ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ކަންކަމުގެ ބުރަތައް އުފުއްލަންޖެހޭނީ ރައްޔިތުން!

ސަރުކާރުގެ ބައެއް މަސައްކަތްތަކާއި ގުޅޭ ސުރުހީތަކެއް: ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި ބޮޑެތި މައްސަލަތައް ހައްލު ނުވެ އެބަ ހުއްޓެވެ. އެކަންކަމުގެ ސަބަބުން ދިވެހި ރައްޔިތުން ދަނީ ބޮޑެތި ދަތިތައް ތަހައްމަލުކުރަމުންނެވެ. އެހެންކަމުން އެކަންކަން ބަޔާންކޮށްލާނަމެވެ.

މިއަދު ދިވެހިން ތަހައްމަލު ކުރަންޖެހޭ ދަތިތަކުގެ ތެރޭގައި އެ މީހުންގެ އަތުން ނަގަމުންދާ ޓެކްސް ފައިސާ އިތުރުވުން ހިމެނެއެވެ. މި ކަން ދައްޗަކަށްވަނީ ގައުމުގެ އިގްތިސާދު ކުރިއަރައިގެން ގޮސްފައިވާކަމަށް ބުނާއިރު، ހަގީގަތުގައި އެކަމެއް ވެފައިވާކަމާއިމެދު ގިނަ ސުވާލު ތަކެއް އުފެދޭ ވަރަށް ރައްޔިތުންގެ ޖީބަށް އަތް ބާނަމުންދާތީއެވެ. އާންމު މީހާގެ އާމްދަނީ އިތުރުނުވާއިރު، އަދި ދުނިޔޭގެ ތަކެތީގެ އަގު ބޮޑުވަމުންދާއިރު، ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާ ބޮޑުކުރީމަ އެކަމުން ނުކުންނާނެ ނަތީޖާ މި ފެންނަނީއެވެ. ރާއްޖޭގެ ރައްޔިތުންގެ ޖީބަށް އަތް ބޭނުމުގެ ބަދަލުގައި މިހާރު ދެމުންދާ އަދި ދީފައިވާ ފައިސާ ބޭނުންކޮށްގެން ބިނާ ކުރި އިގްތިސާދުތައް މެދުވެރިކޮށް ގައުމުގެ ކަންކަން ހަމަޖައްސަންވީއެވެ.

ގައުމުގެ އެކި ތަންތަނުގައި ބޭރު ގައުމެއްގެ ސިފައިން އެކި ނަން ނަމުގައި އައިސް ތިބިކަމަށް ބުނާ އަޑުއެބަ އިވެއެވެ. ފެންނަ މަންޒަރުތަކުންނާއި އިވޭ އަޑުތަކުން އެކަމުގެ ފަހަތުގައި ކޮންމެވެސް ހަގީގަތެއް އޮތްކަމަށް ފާހަގަކުރެވެއެވެ. ގައުމުގެ މިނިވަންކަމާއި ކުޅެމުންދާނަމަ އެކަމަކީ ދިވެހި ރައްޔިތުން ކޮންމެހެންވެސް ނިމުމަކަށް ގެންނަން ޖެހޭ ކަންކަމެވެ. ދިވެހިރާއްޖޭގައި ސިފައިން ތިބޭކަމަށް ބުނެ ދައްކަމުންދާ ވާހަކައަށް އެއް ބަޔަކު ދެކޮޅު ހަދާއިރު، އަނެއް ބަޔަކު އެއީ ކަށަވަރު ވާހާކައެއްކަމަށް ބުނެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ މިނިވަންކަމާއިމެދު ސުވާލު އުފެދިފައި އޮންނަ އޮތުމަކީ އެކަމުގެ ބުރަތަކެއް ކުރިމަގުގައި އުފުއްލަންޖެހިދާނެ ފަދަ ކަމެއްކަމަށްވުމުން ހައްލުކުރަންޖެހެއެއެވެ.

އެފަދަ މަގުސަދެއް ހާސިލުކުރެވޭނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތައް ސިޔާސީ ނުފޫޒުން އެއްކިބާކުރުމަށް އެފަދަ މިސާލުތަކަށް ބަލައިގެން އަމަލުކޮށްގެންނެވެ. އެންމެ ރަނގަޅަށް އެކަމެއް ކުރާނެ އުސޫލެއް ދެނެގަނެ އެކަމެއް ރައްޔިތުން ފަރާތުން ފާސްކޮށްގެން އެކަމެއް ކުރުމުންނެވެ. ޔަގީނުންވެސް ސަލާމަތީ ބާރުތަކާއިމެދު އިހްތިރާމްކުޑަކޮށް އަމަލުކުރުމުގެ ސިޔާސީ ތާރީހެއް އޮތް މީހަކު އެފަދަ ކަމަކާއި ހަވާލުވެ އެ ތަނުގެ އަގު ވައްޓާލައި ދެވަނަ ދަރަޖައިގެ ބަޔަކަށް ހަދާލުމުގެ ފުރުސަތު ދެވިގެން ނުވާނެއެވެ.

ރާއްޖޭގެ ސަރަހައްދު ކަށަވަރުކުރުމަކީވެސް ކުރަންޖެހޭ ކަމެކެވެ. ކުރިން ރާއްޖޭގެ ބައެއް ގޮތުގައި އޮތްކަމަށް ބުނާ ތަނެއް އެއީ ރާއްޖެއިން ބައެއް ނޫންކަމަށް ދާދި ފަހުން ކަނޑައެޅިގެން ގޮސްފިއެވެ. މިއީ ދެން މި ގަރުނުގައި އަދިވެސް ދައްކަންޖެހޭ ވާހަކައެއްގޮތުގައި އޮތްކަމީވެސް ހައިރާން ކުރުވަނިވި ކަމެކެވެ. ޕޮސިޓަން ބަދަލުކުރުމުގެ ސަބަބުން ރާއްޖެއަށް ލިބިދާނެ ފުރުސަތެއް އޮތް ތަނެއް ގެއްލި ގޮސްފިކަން ކަށަވަރެވެ. އަދި ސަރުކާރުން ނޫން ކޮންމެ ބަޔަކު ބުނި ނަމަވެސް ރާއްޖެ އާއި މޮރިޝަސް ދެމެދު ޑިސްޕިއުޓެއް އޮންނާނީ އެތަނުގެ މައްޗަށް ރާއްޖޭގެ ހައްގެއް އޮތްކަމަށް ފެންނާތީ ނުވަތަ ބަޔަކު ކުރިން އެކަމަށް ވަކާލާތު ކޮށްފައިވާތީއެވެ. ނޫން ނަމަ ޑިސްޕިއުޓެއް އޮންނަންވީ ސަބަބެއް ނެތެވެ. އެހެންކަމުން ޑިސްޕިއުޓެއް އޮތިއްޔާ ފުރުސަތެއްވެސް އޮތް ކަމަށް ބުނެވޭނެއެވެ.

ރާއްޖޭގެ ދަރަންޏަކީވެސް މިއަދު ބޮޑު މައްސަލައެކެވެ. ރާއްޖޭގެ ވާހަކަ ދެކެވޭ ކޮންމެ މައިދާނެއްގައި ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތުގެ ވާހަކަތައް ދެކެވޭ ފަދައެވެ. މިއަދު ރާއްޖެ ދަރަނިވެރިވެފައިވަނީ އެތައް ރަށެއް ވިއްކާލައިގެން ނޫން ގޮތަކަށް ހަމަ ނުކުރެވޭނެ އަދަދެއްގެ ފައިސާއަށެވެ. އިގްތިސާދީ ދޮރުތައް ބޭނުންކޮށްގެން ފައިސާ ވެއްދުމުގެ ބަދަލުގައި ދަރަންޏަށް ނަގާ އުސޫލަކީ ދިވެހި ސަރުކާރުތަކުން ބަދަލުކުރަންޖެހޭ އުސޫލެކެވެ. އަދި ހާއްސަކޮށް ލޯނު ނަގައިގެން ހިންގާ މަސައްކަތްތައް ނުވަތަ މަޝްރޫއުތައް އެކަށީގެންވާ ދުވެއްޔެއްގައި ކުރިއަށް ދާކަން ކަށަވަރުކުރަންޖެހެއެވެ.

އަވައްޓެރި ލަންކާގައިވެސް މަޝްރޫއުތައް ބަނޑު ޖަހަންފެށީ ދިގުލައިގެންގޮސް އެކަމަށް ގިނަ އަދަދެއްގެ ފައިސާ ބޭކާރުވެގެން ދިއުމަށްފަހުއެވެ. ރާއްޖޭގައިވެސް މިއަދު އެ ބާވަތަށް ކަންކަން ހިނގަމުންދާކަމަށް ފެނެއެވެ. ބިނާކުރަމުންދާކަމަށް ބުނާ ބުރިޖަކީ އެފަދަ އެއް މަޝްރޫއުއެވެ. އަދި މާ ބޮޑު ކުރިއެރުމެއް ލިބިފައިނުވެއެވެ.

އަމާޒުގެ ދަށުން މަސައްކަތްނުކުރާ ކޮމިޝަންތައް އުފައްދައިގެން ހަރަދުކުރުމަކީވެސް އެފަދަ އެއް މައްސަލައެވެ. ރާއްޖޭގައި މަރުކޮމިޝަންގެ ނަމުން ކޮމިޝަނެއް އުފައްދައިގެން ހަރަކާތްތެރިވާތާ ދުވަސްތަކެއް ވެފައިވާއިރު، ވަކި ކޮޅެއްގައި ޖެހި ރާއްޖޭގައި ހިނގާފައިވާ އެންމެ ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައްވެސް ހައްލުކުރެވިފައިނުވެއެވެ. ދާދި ފަހުން ރާއްޖޭގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މީހަކަށް ބޮމުގެ ހަމަލާއެއްވެސް ދީފައިވެއެވެ. އެ މައްސަލައިގައިވެސް އަދި ރަނގަޅަށް ވީނުވީ ނޭނގެއެވެ.

އެފަދަ މައްސަލަތައް ދިގުލައިދިއުމުގެ ސަބަބުން ހަގީގަތް އޮޅި، އިންސާފަށް ވާސިލުވުމުގައި ހުރަސްތައް އެޅިގެންދާކަމަށްވުމުން އިންސާފު ނުލިބިދާތަންވެސް ފެނިގެންދެއެވެ. އެހެންކަމުން މައްސަލަތައް ނުނިމި ދިގުލައިގެންދާ މައްސަަލައަކީވެސް ހައްލުކުރަންޖެހޭ ކަމެކެވެ.

ސަރުކާރު ބަދަލުވެދާނެއެވެ. އެހެންނަމަވެސް ރައްޔިތުން ތިބޭނީ ތިބިގޮތުގައިކަމަށްވުމުން ރައްޔިތުންނަށް ލުއިތަކެއް އަދި ހިތަށް ފިނިކަމެއް ލިބިގެންދާކަން ކަށަވަރުކުރުމުގެ ގޮތުން ރާއްޖޭގައި ތިބި މިފަދަ މައްސަލަތަކަށް ހައްލުތަކެއް ގެނައުން ކޮންމެހެންވެސް މުހިންމެވެ. އާހިރުގައި މި ހުރިހާކަމެއްގެ ބުރައެއް އަދި ޒިންމާއެއްވެސް އުފުލަންޖެހޭނީ ރައްޔިތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: