ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ޚިދުމަތްތައް ލަސްވުމުގެ ޝަކުވާއަށް ހައްލު ހޯދިއްޖެކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގައި އޮތް ސަރުކާރުގެ އިދާރާތަކުގެ މެދުގައި ލިޔެކިޔުން ބަދަލުކުރުމަށް ޒަމާނީ ޓެކްނޯލޮޖީގެ ފަސޭހަތައް ހިމެނޭ ގޮތަށް އިތުރު ފީޗަރތައް ހިމަނައި ތަޖުރިބާކުރުމުގެ ގޮތުން ތަޢާރަފްކުރި އާ ޑިޖިޓަލް ޕްލެޓްފޯމްއިފްތިތާޙްކޮށްދެއްވައި ދެއްކެވި ވާހަކައިގައެވެ.

މިރަސްމިއްޔާތުގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، “ޖެމްސް ވަރކްސްޕޭސް”ގެ ސަބަބުން ޒަމާނާއި އެއްގޮތަށް ޚިދުމަތްތައް ދިނުމުގައި ބޮޑެތި ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އަދި މިއީ ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭނުގެ ދަށުން ކުރެވުނު މުހިއްމު މަސައްކަތެއްކަން ފާހަގަކުރައްވައި އެމަސައްކަތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ފަރާތްތަކަށް ނައިބު ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، މީގެކުރިން ރައްޔިތުންގެ ތެރޭގައި އޮތް އެންމެބޮޑު އެއް ޝަކުވާއަކީ، ސަރުކާރުގެ އިދާރާތަކުން ޖަވާބު ނުލިބުމާއި ޚިދުމަތްތައް ލަސްވުމުގެ ޝަކުވާކަމަށެވެ. އަދި އެކަމަށް ސަރުކާރުން ޚާއްސަ އަހައްމިއްޔަތުކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާފައި ވާކަމަށާއި، މިއަދު މި އިފްތިތާޙްކުރެވިގެން ދިޔަ “ޖެމްސް ވަރކްސްޕޭސް” ސަރުކާރުގެ ހުރިހާ މުއައްސަސާއެއްގައި، ބޭނުންކުރެވެން ފެށުމުން، ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ވޭތުވެގެންދިޔަ 2 އަހަރުގެ ތެރޭގައި ޑޭޓާ ޕްރެޓެކްޝަންއަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ކުރެވިއްގެން ހިގައްޖެކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ގާނޫނު އެކުލަވާލެވިފައިވާކަން ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް ރައްޔިތުންނަށް ގިނަގުނަ ފަސޭހަތަކެއް މީގަ ވާނެކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ. އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން މުޅި ޑިޖިޓަލް ޒަމާނަކަށް ހުރިހާކަމެއް ބަދަލުވެގެން މިދަނީ، އަޅުގަނޑުމެންގެ ކުރިއަށް އެބަހުރި ވަރަށް ގިނަ ކަންތައްތަކެއް.

ނައިބު ރައީސް ވިދާޅުވިއެވެ.

“ޖެމްސް ވަރކްސްޕޭސް” ފަރުމާކޮށްފައި ވަނީ، ޖެމްސް މެދުވެރިކޮށް ރަސްމީ މުއާމަލާތްތައް ކުރުމަށްޓަކައި، ލިޔެކިޔުން ތައްޔާރުކުރުމަށް، އެހެން ސޮފްޓްވެއާއެއް ބޭނުން ކުރަން ނުޖެހޭގޮތަށް، ޓެމްޕްލޭޓްތައް ހިމަނައި، ޖެމްސްއިން ސިޓީ ބިޓީ ޑްރާފްޓްކޮށް، އެފަދަ ސިޓީ ބިޓީތައް ޕްރިންޓް ނުކޮށް އިލެކްޓްރޯނިކް ސޮޔާއެކު ފޮނުވޭ ގޮތަށެވެ. މީގެ އިތުރުން ޖެމްސް ވަރކް ސްޕޭސް ބޭނުންކުރުމުގެ މަރުހަލާތައް ނިމިގެންދާއިރު، ވިޔަފާރިތަކާއި ޖަމިއްޔާތަކާއި އަމިއްލަ ފަރާތްތަކަށްވެސް ޖެމްސްގެ ތެރެއިން ސަރުކާރުގެ އިދާރާތަަކަށް ސިޓީބިޓި ފޮނުވައި މުއާމަލާތްކުރެވޭނެއެވެ.