ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ޚާރިޖީ ސިޔާސަތު އެންމެ އިސްކަންދެނީ އިންޑިއާ ކަނޑުގެ ސަލާމަތް ދެމެހެއްޓުމަށް: ނައިބު ރައީސް

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިންޑިއަން އޯޝަން ކޮންފަރެންސް 2023ގައި ތަޤުރީރުކުރެއްވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުންދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަންދެއްވާކަންތައްކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. މިކޮންފަރެންސް ކުރިޔަށް ދަނީ، މި މޭ މަހުގެ 12އިން 13އަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

މިކޮންފަރެންސްގެ ޝިޢާރަކަށް މިއަހަރު ކަނޑައަޅާފައި ވަނީ، “ދެމެހެއްޓެނިވި ކުރިމަގަކަށް؛ ޞުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން” މިޝިޢާރެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި މިފަހަރުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިޞްލާޙީބަދަލުތައް އިޚްތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވިސްނާ ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާ ، އިންސާނީ ވަގުފާރިއާ، ޤާނޫނާއި ޚިލާފަށް ކުރާ ހިޖުރައާ ، މަސްތުވާތަކެތީގެ ވިޔަފާރިއާ ، ރިޕޯޓް ނުކުރެވޭ މަސްވެރިކަމާ، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލުގެ ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެކަމުގައި ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ޞަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ނައިބު ރައީސް ވަނީ، އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: