ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ހަދާ ތަންފީޒުކުރާ މީހުން ގަވައިދަށް ނޫޅޭ ނަމަ އަހަރުން ކީއްކުރަން ވަކި އުޅެންވީ”

ރައީސް ޔާމީން، ރައީސް ސާލިހު، ރައީސް ނަޝީދު:ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި މިވަގުތު ދެކެވެމުންދާ އެއް ވާހަކައަކީ ރާއްޖޭގެ ރައްޔިތުން ބޮޑު މުސާރަ ދީ ބޮޑު ގޮނޑީގައި ބައިތިއްބައި މުހިންމު މަސްއޫލިއްޔަތުތަކެއް ހަވާލުކޮށްފައިވާ “އިސްވެރިން” ގާނޫނީ އިމުން ބޭރުގައި އުޅޭ ވާހަކައެވެ. ނުވަތަ ގާނޫނަށް ތަބާ ނުވާ ވާހަކައެވެ. އެ ނޫންނަމަ، ކުޅިވަރެއް ކުޅޭ ފަދައިން ގާނޫނުތަކާއި ކުޅޭ ކަމުގެ ވާހަކައެވެ.

ބައެއް ފަރާތްތަކަށް މިއީ މާ ބޮޑު ކަންބޮޑުވުމަކަށް ނުވެދާނެއެވެ. އިވި އިވި ނޯމަލައިޒްވުމަކީވެސް އޮންނަ ކަމެކެވެ. އެހެންނަމަވެސް ހަގީގަތުގައި ދިވެހިރާއްޖޭގެ ވެރިކަން ކުރުމުގެ ބާރުތަކާއި ހަވާލުވެވަޑައިގެން ތިއްބަވާ ބޭފުޅުންނާއި ކަނބަލުން އުޅުއްވަމުންދާ ގޮތްތަކުގެ ސަބަބުން، ވަރަށް ބޮޑެތި އަސަރުތައް ކުރެއެވެ.

ރައީސުލްޖުމުހޫރިއްޔާ، މަޖިލީހުގެ ރައީސް، މިނިސްޓަރުން، މެމްބަރުން އަދި ކައުންސިލަރުންނާއި އެ ފަންތީގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަކީ ގައުމުގެ އެންމެހާ ރައްޔިތުން މިސާލުތަކެއްގެ ގޮތުގައި ބަލައިގަންނަ ފަރާތްތަކެކެވެ. ދައްކަވާ މިސާލަތުތަކާއި އެއްގޮތަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އަމަލުކުރެއެވެ. ހާއްސަ ގޮތެއްގައި ސިޔާސީ މަސްރަހަށް ޝައުގުވެރިވެވަޑައިގަންނަވާ ހަރު އުމުރު ފުރައިގެ ފަރާތްތަކުން ފެށިގެން ޒުވާނުންނަށްވެސް މިއިން ކޮންމެވެސް އެއް ބޭފުޅެއް ނުވަތަ ކަނބަލަކީ “ހީރޯ” އެއް ކަމަށް ވުމުންނެވެ.

މަޖިލީހުގެ ރައީސް ރައީސުލްޖުމުހޫރިއްޔާ އަދި ވަޒީރުން ފަދަ ބޭފުޅުންނާއި ގުޅޭ ގޮތުން، އެ ބޭފުޅުންގެ ސަޕޯޓަރުން ދައްކަވާ ވާހަކަތަކުގެ ތެރެއިން މިފަދަ އިޝާރާތްތައް ވަރަށް ގިނައިން ކުރެއެވެ. ޑިމޮކްރެސީގެ ޗެމްޕިއަން، ފަދަ ލަގަބުތައް ދީހަދައެވެ. އެހެންކަމުން މިއިން ކޮންމެ ބޭފުޅަކުވެސް ދައްކަވާ ރަނގަޅު މިސާލުތަކުގެ އެދެވޭ އަސަރުތައް ރައްޔިތުންނަށް ފޯރާއިރު، އިޖްތިމާއި އާންމު ވިސްނުނާއި ހިލާފަށް އުޅުއްވާ އުޅުއްވުންތަކުންވެސް ބޮޑެތި އަސަރުތައް ކުރާނެކަން ކަށަވަރެވެ. އެހެންކަމުން ގައުމުގެ އިސް މަގާމުތަކަށް އައްޔަނުކޮށް، ބޮޑު މުސާރަދީ، ބާރުވެރިކުރާއިރު، އެ ބައެއްގެ ހަގީގަތް ނުވަތަ ޖެހިފައިވާ ކުލަވަރު އަދި ކުރެވިފައިވާ ތުހުމަތުތަކަށްވެސް ބަލާލުން ވަރަށްވެސް މުހިންމެވެ. އެކަންކަމުގެ ހަގިގަތާއި ހިސާބަށް ވާސިލުވެ، އިހުތިޔާރީ ބާރުތައް ލިބިގެންދާ ދުވަހަކު ރިއާޔަތްކުރުންވެސް އެހާމެ މުހިންމެވެ.

ހާއްސަ ގޮތެއްގައި ރިޔާސީ އިންތިހާބާއި އިންތިހާއަށް ގާތްވެފައިވުމުން، ގައުމުގެ ހުރިހާ މައްސަލަތަކަށް ހައްލުތަކެއް ގެނައުމުގެ ފުރުސަތު ގެއްލުވާލައިގެން ނުވާނެއެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި އެތައް ރައީސުންނެއް ފެނި އެތައް ވައުދުތަކެއް އިވިއްޖެއެވެ. ކޮންމެ ބޭފުޅެއްވެސް ވަޑައިގަތީ ހައްލެއް ގެނެސްދެއްވަންށެވެ. މިހެން ގޮސް، ޑިމޮކްރެސީއެއް ގާއިމު ކުރެވުނު ކަމަށް ބުނާ، ރައީސް ނަޝީދުގެ ވެރިކަމުގެ ދައުރަށްފަހު ވެސް އެތައް ބޭފުޅުންނެއް ދިވެހި ތަހުތާއި ހަވާލުވެވަޑައިގެންނެވިއިރު، އަދިވެސް އިވެމުންދަނީ ހުސް ޝަކުވާތަކެވެ. ފަނޑުވެ ދިއުމުގެ ބަދަލުގައި މިއަދުވެސް އެ އަޑުތައް ދަނީ ގަދަވަމުންނެވެ.

އެތައް ކަމެއް ކުރައްވަމުންދާކަމަށް ސަރުކާރުން ތަކުން އިއުލާނުކުރާ ނަމަވެސް، ކުރަމުންދަނީ ރައްޔިތުން އެދެމުންދިޔަ ކަންކަން ކަމަކަށް ފެނިގެން ނުދެއެވެ. ޝަކުވާގެ އަޑުތައް މަދުވެ މަޑު ނުވާކަމަށްވުމުންނެވެ. އެހެންނަމަވެސް ރައްޔިތުންގެ ޝަކުވާގެ އަޑު ނީވޭ ފަދައެވެ. މިއަދު އޮތް ސަރުކާރުވެސް މި ދެންނެވި ގުރޫޕުން އިސްތިސްނާ ނުވެއެވެ. ރައީސް ނަޝީދުގެ ދައުރު ނިމުމާއިއެކު، މިއަދު އެމަނިކުފާނަށް ތާއީދުކުރެއްވި ގިނަ ބަޔަކު އެމަނިކުފާނު ފެއިލްވިކަމަށް ސިފަކުރައްވާއިރު، މިހާރުގެ ވެރިކަން ވުޖޫދަށް ގެނައުމުގައި އެންމެ އިސް ރޯލުތަކެއް އަދާކުރައްވާފައިވާނެ އެތައް ފަރާތަކުންދަނީ ރައީސް ސާލިހުގެ ސަރުކާރު ފެއިލްވެފައިވާކަމަށް ބުނަމުންނެވެ.

ހަމަ ރައީސް ޔާމީންވެސް އެފަދަ އެވެ. އެމަނކުފާނަށް އެމަނިކުފާނުގެ އަރިސް ބޭފުޅުންގެ ތާއީދު ނެތްފަދައެވެ. ނައިބު ރައީސުންގެ ގޮތުގައި ހުންނެވި ފަރާތްތަކާއި އޮތް ގުޅުން އިންތިހާއަށް ހީނަރެވެ. ނައިބު ރައީސް އަހުމަދު އަދީބަކީ އެމަނިކުފާނުގެ ސަރުކާރުގެ ބައެއް ފަރާތްތަކުންވެސް އެ ސަރުކާރުގެ މައްސަލަތަކެއް ހުރިކަމަށް ދެކިވަޑައިގަތްކަމުގެ މިސާލެކެވެ. ދައުލަތުގެ މާލިއްޔާތަށް ހިޔާނާތްތެރިވިކަމަށް ބުނެ ކުރެވެމުންދާ ދައުވާތަކަށް ބާރު ލިބިގެންދަނީ އަރިހުގައި ހުންނެވުމަށްފަހު ދެކޮޅަށް މަސައްކަތްކުރައްވަމުންދާ ނައިބު ރައީސް އަދީބުގެ ސަބަބުންނެވެ. އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން ތިއްބެވިކަމަށް ވިދާޅުވާ ފަރާތްތަކާއި ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތައް އަދި ކުރެވެމުންދާ ތުހުމަތުތައްވެސް އެނގި ތިއްބަވައިގެން ނިންމެވުންތައް ނިންމެވުން ވަރަށްވެސް މިއަދު މުހިންމުކަން ސާފުވާނެއެވެ.

ޑިމޮކްރެސީ ގާއިމުކުރެއްވި ވެރިޔާ ނުވަތަ ރައީސް ނަޝީދަށް ބަލާއިރު، އެމަނިކުފާނަކީވެސް އެކި ތުހުމަތުތަކާއި ފާޑުކިޔުންތައް އަމާޒުވާ ފަރާތެކެވެ. އެމަނިކުފާނަކީ ޓެރަރިޒަމްގެ ދައުވާ ކުރެވި ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން އެންމެ ބޮޑަށް ދެކެވުނު އެއް ވާހަކައަކީ އެމަނިކުފާނާއި މަސްތުވުމާއި އޮތް ގުޅުމުގެ ވާހަކައެވެ. ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި މަސައްކަތްކުރެއްވި ފަރާތްތަކުން އެމަނިކުފާނަށް ދެއްވި ލަގަބަކީ “ގަންޖާ ބޯ” އެވެ. “ޓެރަރިސްޓް” އެއްކަމަށްވެސް ގޮވާ ހެދިއެވެ. މިއަދު އެމަނިކުފާނުގެ ޕާޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ފަރާތްތަކުން ދަނީ އެ ދުވަސްވަރުގައި އެމަނިކުފާނުގެ އަމަލުތައް އެ ދެންނެވި މަގުން ހުރިކަމަށް އިޝާރާތްތަކެއް ކުރައްވަމުންނެވެ. މިފަހުން މަޖިލީހުގެ މެމްބަރެއްކަމަށްވާ އިބްރާހިމް ޝަރީފްވަނީ އެމަނިކުފާނަށް ދިވެހި ރައްޔިތުންގެ ލޭ އޮހަރުވާލުމަށް ވިސްނާވަޑައިގަތުމުގެ ތުހުމަތެއްވެސް އަމާޒުކުރައްވާފައެވެ. އަނބުރާ ނަގާފައިވާނަމަވެސް އެ މައްސަލަ ކޯޓާއި ހިސާބަށްވެސް ގެންދިޔައެވެ.

މަޖުބޫރީ ހާލަތެއްގައިނަމަވެސް ނަޝީދުގެ ވެރިކަން ކުރުކޮށްލައްވަން ޖެހިވަޑައިގަތުމުން، އިތުރު ރައީސަކު ހުންނެވުމަށްފަހު، ދެން ވަޑައިގަތް ރައްޔިތުންގެ ހީރޯ އަކީ ރައީސް ޔާމީންއެވެ. މިއަދުވެސް އެއްބަޔަކު އެމަނިކުފާނަކީ ބަތޮލެއްގެ ގޮތުގައި ސިފަކުރައްވާއިރު، ރާއްޖޭގައި ހިނގާފައިވާ އެންމެ ބޮޑު އެއް ހިޔާނާތްކަމަށްވާ އެމްއެމްޕީއާރްސީގެ މައްސަލައިގައި “ޕްރައިމް ސަސްޕެކްޓް” އަކީ އެމަނިކުފާނެއެވެ. މިހާރުވެސް އޮތީ ޖަލުގައެެވެ. އެމަނިކުފާނު ނޫން މީހަކު ފަހާ ސަރުކާރުން ދުވާ މަންޒަރުވެސް ނުފެނެއެވެ.

މީގެ ކުރިންވެސް ރަށެއް ވިއްކާލައި ލާރިގަނޑެއް ހޯއްދެވިކަމުގެ މައްސަލައިގައި ޖަލުގައި ދުވަސްތަކެއް ހޭދަކުރެއްވުމަށްފަހު، ޓެކްނިކާލިޓީއަކާއި ގުޅިގެން މިނިވަންވެވަޑައިގެން ހުންނެވުމަށްފަހު، މިހާރު އަނެއްކާވެސް އެފަދަ އިތުރު މައްސަލަތައްދަނީ ކުރިއަށެވެ. އެމްޑީޕީއިން އިދިކޮޅުގައި އޮތް އިރު، ރައީސް ޔާމީންއަަށް ނިސްބަތްކުރެއްވީ “ބޮޑު ވަގު” ގޮތުގައެވެ. އެމަނިކުފާނާއި ނޫސްވެރިޔާ ރިލުވާނު ގެއްލުމާއި ގުޅުންތަކެއްވާކަމަށް މިހާރުގެ ސަރުކާރުން އިޝާރާތްތަކެއްކޮށްފައިވެއެވެ. މިއީ ސަރުކާރުން އެކުލަވާލާފައިވާ މަރުކޮމިޝަނުގެ އިސްވެރިން ބޭއްވި މުހިންމު ބައްދަލުވުމެއްގައި ސިފަކުރި ގޮތެވެ. ސީދާ ބުނެވެން ނެތްނަމަވެސް އިޝާރާތްތަކެއް ނުކުރާކަމަށް އެ ބޭފުޅުންނަށްވެސް ވިދާޅެއް ނުވެވޭނެއެވެ.

ރައީސް ޔާމީން އިންތިހާބުން ބަލިކުރެއްވުމަށްފަހު، އެމްޑީޕީގެ ޓިކެޓުގައި ދެން ވެރިކަމަށް ވަޑައިގެންނެވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހެވެ. އެމަނިކުފާނަކީ މަޑުމައިތިރި މިޒާޖެއްގެ ބޭފުޅެކެވެ. އެންމެހާ ރައްޔިތުންގެ އޭރުގެ އުންމީދެވެ. އެހެންނަމަވެސް މި އުންމީދީ ވެރިކަން މިހާރު ވަނީ ރާއްޖޭގެ އެންމެ ނުތަަނަވަސް ވެރިކަމަށް ބަދަލުވެފައެވެ. އޭރު ފެނުނު ހުވަފެންތައް ހިޔާލީ ފޮލާއަށް ވެގޮސްފައިވާފަދައެވެ. ހަގީގަތެއް ނޭނގެއެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވެރިކަން ހާސިލުކޮށްދެއްވުމަށް މަސައްކަތްކުރެއްވި އަރިސް ބޭފުޅުންތަކެއް މިއަދު ތިއްބެވީ ދެކޮޅަށެވެ. މަޖިލީހުގެ ރައީސް އަދި އެމަނިކުފާނުގެ ބެސްޓު ފްރެންޑު މުހައްމަދު ނަޝީދަކީ އެމަނިކުފާނުގެ މިހާރުގެ އެންމެ ބޮޑު އަދުއްވެވެ. އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓަށްވުރެ ބޮޑެތި ގެއްލުންތައް ރައީސް ނަޝީދުގެ ސަބަބުން އެމަނިކުފާނަށް ލިބިގޮސްފިއެވެ.

މިއަދު ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން އެމަނިކުފާނަށް ނިސްބަތްކުރައްވަމުންދާ ހަޑި ލަގަބުތައް އަދި ތުހުމަތުތައްވެސް އަދިވެސް ދަނީ އިވެމުންކަމަށްވުމުން އެންމެހާ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެއެވެ. “ކަނޑު ފޭރިގަނެފައިވާ” ރައީސްގެ ގޮތުގައި މިއަދު އެމަނިކުފާނުގެ ނަން ހަރުވެފައިވާއިރު، އެމަނިކުފާނަކީ ވަރަށްވެސް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރެވިފައިވާ ފަރާތެކެވެ. ގައުމުގެ މާލިއްޔާތު “ދަވާލާފައި” ވާކަމުގެ ތުހުމަތުތައް ކުރަނީ އިދިކޮޅުންކަމަށްވާއިރު، އެއަށްވުރެ ބޮޑު ތުހުމަތެއްކުރައްވަމުންދަނީ އެމަނިކުފާނުގެ އަރިހުގައި ގިނަ ޒަމާންތަކެއް ހޭދަކުރައްވާފައިވާ ބެސްޓުފްރެންޑު ރައީސް ނަޝީދު އަދި އަރިސް ބޭފުޅުންނެވެ. ތާއީދުކުރައްވާ އާންމު ސަޕޯޓަރުންވެސް އެ ތުހުމަތު ކުރެއެވެ.

ރައީސް ސާލިހުގެ މައްޗަށް ނުސީދާކޮށް ކުރައްވަމުންދަނީ ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުވެގެންދިޔަ ބޮމުގެ ހަމަލާގެ ތުހުމަތެވެ. ކޮން ސަބަބަކާއި ގުޅިގެންކަމެއް ސީދާ ސާފުނޫންނަމަވެސް އެ ތުހުމަތުތައް އަމާޒުކުރައްވަމުންދަނީ ހަމަ އެމްޑީޕީގެ އެންމެ އިސް ފަޑީގައި އިއްޔެ މެންދުރާއި ޖެހެންދެންވެސް ތިއްބެވި ބޭފުޅުންކަމަށްވުމުން އެކަމަކީ އިންތިހާއަށް ކަންބޮޑުވުމާއި ބިރުވެރިކަން އާލާ ކުރާ ވާހަކައެކެވެ. މި ދައްކަވަނީ ދެވަނަ ފަހަރަށް ވެރިކަން ކަވަރު ކުރެއްވުމަށް މަސައްކަތްކުރައްވަމުންދާ މިހާރުގެ ރައީސްގެ ވާހަކައެވެ. އެ ހާދިސާގައި ގިނަ ބަޔަކަށް ގެއްލުންތަކެއް ލިބުނުއިރު، އެޔަށްވުރެ ބޮޑު ހާދިސާއަކަށް ވެގެންދިއުމުގެ ފުރުސަތުވެސް އޮންނާނެކަން ކަށަވަރެވެ.

“ރޯޔަލް ރޭޕް” ކޭސް ހުއްޓުވިކަމަށް އެމަނިކުފާނުގެ މައްޗަށް ތުހުމަތުކުރެވިފައިވާއިރު، އަވައްޓެރި ގައުމަކަށް ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކާލާފައިވާކަމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. މިއީ ވަރަށްވެސް ހިތާމަވެރި ވާހަކަތަކެވެ.

ރައީސް ޔާމީން އަދި ރައީސް ނަޝީދުވެސް ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވާފައިވަނީ ވެރިކަމުން ފައިބާވަޑައިގަތުމަށްފަހުއެވެ. ދެ ބޭފުޅުންވެސް ޖަލަށް ވަޑައިގަންނަންޖެހުނީ ވެރިކަމުގައި ހުންނެވި އިރު، އިދިކޮޅުން ތުހުމަތު ކުރި ފަދަ މައްސަލަތަކުގައެވެ. އެހެންކަމުން ރައީސް ސާލިހުގެ ވެރިކަމުގެ ދައުރު ނިމި، އެހެން ވެރިކަމެއް ގާއިމުވެއްޖެ ހާލަތެއްގައި އެމަނިކުފާނުގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތައް ތެދުކަމަށްވެ، އެމަނިކުފާނުވެސް ޖަލުގައި ދުވަސްތަކެއް ހޭދަކުރައްވަން ޖެހިދާނެތޯ ސުވާލު އުފެދެއެވެ.

މި ދެންނެވި ބޭފުޅުން ނޫން ސިޔާސީ ލީޑަރުންނާއި އިސް ފަރާތްތަކުގެ މައްޗަށްވެސް ބޮޑެތި ތުހުމަތުތައް ކުރެވެއެވެ. އެހެންކަމުން އާންމު މީހާ ނަފްސާއިކޮށްލުން ވަރަށްވެސް މުހިންމު ސުވާލުތައް އެބަތިއްބެވެ. “އަހަންނަ ވައްކަމާއި ޓެރަރިޒަމް އަދި ގައުމަށް ގައްދާރުވުމާއި ބޮމެއް ގޮއްވާލުން ފަދަ ތުހުމަތެއް ކުރެވިއްޖެ ނަމަ، ހަމަޖެހިގެން ގޭގައި ހުރެވޭނެތޯ؟ މުޖުތަމައުގެ ތެރޭގައި މިނިވަންކަމާއިއެކު ނުކުމެ އުޅުމުގެ ފުރުސަތު ލިބޭނެތޯ؟ ތުހުމަތަށް ފަހު ދެވަނަ ފަހަރަކަށް ވެރިކަމަށް ވާސިލުވުމަށް އާންމުން ފުރުސަތު ދޭނެތޯ؟ މައްސަލައެއްގައި ތުހުމަތު ކުރެވި ވާނުވާގައި ޖަލުގައި އޮންނަންޖެހީ ރައްޔިތު މީހާ އެކަނި ތޯ؟

މިއަދު ރާއްޖޭގެ ގިނަ އަދަދެއްގެ ރައްޔިތުންދަނީ އިތުރު ސުވާލެއްވެސް ކުރަމުންނެވެ. ގާނޫނު ހެދުމަށްފަހު، ރައްޔިތުންގެ މައްޗަށް އެ ގާނޫނެއް ތަންފީޒުކުރަމުންދާ ބަޔަކު، އެ ގާނޫނުތަކާއި އެއް ގޮތަށް އިމުގެ ތެރެއިން ނޫޅޭނަމަ، ރައްޔިތުން އެޔަށް ތަބާވާންވީ ކޮން ސަބަބަކާއި ގުޅިގެންތޯއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: