ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފްތިތާހްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހްކޮށްދެއްވައިފިއެވެ.

ވޭސްޓް ސްޓޭޝަން އިފްތިތާހުކޮށްދެއްވީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

މި މަޝްރޫއު މުޅިން ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނިއެންދުން ހުއްޓާލުމާއި، އަތޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ، ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނިބުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު، ޞިއްޙަތަށް އޮތް ނުރައްކާ ބޮޑުކަންވެސް ފާހަގަކުރެއްވެވިއެވެ.

މާލޭގައި ގާއިމްކުރެވުނު އައު ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަގްސަދުގައި ޒަމާނީ ވަސީލަތްތަކާއިއެކު ބިނާކޮށްފައިވާ 65 ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ.

އާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނުން، ކުނި މާލެއިން ކަލެކްޓްކޮށް، ތިލަފުއްޓަށް އުފުލުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރާނެއެވެ. އެގޮތުން ވެހިކަލްގައި ކުނި ބަހައްޓައިގެން ކުނީގެ ބަަރުދަން ބެލުމާއި، ކުނި ވަކިކޮށް ކޮންޓެއިނަރުގައި ޕެކުކޮށް، އަދި އެކަމަށް ޚާއްސަ އުޅަނދުތަކުގައި ކުނި ތިލަފުއްޓަށް ގެންދާނެއެވެ. މިއީ ކުނި ކަލެކްޓްކުރާ 300 ވެހިކަލްއަށް ގަޑިއަކު ކުނި ހުސްކުރެވޭނެ ފެސިލިޓީއެކެވެ. މި ސްޓޭޝަނާއިއެކު، ކުރިން ކުނި އުކަމުންދިޔަކޮށް ހާމއަށް ބާޖުތަކަށް އަޅައިގެން ކުނި އުކުން ނިމުމަކަށް އަންނާނެއެވެ.

މީގެއިތުރުން، ކުނި މެނޭޖްކުރާ އިދާރާތަކަށް ފަސޭހައިން އެކުގައި މަސައްކައްކުރެވޭނެ، 5 ފަންގިފިލާގެ އޮފީސް އިމާރާތެއް ވޭސްޓް ސްޓޭޝާންގައި ވަނީ އަޅާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ، މިއީ މިހާތަނަށް ރާއްޖޭގައި ކުނި މެނޭޖްކުރުމަށް ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓްތަކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެންނާނެ މަސައްކަތެއްކަމަށެވެ. މި ސްޓޭޝަނާއިއެކު، އެންމެ ބޮޑު އިސްކަމެއް ދެން ދޭނީ، ކުނި ވަކިކުރެވޭކަން ކަށަވަރުކުރުމަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“މީގެ އެންމެ މުހިންމު ކަމަކަށްވަނީ، މާލެ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ޒާމާނީ އެންމެ ފުރިހަމަ ސްޓޭޝަނަކަށް ވުން. ދެން ކުނި ގެންދާނީ ބާވަތް ވަކިކޮށް. މީގެއިތުރުން ކުނިއުކުރުމަށް ޚާއްސަ ޒަމާނީ ވެހިކަލް ފްލެޓްވެސް މިހާރު ރާއްޖެއަށް ގެނެސްފިން.” މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަކީ ބޭރުގެ ޤައުމުތަކާއި، ޖަމިއްޔާތަކުގެ ބޮޑު އެހީތެރިކަމަކާއެކު ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. މި ޕްރޮޖެކްޓްގެ ދެ ފިޔަވަހިގެ މަސައްކަތަށް 211 މިލިއަން ޑޮލަރު ހޭދަވެއެވެ. މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރުމުގެ މަޝްރޫޢުގައި މާލެ، ކ.އަތޮޅު، އއ، އދ އަދި ވ އަތޮޅު ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: