގެ މައްސަލައިގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން އެކުލަވާލި އިންކުއަރީގެ މުޅި ރިޕޯޓު ހޯދުމަށް އާންމުންގެ މީހަކު ހުށަހަޅައިފި އެވެ.

މިއަދު އޮތް ބައްދަލުވުމުގައި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، މޭއި ހައެއްގެ އިންކުއަރީ ފުލް ރިޕޯޓު ހޯދުމަށް އާންމުންގެ މީހަކު އާރުޓީއައި ފޯމެއް ހުށަހަޅާފައިވާ ކަމަށެވެ.

ބައެއް ބައިތައް ސިއްރު ކުރުމަށް ފަހު ގައުމީ ސަލާމަތީ ކޮމިޓީން 2021، ޖުލައި މަހު އާންމު ކުރި އެ ރިޕޯޓު ހޯދަން އެދިފައިވާ މައްސަލައިގައި މެމްބަރުންގެ މަޝްވަރާއަކުން ގޮތެއް ނިންމަން އަސްލަމް އެދުނެވެ. އަދި ވިދަޅުވީ ކޮމިޓީން ސިއްރު ކުރި ބައިތައް އަލުން ރިވިއު ކުރުމަށް ފަހު ގޮތެއް ނިންމުމުގެ ބައްދަލުވުން އަންނަ ހޯމަ ދުވަހު އެޖެންޑާ ކުރާނެ ކަމަށެވެ. އަސްލަމް ވިދާޅުވީ އެ ބައްދަލުވުން ކުރިޔަށް ގެންދާނީ، ސިއްރު މަޖިލީހެއްގެ ގޮތުގައިކަމަށާއި އެ ނުކުތާތަކުގެ މައްޗަށް ވާހަކަ ދައްކާނީ އެއަށް ފަހު ކަމަށެވެ. އަދި ގޮތެއް ނިންމައި، ސިއްރު ކުރުމާއި ގުޅޭގޮތުން ގޮތެއް ނިންމާނެކަމަށް ވިދާޅުވި އެވެ.

އޭގެ ފުލް ރިޕޯޓު ހޯދުމަށް ކޮންމެވެސް ފަރާތަކުން މިވަނީ މަޖިލީހުގައި އެދިފަ.. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން.. މުޅި ފުލް ރިޕޯޓު ހޯދަން.. އަޅުގަނޑުމެން އާންމު ކުރި ރިޕޯޓުގައި ހުންނާނެ ބައެއް ކަންކަން ސިއްރުކޮށްފަ..

ސިއްރު ކުރި ރިޕޯޓެއް ހޯދުމަށް ހުށަހެޅުމުން، އެކަމާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭކަމަށް މުގައްރިރު ވިދާޅުވުމުން ފުރުސަތަކަށް އެދިވަޑައިގެން ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ ރިޕޯޓުގައި ހުރި ބައެއް ބައިތައް ސިއްރު ކުރަން ޖެހޭތީ، އެގޮތަށް ނިންމީ ހުރިހާ މެމްބަރުންގެ ވެސް އިއްތިފާގުން ކަމަށެވެ. އެހެންވެ ޣަފޫރު ހުށަހެޅުއްވީ މޭއި ހައެއްގެ ހަމަލާގެ ފުލް ރިޕޯޓު ދޫކުރަން ނުފެންނަކަމަށް ނިންމުމަށެވެ.

އެހެންވީމަ އަޅުގަނޑަކަށް ނުފެނޭ އެ ރިޕޯޓު ދޭކަށް.. އެ ރިޕޯޓު އޮތް ގޮތަށް ސިއްރު ރިޕޯޓެއްގެ ގޮތުގައި ބޭއްވުމަށް އަޅުގަނޑު ހުށަހަޅަން

މެމްބަރުން ދެން ދެއްކެވި ވާހަކަތައް ސިއްރުކޮށްފައިވާތީ، ދެން މަޝްވަރާ ކުރީ ކޮންބައިތަކަކާ ގުޅޭގޮތުންކަން ސާފެއް ނޫނެވެ. އަސްލަމް ވިދާޅުވީ ގޮތެއް ނިންމާނީ އަންނަ ހަފްތާގެ ބައްދަލުވުމުގައި ކަމަށެވެ.

50 އަށް ވުރެ ގިނަ މީހުން ހާޒިރުކޮށް ހިންގި މި އިންކުއަރީގެ މައްޗަށް އެ ކޮމިޓީން އެކުލަވާލީ 236 ސަފްހާގެ ރިޕޯޓެކެވެ. އޭގައި 45 ހުށަހެޅުން ކޮމިޓީން ހިމަނާފައިވާއިރު، ދައުލަތުގެ ބާރުތަކުގެ ވެރިންނަށް މި ރިޕޯޓް އަރުވާނެއެވެ.

ރިޕޯޓްގައި ގައުމީ ސަލާމަތާ ގުޅުންހުރި ބައެއް މައުލޫމާތުތައް ހިމެނޭތީ، ރިޕޯޓު އާއްމު ކުރާއިރު އެބައިތަ އުނި ކުރުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ. އެކަން ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމް މީގެ ކުރިން ވެސް މީޑިއާތަކާއި ހިއްސާ ކުރެއްވި އެވެ.

އުނި ކުރި ބައެއް މައުލޫމާތުތަކުގެ ތެރޭގައި ހިމެނެނީ އިންޓެލިޖެންސް ހިންގުމާއި، އަމަލު ކުރަމުންދާ ގޮތާއި، އެ ނިޒާމުގެ ތެރޭގައި ހިމެނޭ ސިއްރުތަކެވެ. މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކުން، ފޯރުކޮށް ދޭ ސެކިއުރިޓީގެ ސިއްރުތައް ވެސް ރިޕޯޓުން ވަނީ އުނިކޮށްފަ އެވެ.

ކޮމިޓީގެ ރެކަމަންޑޭޝަންތަކަށް އަމަލު ނުކުރާތީ އެކަމުގެ ޝަކުވާތައް ގިނަ އެވެ. އަދި އެމްޑީޕީ ދޫކޮށް ޑިމޮކްރެޓްސް އުފެދި މެމްބަރުން ގަބޫލު ކުރާގޮތުގައި ރައީސް ނަޝީދަށް ދިން ހަމަލާގެ އަސްލު ފޮރުވުމަށް ސަރުކާރުން މަސައްކަތް ކުރި އެވެ. އަދި އެ ހަމަލާއަށް ފަންޑު ކުރި މީހުން ސަރުކާރުން ހޯދާފައި ނުވަނީ ގަސްތުގައިކަމަށާއި، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންގެ މައްޗަށް އެކުލަވާލި މޭއި ހައެއް ކޮމިޓީތައް ބައެއް ޕާޓީގެ އިސްބޭފުޅުން ބޮއިކޮޓު ކުރީ އެ ސަބަބާއި ހުރެކަމަށް ވަނީ ބުނެފަ އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ރައީސް ނަޝީދަށް ފާރަލަމުން ގޮސް 2021، މޭއި 06 ގައި އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ ތުހުމަތު ގިނަ ބައެއްގެ މައްޗަށް ކުރެވެ އެވެ. ހަމަލާ ދިނުމުގައި އެކި ގޮތްގޮތުން ބައިވެރިވީކަމުގެ ތުހުމަތައް ހައްޔަރުކޮށް ދައުލަތުން ދައުވާ އުފުލާފައިވީ ނަމަވެސް ދެ އަހަރުވީ މި ކުށް ސާބިތުވީ އެންމެ މީހެއްގެ މައްޗަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: