ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ވަގަށް ގޮވި މައްސަލައިގައި، އެންވައިރޮމެންޓް މިނިސްޓްރީގެ ސްޓޭޓް ހަސަން މުޣުނީ މަގާމުން ވަކިކޮށްފި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން، އެންވައިރޮމެންޓް މިނިސްޓްރީއަށް ބަދަލު ކުރި މުޣުނީއަކީ ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
ރައީސް ސޯލިހާއި، ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ވަގަށް ގޮވައި ޓުވީޓު ކުރިތާ މާގިނައިރުތަކެއް ނުވާ އޭނާ އެ ޑިލިޓު ކުރި އެވެ. ބައެއް މީހުން ތުހުމަތު ކުރި ގޮތުގައި އެއީ ކާކުކަން ނޭނގޭ ވަގު އެކައުންޓުން ކުރަން އުޅުނު ޓުވީޓެއް މުޣުނީގެ އެކައުންޓުން ކުރެވިފަ އެވެ. އެކަމަކު އޭގެ ހަގީގަތް ސާފެއް ނޫނެވެ.
ޓުވީޓުގެ މައްސަލައިގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިބި މީހުން މުޣުނީ މަގާމުން ވަކި ކުރުމަށް ގޮވާލި އެވެ. އަދި އޭނާއާއި މެދު ފިޔަވަޅު އަޅައި ސަރުކާރަށް އެގޮތަށް ޖެއްސުން ކުރާ އެހެން މީހުންނަށް ވެސް އެ އުސޫލުން އަމަލު ކުރުމަށް ގޮވާލި އެވެ.
އެނގިފައިވާ ގޮތުގައި މުޣުނީ މަގާމުން ވަކި ކުރުމުގެ ކުރިން އޭނާ ރައީސް އޮފީހަށް ހާޒިރުކޮށް، ނަސޭހަތް ދީފައި ވެއެވެ. އެހެން ނަމަވެސް، ސިޔާސީ މުވައްޒަފުންނާއި، ސިޔާސީ މަގާމުތަކަށް އައްޔަނު ކުރާ މީހުން ހިފަހައްޓަން ޖެހޭ އަހުލާގީ މިންގަޑާއި މުޣުނީ ހިލާފުވެފައިވާކަމަށް ކަނޑައަޅައި އޭނާ މަގާމުން ވަކި ކުރުމަށް ނިންމީ އެވެ.
މުޣުނީއަކީ ސަރުކާރު ކުންފުނިތަކަށް އައްޔަނު ކުރި ވެރިންގެ ތެރެއިން، އެއްވެސް ހިންގުންތެރިކަމެއް ނެތް ހަމައެކަނި އެމްޑީކަމަށް ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވިކަމަށް މީޑިއާއަކުން ގެނެސްދިން ހަބަރަކަށް ވެސް ރައްދު ދީ އޭނާ ސަރުކާރަށް ފާޑުކިޔާފައި ވެއެވެ. އެ ޓުވީޓުގައި މުޣުނީ ވިދާޅުވެފައި ވަނީ ކޮރަޕްޝަނާއި ދެކޮޅަށް އުފެދުނު ސަރުކާރެއް ”ކޮރަޕްޝަން“ އެ ބަސް ވެސް ބޭނުން ކުރަން ހުއްޓާލަން ޖެހުނީ ސައީދުގެ ހިޔާނާތްތައް ގިނަވެގެން ކަމަށެވެ. އަދި ފެނަކައާއި ގުޅުވައި ކުރެވޭ ތުހުމަތުތައް ނުބަލަނީ، ސައީދުގެ ނުފޫޒުގެ ސަބަބުންކަމަށް ވިދާޅުވި އެވެ.
@myfoona is this ACC report about you? Remember the time we talked about the corruption of previous regime?
We came up with the ‘zero corruption’ policy at the inception of this regime & you are the absolute reason why government had to stop talking about it. https://t.co/O6NPcY005t— Hassan Mughnee (@HMughnee) May 15, 2023
އެހެންކަމުން، ނަސޭހަތް ދިންފަހުން އިތުރު ޓުވީޓުތަކެއް ކުރުން އެއީ މަގާމުން ވަކި ކުރުމަށް ނިންމި އެއް ސަބަބަށް ވެދާނެ އެވެ.
މުޣުނީ މަގާމުން ވަކި ކުރިކަން ރައީސް އޮފީހުން ވެސް ކަށަވަރުކޮށްދެ އެވެ.
ރައީސް ސޯލިހަށް ވަގަށް ގޮވައި މުޣުނީ ކުރި ޓުވީޓުގައި އެމަނިކުފާނަށް ބޭނުންކޮށްފައި ވަނީ ”ހިންނަވަރު ވަގު އިބޫ“ އެވެ. އަދި ރައީސް ސޯލިހު ލީޑު ކުރަނީ ކުންފުންޏެއް ހިންގުމުގެ އެއްވެސް ގާބިލުކަމެއް ނެތް ކޮރަޕްޓު މީހުންގެ ޓީމަކާއި އެކީކަމަށް ބުނެފައި ވެއެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ ވާދަކުރާއިރު، މުޣުނީ ފާހަގަކުރެވިފައި ވަނީ ގާސިމާއި އަރިސް ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ޖުމްހޫރީ ޕާޓީގެ އެކި ބައްދަލުވުންތަކުގައި މުޣުނީ ވަރަށް ފަހުން ވެސް ބައިވެރިވެވަޑައިގަތެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގައި ނައިބު ލީޑަރުކަމަށް ވާދަކުރި ނަމަވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީ އާއި އެވެ.

