ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު މެމްބަރުންގެ ސޮޔާއި އެކު އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފިއެވެ.

އީވާ ނައިބު ރައީސް ކަމުން ވަކިކުރަން ހުށަހަޅާފައި ވަނީ ގާނޫނު އަސާސީގައި ބުނާގޮތުން މަޖިލީހުގެ ދެބައިކުޅަ އެއްބަޔަށް ވާ އަދަދަށް މެމްބަރުން ސޮޔާ އެކީގައެވެ. އެއީ 50 މެމްބަރުންގެ ސޮޔެވެ. އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލުނު ނަމަވެސް އީވާ ވަކި ކުރަން ބޭނުން ވަނީ 44 މެންބަރުންގެ ވޯޓު މަޖިލީހުގައި ސަރުކާރަށް އަދިވެސް ހަމަކުރެވޭނެ އެވެ. އެމްޑީޕީގެ މެމްބަރުންގެ އަދަދަކީ މަޖިލިހުގައި އިއުލާން ކުރި ގޮތުން ނަމަ 55 އެވެ.

އީވާ ވަކިކުރުމަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް މެމްބަރުން ވާދަކުރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުންގެ އިގުރާރުގައި ސޮއިކޮށްގެން ކަމަށެވެ. އިންތިހާބު ކާމިޔާބުވެއްޖެ ނަމަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދެމި ހުންނާނެކަމަށް އީވާ ވެސް ހިމެނޭހެން މެމްބަރުން ސޮއި ކުރި ގަރާރުގައި ބުނެފައިވާއިރު، ޕާޓީން ވަކިވެ ސިޔާސީ އެހެން މަސައްކަތްތައް ފެށުމަކީ އެއީ އަމިއްލަ ވައުދާއި ހިލާފުވުންކަމަށް ގަރާރުގައި ވެއެވެ.

ވުމާއި އެކު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގައި ޕާޓީ ވެރިކަމުގައި އޮންނަ އިރު، ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަންކަމުގައި ޕީޖީ ގްރޫޕްގެ މެމްބަރެއްގެ ހައިސިއްޔަތުން އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކޮށްފައިވީ ނަމަވެސް، ޕީޖީގެ މެމްބަރެއްގެ ގޮތުގައި ހުރެ، ފާއިތުވި މުއްދަތުގައި ސަރުކާރަށް ބޭނުންވާ އެއްބާރުލުން ނުދީ އެކަމަށް ފާޅުގައި އިންކާރު ކުރިކަމަށް އެ މައްސަލައިގައި ވަނީ ބުނެފަ އެވެ. އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ އީވާ އިދިކޮޅާއި އެކު ސަރުކާރު ބަލިކަށި ކުރުމަށް ތަކުރާރުކޮށް އެކި ގޮތްގޮތުން މަސައްކަތް ކުރިކަން އެނގެން އެބައޮތްކަމަށެވެ.

މީގެއިތުރުން އީވާ މަޖިލީހުގެ ނައިބު ރައީސަކަށް ހޮވާފައި ވަނީ އެމްޑީޕީގެ މެމްބަރުންގެ ނިންމުމެއްގެ ދަށުން، މަޖިލީހުގައި ނެގި ވޯޓަކުން ފާސްކޮށްގެންކަމަށް ގަރާރުގައި ބުނެފައި ވެއެވެ.

އީވާ މަޖިލީހުގެ ނައިބު ރައީސް ކަމަށް އައްޔަން ކުރުމަށް ވޯޓްދީފައި ވަނީ އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވައުދު ވެފައިވާ ކަންކަން ހާސިލްކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ފުރިހަމަ އެއްބާރުލުން ދިނުމާއި އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުރުމާއި، ޕާޓީއަށް އަދި ޕާޓީގެ ޕީޖީ ގްރޫޕަށް އިހްލާސްތެރިވާނެ ކަމަށް އިތުބާރުކޮށްގެންކަމަށް ވެސް ވެއެވެ. ނަމަވެސް އަމިއްލަ އަށް އެދިގެން އެމްޑީޕީން އީވާ ވަކިވެފައި ވާތީ ކުރަމުން ދިޔަ އިތުބާރު ގެއްލިފައި ވާތީ އިތުބާރު ނެތްކަމަށް ހުށަހެޅީކަމަށް ސަރުކާރު މެމްބަރުންގެ ސޮއި ހިމެނޭ ގަރާރުގައި ވެއެވެ.

އެމްޑީޕީ އިން އީވާގެ އިތުރުން 12 މެމްބަރަކު ވަކިވެފައިވާ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނަވައި އީވާ ވަނީ 2 ވަނަ ދައުރުގެ 2 ވަނަ ޖަލްސާގައި އިއުލާން ކުރައްވާފައެވެ.

މީގެ އިތުރުން އީވާ އާއި އެކު ވަކިވި މެމްބަރުން އިސްވެ އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

”ދި ޑިމޮކްރަޓްސް“ އުފެއްދުމަށް މަސައްކަތް ކުރައްވާކަން އިއުލާން ކުރުމުގެ ގޮތުން ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އީވާ ވިދާޅުވެފައިވަނީ އޭނާ އެމްޑީޕީގައި މަސައްކަތް ކުރީ މަގާމެއް ބޭނުންވެގެން ނޫން ކަމަށާއި ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހިދުމަތް ކުރީ އިހްލާސްތެރިކަމާއެކުގައި ކަމަށެވެ. ނަމަވެސް އީވާ ވިދާޅުވީ ސިޔާސީ ގޮތުން ގަބޫލުކުރަމުންދިޔަ އަސާސްތަކާއި އުސޫލުތައް ނެތިދިޔަ ހިސާބުން އިތުރަށް އެމްޑީޕީގައި ހުރުމަށް ބޭނުންނުވި ކަމަށެވެ.

އީވާ ވިދާޅުވީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިއަށްގެންދެވި “ފިކުރެއްގެ ދިރުން” ސިޔާސީ ޕާޓީއަކަށް ހެއްދެވީ ގިނަ ބަޔަކު “ފިކުރެއްގެ ދިރުން” ގެ އަސާސްތަކާއި އުސޫލުތަށް ތަންފީޒުކުރެވޭނެ މަގެއް ހޯދުމަށް ބޭނުންވުުންކަމަށެވެ.

”ދި ޑިމޮކްރަޓްސް“ ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާއިރު، ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އޮތް އުއްމީދު ގިނަ ބަޔަކު ވަނީ އެއްކޮށް ކަނޑާލާފައިކަމަށް އީވާ ވިދާޅުވިއެވެ. އަދި އެމްޑީޕި މެންބަރުންގެ ބޭރުން ތިބި ރައްޔިތުންނަށް ރައީސް ސާލިހާއި މެދު އެއްވެސް އުއްމީދު ނެތްކަމަށް އީވާ ތަކުރާރުކޮށް ފާހަގަކުރެއްވިއެވެ.

އީވާ ވިދާޅުވީ ”ދި ޑިމޮކްރަޓްސް“ ވެގެންދާނީ މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލާ ހިތްނުވެ، އެތައް ބަޔަކަށް އުއްމީދު އާކޮށްދޭނެ ޕާޓީއަކަށްކަމަށެވެ. އެގޮތުން ސަރުކާރާއިމެދު އޮތް އުއްމީދު ފަޑުވިވަރުގެ ސަބަބުން ދެން ވޯޓުނުލުމަށް ނިންމައިގެން ތިބި ރައްޔިތުންގެވެސް “ދި ޑިމޮކްރަޓްސް” ގެ ޗޮއިސްގެ ސަބަބުން އުއްމީދު އާވާނެކަމަށް އިވާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: