ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާރުގެ އެމްޑީޕީއިން މަސައްކަތްކުރަނީ ރައްޔިތުންނާއި ގައުމުގެ ހައްގުގަތަ؟ ނުވަތަ އަމިއްލަ މަސްލަހަތަށްތަ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ވުޖޫދުވެގެން އައީ، ރައްޔިތުންގެ ހައްގުގައިކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. އެމްޑީޕީއަކީ މުޅި ރާއްޖޭގެ މަލަމަތި ބަދަލުކޮށްލި ވަރުގަދަ އަޒުމެއްގެ މަތީގައި ތިއްބެވި ގިނަ އަދަދެއްގެ ބޭފުޅުންގެ ބުރަ މަސައްކަތްތަކުން މުޅި ރާއްޖޭގެ އެންމެ ތާއީދު ބޮޑު ޕާޓީގެ ޝަރަފުވެސް ހޯދާފައިވާ ޕާޓީއެކެވެ. ރައްޔިތުންނަށް ގިނަ ގުނަ ހިދުމަތްތައް ކޮށްދީ އެތައް އުފާވެރިކަމެއްވެސް ހާސިލުކޮށްދީފައިވެއެވެ.

އެހެންކަމުން މިއަދު ޕާޓީގެ ތެރެއިން ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެ އަގުލަބިއްޔަތު އަދަދެއް ތިބޭނީ ނުހަނު ބޮޑު ހިތާމައެއްގައި ޖެހިފައިކަންވެސް ޔަގީނެވެ.

ޕާޓީގެ އިސްވެރިންގެ ތެރޭގައި އުފެދިފައިވާ ކޯޅުންގަނޑުގެ ތެރެއިން، ވައްކަމާއި، ހިޔާނާތުގެ އިތުރް ދީނާއި ދެކޮޅު އަމަލުތަކާއި، ގައުމަށް ގައްދާރުވުމުގެ އަމަލުތައް ހިންގަމުންދާކަމަށް އިސް ސަފުގައި ތިއްބެވި މެމްބަރުން އެކަކު އަނެކާއަށް އެބަ ތުހުމަތު ކުރެއެވެ.

މިއަދު ޕާޓީ ބައިބައިވެ، އިސް ސަފުގައި ތިއްބެވި ގިނަ އަދަދެއްގެ މެމްބަރުން އެމްޑީޕީއާއި ވަކިވެ، ދެކޮޅަށްވެސް ނުކުމެ ތިއްބެވިއިރު، މުޅި ޕާޓީގެ މަސްލަހަތު ގެއްލިގެން ދިޔަ މި މައްސަލައިގެ އިސް ސަފުގައި ޝާމިލުވަނީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއެވެ. ތޮޅެމުންދަނީ ވެރިކަމާއިކަމަށް މި ދެ ބޭފުޅުންނަށް ތާއީދުކުރައްވާ ފަރާތްތަކުންވެސް ފާހަގަކުރެއެވެ.

މައްސަލަ ހޫނުވަމުންގޮސް، ރައީސް ނަޝީދު ރައްޔިތުންގެ މަސްލަހަތު ހިމެނޭ މަސައްކަތަކަށް މަޖިލީހުގައި ހުރަސްއަޅުއްވަމުންދާކަމަށް ސަރުކާރު ފެކްޝަންގައި ހިމެނިވަޑައިގަންނަވާ އެތައް މެމްބަރުންނެއް އެކި ފުރުސަތުތަކުގައި ފާހަގަކޮށްފައިވެއެވެ. އެފަދަ އަމަލެއް އެމަނިކުފާނު ހިންގަވާނަމަ، އެއީ ރައްޔިތުންނާއި ގައުމަށް ލިބިގެންދާ ބޮޑު ގެއްލުމެކެވެ. އެމްޑީޕީއިން ރައްޔިތުންނަށް ކޮށްދިންކަމެއްކަމަށް ބުނާ، ޓެކްސް ބޮޑު ކުރުމުގެ ބިލުގެ މަސައްކަތަކަށް އެމަނިކުފާނުގެ ފަރާތުން ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވިއެވެ. އެ މައްސަލައިގައި ސަރުކާރު ފެކްޝަނުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާނެކަމުގެ އިންޒާރުތައް ދިނެވެ. އެހެންނަމަވެސް އެކަމެއް ނުކުރެއެވެ.

އެ މައްސަލަ ނިމުމަށްފަހު ވެސް ރައީސް ނަޝީދާއި ސަރުކާރު ފެކްޝަންގެ ދެމެދު އޮތް ކޯޅުންގަނޑަށް ހައްލުތަކެއް ނުލިބެއެވެ. ސަރުކާރުގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މެމްބަރުން ރައީސް ނަޝީދު ރިޔާސަތުގެ ބާރުގެ ނާޖާއިޒް ފައިދާ ނަންގަވާކަމާއި، ގަވާއިދާއި ހިލާފަށް އަމަލުކުރައްވާކަމާއި، މަސައްކަތަކަށް ހުރަސްއަޅުއްވާ މައްސަލަ އަދި އިދިކޮޅާއި ގުޅިގެން ސަރުކާރަށް ޖެއްސުން ކުރާކަމުގެ ތުހުމަތުތައްވެސް ކުރިއެވެ.

މުޅި ގައުމުގެ ނަޒަރު ހުއްޓިގެންދިޔަ މައްސަލައެއް ކަމަށްވާ، ރާއްޖެއާއި މޮރިޝަސްގެ އިން ވަކި ކުރުމުގެ މައްސަލައިގައިވެސް އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި އެއް ރާގަކަށް އެއަށްވުރެ އަޑު ހަރުކޮށް ރައީސް ނަޝީދުވަނީ ވާހަކަދައްކަވާފައެވެ. ފޯޅަވަހި އަކީ ރާއްޖޭގެ ތަނެއްކަމަށް ރައްޔިތުންގެ ތެރޭގައި ގަބޫލުކުރާނަމަ، އެ ކަމުގެ ފަހަތުގައި ރައީސް ނަޝީދަށް ކުރާ އިތުބާރުވެސް ހިމެނޭނެއެވެ. ސަރުކާރުގެ ފެކްޝަންގެ އިސް މެމްބަރުން މި މައްސަލައިގައި އިދިކޮޅުން އަމަލުކުރާ ގޮތުން ގައުމުގެ މަސްލަހަތާއި އަމާންކަން ގެއްލިގެންދާކަމަށް ސިފަކުރެއެވެ. އަދި އެ ދައްކާ ވާހަކަތަކަކީ އޮއްޓަރެއް ނެތް ވާހަކަތަކެއްކަމަށްވެސް ސިފަކުރެއެވެ.

އެހެންކަމުން އިދިކޮޅެކޭ އެއްފަދަައިން މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު އެ މައްސަލައިގައި ދައްކަވާ ވާހަކަތަކުންވެސް ގައުމީ މަސްލަހަތު ނެގިގެންދާނެކަމީ ޝައްކެއްވެސް ނެތްކަމެކެވެ. ޗާގޮސްގެ ވާހަކަތައް ރައީސް ނަޝީދު ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައިވެސް ދައްކަވައެވެ. އެހެންނަމަވެސް އެމަނިކުފާނު ރިޔާސަތުން ދުރެއް ނުކުރެއެވެ. އިތުބާރު ނެތްކަމަށް ބުނެ ހުށައަޅާނެކަމުގެ އިންޒާރެއްވެސް ނުދެއެވެ.

މިއަދުވެސް ޖެހިފައިވަނީ ފޯޅަވަހީގެ މައްސަލައެވެ. އިދިކޮޅުންވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައެވެ. މި މައްސަލައާއި ގުޅިގެން ރައީސް ނަޝީދު އަމަލުކުރައްވަމުންދަނީ ހަމަ އެހެނިހެން މައްސަލަތަކުގައިވެސް އަމަލުކުރައްވާ ގޮތަށެވެ. ފެނިގެންދަނީ އިދިކޮޅާއިއެކު މަސައްކަތްތަކެއް ކުރައްވާ މަންޒަރެވެ. ވިދާޅުވަނީ ޑިމޮކްރެސީ ނަގަހައްޓާކަމަށެވެ. ސަރުކާރު ފެކްޝަނުން މިކަމުގައި ރަތަށް ގޮސް އެމަނިކުފާނުގެ ކުރިމަތީގައި ނުރުހުންވެސް ފާޅުކޮށްފައިވެއެވެ. ބައެއް މެމްބަރުން އެމަނިކުފާނަށް ހަމަލާ ދިނުމަށް މަސައްކަތްކުރެއްވިކަމުގެ ތުހުމަތުތައްވެސް އިވިގޮސްފިއެވެ. ސޯޝަލްމީޑިއާގައި އެފަދަ މަންޒަރުތަކެއްވެސް އާންމުވިއެވެ. ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އާއި ގުޅިގެން އެހާވެސް މަސްރަހު ގޯސްވެއްޖެއެވެ.

އެންމެ ފަހުން، ކެއް ނުވެގެންކަމަށް ފާހަގަކޮށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ބައްދަލުވުމެއް ބާއްވައި ރައީސް ނަޝީދު ރިޔާސަތުން ދުރުކުރުމަށް ރަސްމީ ހަރަކާތެއް ފަށާފައިވާކަން ހާމަކޮށްފައެވެ. ސޮއިވެސް ހަމަކޮށްފައިވާކަމަށް ސަރުކާރުގެ މެމްބަރުން މިހާރު ފާހަގަކުރެއެވެ. މަޖިލީހަށް ހުށައަޅައި ރިޔާސަތުން ދުރުކުރާނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

މިކަންކަމާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުތަކެއް ލިބުމުގެ ބަދަލުގައި ވަނީ ނުތަނަވަސްކަން އިތުރުވެފައެވެ. އެމްޑީޕީއަށް ކުރަމުންދާ އިތުބާރު އިތުރަށް ހީނަރުވެއްޖެއެވެ. ރައީސް ނަޝީދަށް ފިޔަވަޅެއް އަޅާފައިނުވަނީ އެމަނިކުފާނަކީ ގިނަ އަދަދެއްގެ މީހުންގެ ލޮތްބާއި ތާއީދު އޮތް ފަރާތަކަށްވުމުންކަަމަށް ޕީޖީ ގުރޫޕުގެ ބައްދަލުވުމުގައި ސިފަކޮށްފައިވެއެވެ.

އެހެންނަމަވެސް ލޮތްބާއި ތާއީދު އޮތުމަކީ ނޭދެވޭ އަމަލުތަކެއް ހިންގުމަށް ލިބޭ ލައިސަންސްއެއް ނޫނެވެ. ހަމަ ބުއްދީގެ މަގުން ހިންގަވާ ކޮންމެ ފަރާތަކަށްވެސް އެކަމާއި އެއްބަވަސްވެވޭނެއެވެ. ހާއްސަ ގޮތެއްގައި އެކަމުން ރައްޔިތުންނާއި ގައުމަށް ގެއްލުންތަކެއް ލިބިގެންދާނަމައެވެ. އެހެންކަމުން ރައްޔިތުންގެ ހައްގުގައި ކުރިކަމެއްކަމަށް ބުނާ، ޖީއެސްޓީ ބޮޑުކުރުމުގެ މަސައްކަތްތަކަށް ރައީސް ނަޝީދު ހުރަސްއެޅުއްވުމަކީ ރައްޔިތުންގެ ހައްގަކަށް ހުރަސްއެޅުއްވުންކަމަށް ވާއިރު، އަދި ފޯޅަވަހީގެ މައްސަލައިގައި މުޅި ގައުމުގައި ފިތުނަ އުފައްދަމުންދާކަމަށްވެސް ސިފަކޮށްފައިވާއިރު، އެމަނިކުފާނު ރިޔާސަތުން ދުރުކޮށްފައިނުތީ ގިނަ ސުވާލެއް އުފެދެއެވެ.

އެމްޑީޕީއިން މިއަދު މަސައްކަތްކުރަމުންދަނީ ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށްޓަކައިތޯ؟ ނުވަތަ މަސައްކަތްކުރަމުންދަނީ އިސް ސަފުގައި ތިއްބެވި މެމްބަރުންގެ މަސްލަހަތަށްތޯ؟ މިއަދު މަންޒަރު ފެނިގެންދަނީ އެފަދަ ގޮތަކަށެވެ. މިއީ ޑިމޮކްރެސީއަށް ކުރަމުންދިޔަ ދަތުރުގައި އަނދިރި ދުވަހެއްކަން ކަށަވަރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: