ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ އެޅުމަށް: ނައިބު ރައީސް

އެމް.ޑަބްލިއު.އެސް.ސީގެ 28 ވަނަ އަހަރީ ދުވަހުގެ ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ރާއްޖޭގެ ހުރިހާ ރަށްތަކެއްގައި ފެނާއި ނަރުދަމާ އެޅުމަށްކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ 28 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ، ހެންވޭރު ދަނޑުގައި ބޭއްވި ޙަފްލާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، ނައިބު ރައީސް ވިދާޅުވީ، ފެނަކީ އަސާސީ އެއްޗަކަށް ވާއިރު، އެމް.ޑަބްލިޔު.އެސް.ސީއިން މެދުކެނޑުމެއްނެތި ފޯރުވައިދެނީ ވަރަށް މުޙިއްމު އަސާސީ ޚިދުމަތެއް ކަމަށެވެ. އަދި މާލެ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތައް ހިމެނޭ ގޮތުން މުޅި ރާއްޖޭގައި އެކުންފުނިން މިހާރުވެސް ގިނަ މަޝްރޫޢުތަކެއް ހިންގަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމްކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުޙިއްމު ވަޢުދެއްކަން ފާހަގަކުރައްވައި، އަތޮޅުތަކުގައި ފެނާއި ނަރުދަމާގެ ނިޒާމްތައް ޤާއިމްކޮށް ޚިދުމަތް ދިނުމުގައި އެމް.ޑަބުލިޔު.އެސް.ސީގެ ހީވާގި މުވައްޒަފުން ކުރައްވާ މަސައްކަތަށް އެމަނިކުފާނު ތަޢުރީފް ކުރެއްވިއެވެ. އަދި ކުންފުނިން މުވައްޒަފުންގެ ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި މުހިއްމު ދާއިރާތަކުން އެވޯޑްތައް ދެއްވަމުންގެންދަވާތީ އެކަންވެސް ނައިބު ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އަޅުގަނޑަށް މިއަދުވެސް ބ އަތޮޅުގައި އެމް.ޑަބްލިޔު.އެސް.ސީއިން ކުރިއަށްގެންދާ މަޝްރޫއުއެއް ކައިރިން ބަލައިލުމުގެ ފުރުސަތު ލިބިގެންދިިޔަ. އާދެ އެދިވަޑައިގަންނަވާނެ މީ ކިހާ މުހިންމު ކަމެއްކަން. ފެނާ ނަރުދަމާ އަޅުގަނޑުމެން އެތައް އަހަރުތަކެއް ވެގެންދިޔައިރުވެސް، އާދެ ރާއްޖޭގެ އެތައް ރަށެއް އޮތް އިރު އެ ހިދުމަތް އެއްކޮށް ފޯރުކޮށްދެވިފައި ނެތުމަކީ އެއީ މިއަދުގެ ސަރުކާރުން އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް ކަންތައް.

ނައިބު ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، މިސަރުކާރުން ރައްޔިތުންނަށްދޭ ޔަޤީންކަމަކީ، ކުޑަރަށެއް އަދި ބޮޑުރަށެއް، ކުޑަކަމެއް އަދި ބޮޑުކަމެއް ތަފާތުނުކޮށް، ރައްޔިތުންނަށް ބޭނުންވެފައިވާ ކަންކަން ހުއްޓުމެއް ނެތި އަދި މެދުކެނޑުމެއްނެތި މިސަރުކާރުން ކުރިޔަށް ގެންދެވުން ކަމަށެވެ.

މި ހަފްލާގައި ވަނީ، އެކިދާއިރާތަކުން ފާހަގަކޮށްލެވުނު ކުންފުނީގެ މުވައްޒަފުންނަށް އެވޯޑްތައް ދެއްވާފައެވެ. މީގެ އިތުރުން އެކުންފުނިންދޭ ޔުނީކް ޕަރފޯމަންސް އެވޯޑާއި، ޗެއަރމަންސް އެވޯޑް ފޮރ އެކްސެލެންސް ޙާޞިލް ކުރެއްވި މުވައްޒަފުންނަށް އެ އެވޯޑްތައް ޙަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. އަދި މިހަފްލާގައި އެމް.ޑަބުލިޔު.އެސް.ސީ ގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ޚާއްޞަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ.

މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އުފައްދަވާފައި ވަނީ، 1 އޭޕްރީލް 1995 ގައެވެ. އެކުންފުނީގައި މިހާރު 1247 މުވައްޒަފުން މަސައްކަތްކުރާއިރު، މިދައުރުގެ ތެރޭގައި ރާއްޖޭގެ 31 ރަށެއްގައި 68 މަޝްރޫޢެއް ހިންގުމާއި އެކުންފުނިން ޙަވާލުވެފައި ވެއެވެ. އޭގެތެރެއިން 28 މަޝްރޫއެއް މުޅިން ނިންމައި 40 މަޝްރޫއެއްގެ މަސައްކަތްތައް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: