ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޭ 6 ހަމަލާ: ހައިކޯޓުން ނިންމީ ތަހުމީނުގެ ހެކިތައް ބަލައިގަނެވޭނެކަމަށް

ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެން ޕޮލިހުން ހިންގި އޮޕަރޭޝަންގައި މީހަކު ހައްުޔަރު ކުރަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިޒަމްގެ ހަމަލާގެ މައްސަލައިގައި ދައުވާ ލިބޭ ތަހުމީން އަހުމަދުގެ ދިފާއީ ހެކިތައް ބަލައިނުގަތުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި އެވެ.

ދަށު ކޯޓުގައި އަދިވެސް ކުރިޔަށް ދާ ބޮމުގެ ހަމަލާގެ ޝަރީއަތަށް ތަހުމީނު ވަނީ ހާދިސާ ހިނގި ތަނުގައި އޭނާ ހާޒިރުވެ ނެތްކަމަށް ސާބިތު ކުރުމުގެ ދެ ހެއްކެއް ހުށަހަޅާފަ އެވެ. އެކަމަކު ކޯޓުން އެ ބަލައިނުގަތުމަށް ނިންމާފައި ވަނީ، ތަހުގީގުގައި އެ ދިފާއު ނުނަގައި އޮތުމުންނާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތްގޮތުން އެ ދިފާއު ތަހުގީގުގައި ނަގަން ޖެހޭކަމަށް ބުނެ ދައުލަތުން އިއުތިރާޒު ކުރުމުންނެވެ.

އެ ނިންމުން ހައިކޯޓުގައި ތަހުމީނުގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ހުކުމް ކުރީ ހެކި ހުށަހެޅުމުގެ ހައްގު ތަހުމީނަށް ލިބެން ޖެހޭ ކަމަށެވެ.

މޭއި 06، 2021 ގައި ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ތަހުމީންގެ މައްޗަށް ކުރަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާގެ އިތުރުން، ގޮވާތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ. އަދި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.

ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން މި މައްސަލަ ކޯޓަށް ހުށަހެޅީ އޮގަސްޓު 02، 2021 ގަ އެވެ.

މި މައްސަލައިގެ ދިފާއީ ހެއްކެއްގެ ގޮތުގައި ތަހުމީން ހުށަހަޅާފައިވަނީ، ދެ މީހެކެވެ. އެކަމަކު ހެކި ބަލައިނުގަތުމަށް ނިންމާފައި ވަނީ ކޯޓުގެ ނިންމުމުގައި ވާގޮތުން އެގޮތަށް ތަހުމީން ހުށަހެޅީ ގާނޫނުގެ 122 ވަނަ މާއްދާގެ އިޖުރާއަތްތަކާއި ހިލާފަށްކަމަށް ބުނެ އެވެ.

މައްސަލަ އިސްތިއުނާފުކޮށް، ތަފްސީލުގައި ތަހުމީނުގެ ފަރާތުން ބުނެފައި ވަނީ އިސްތިއުނާފު ކުރެވޭ ނިންމުމުގައި ފަނޑިޔާރު ނިންމުމަށް ވާސިލުވެފައި ވަނީ އިސްތިއުނާފު ކުރާ ފަރާތަށް ދީފައިވާ ގާނޫނީ އިންޒާރުގައި ތުހުމަތު ކުރެވޭ މައްސަލައިގެ ހާދިސާ ހިނގިތަނާއި ވަގުތު ބަޔާންކޮށް މައްސަލައިގެ ތަފްސީލު ހިމަނާފައިވާކަމަށް ބަޔާންކޮށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 122 ވަނަ މާއްދާ ތަތުބީގުކޮށްފައި ވަނީ އިސްތިއުނާފު ކުރާ ފަރާތަށް ލިބެން ޖެހޭ އަސާސީ ހައްގުތައް ހަނިވެގެން ދާގޮތަށް ކަމަށެވެ.

މީގެއިތުރުން ދައުލަތުން ކުރާ ދައުވާތަކުގެ ތަފްސީލު ކުރިން ނޭނގޭކަމަށާއި، އޭގެ ކުރިން އެ ދުވަހާއި ގުޅޭ އެއްވެސް ސުވާލެއް ނުކުރާކަމަށް ތަހުމީނު ބުނެފައި ވެއެވެ. ރައްދުގައި ދައުލަތުން ބުނީ 28 ޖޫން، 2021 ގައި ތަހުމީނާއި ސުވާލު ކުރެވުނުކަމަށާއި އެހެން ނަމަވެސް އޭނާ ހަނު ހުރުމުގެ ހައްގު ބޭނުން ކުރިކަމަށެވެ. އަދި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 47 ވަނަ މާއްދާގެ ދަށުން ހަނު ހުރި މީހަކާއި ސުވާލު ކުރެވޭނެ ގޮތެއް ނޯންނާނެކަމަށް ދައުލަތުން ބުންޏެވެ.

މި މައްސަލައިގައި ހައިކޯޓުން ބުނީ، ގޮތެއް ކަނޑައަޅަން ޖެހެނީ މައްސަލައިގެ ވާގިއާތަކަށް ބަލައި އިސްތިއުނާފު ކުރާ ފަރާތަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 122 ވަނަ މާއްދާގެ (އ) ގައި ބަޔާން ކުރާ އިސްތިސްނާ ލިބިދެވޭނެ ހާލަތެއް އޮތްތޯ އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ފަހު، ތިން ފަނޑިޔާރުންގެ އިއްތިފާގުން ހައިކޯޓުގެ އިއްޔެގެ ނިންމުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލު ކުރުމަށެވެ. އަދި ތަހުމީނުގެ ފަރާތުން ހެކި ބަލައިނުގަނެވޭނެ ހެކިތައްކަމަށް ކަނޑައަޅާނެ ތަނެއް ނެތްކަމަށް ވަނީ ނިންމާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: