ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިއްލަމުންދަނީ އުންމީދުގެ ހުޅުކޮޅުއްކަން ޔަގީންތަ؟

ލެންޓާރން ފިޝް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރިޔާސީ އިންތިހާބާއި ގުޅުވައި ގިނަ އަދަދެއްގެ މަޝްހޫރު މީހުންތަކެއް ދަނީ ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުކޮޅުތަކެއް ދިއްލައި އަލިކަމެއް ފަތުރަމުންކަމަށް އެ ބަޔަކަށް ތާއީދުކުރާ މީހުން ބުނަމުންދާ އަޑު އެބައިވެއެވެ. ސޯޝަލްމީޑިއާގައި ކުރަމުންދާ ޕޯސްޓުތަކުންވެސް އެ ވާހަކަތައް އެބަ ފެނެއެވެ. ބުނާ ގޮތުން ކޮންމެ ކެންޑިޑޭޓަކުވެސް ދިއްލާލަމުންދަނީ އުންމީދުގެ ހުޅުކޮޅެކެވެ.

ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ވެރިކަން ހޯދުމުގެ ނިޔަތުގައި އެކި ހަރަކާތްތައް ހިންގަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. މި މަސައްކަތްތަކަކީ އެހެނިހެން ގައުމުތަކުގައިވެސް “އަދުލު އިންސާފު” އަދި “މިނިވަންކަން” ގާއިމުކުރުމުގެ މަގުސަދުގައި ވެރިކަމެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެއް ގޮތް ވާގޮތުގެ މަތިން “ޑިމޮކްރެޓިކް” އަސާސްތަކުގެ މަތިން ދިވެހިރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކެކެވެ.

އިންސާފުވެރިކަން ނެތްކަމަށް ބުނާ އަޑުތައް ގަދަވަމުންދާނަމަ އެ އަޑުތައް އިވިގެންދާކަން ކަށަވަރުކުރުމުގެ ގޮތުން އާންމު ރައްޔިތުންގެ ހައްގުގައި އިހުތިޖާޖުތައް ކުރުމަކީ އަދި ވަކާލާތު ކުރުމަކީވެސް ކުރާ ކަމެކެވެ.  އެހެންނަމަވެސް އިޖްތިމާއީ ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ހަރަކާތްތައް ހިންގުމުގައި ގައުމުގެ ޒުވާން ޖީލުތައް ބިނާކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި ގުޅިގެން ފޯރަމް އަދި ވޯކްޝޮޕްސް ހިންގުން ފަދަ މަސައްކަތްތަކަކީވެސް ކުރެވިގެންދާ ކަންކަމެވެ. އެކި މައްސަލަތައް ހައްލުކުރުމުގެ މަގުސަދުގައި ހާއްސަ ކުރެވި އުފައްދާފައިވާ މަދަނީ ޖަމިއްޔާތަކާއިއެކު އެ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރުމަކީވެސް ކުރާ މަސައްކަތްތަކެވެ.

އެހެންކަމުން ރާއްޖޭގައިވެސް ކުރެވެމުންދަނީ ހަމަ އެ މަސައްކަތްތައް ބާއޭ ހިތައް އަރައެވެ. މައި އިދިކޮޅަށް މި ދައުރުގައި ކުރެވިގެންދިޔަ މަސައްކަތްތަކަށް ބަލާ ނަމަ، މާ ބޮޑު ކާމިޔާބީތަކެއް ފެންނާކަށް ނެތެވެ. އަވައްޓެރި ގައުމެއްގެ ސިފައިން ބާލަން ގޮވާލާ ހިންގަމުންދިޔަ ހަރަކާތްތަކުގެ ސަބަބުން އެއްވެސް ނަތީޖާއެއް ނުނުކުތެވެ. ރިޔާސީ ޓިކެޓު ދިން މީހާއަށް އިންތިހާބުގައި ބައިވެރިވުމަށް ފުރުސަތު ގެއްލުނު އިރުވެސް ކުރެވުނު މާ ބޮޑު ކަމެއް ނެތެވެ. ރައްޔިތުންނަށްޓަކައި ގިނަ ކަންކަން ކޮށްދެމުންދާކަމުގެ ވާހަކަތައް އިވިގޮސްފައިވާ ނަމަވެސް، އެއްވެސް ކަމެއް ނުކުރާ ފަދައެވެ.

މިއަދު ދިވެހިރާއްޖޭގައި ވެރިކަމަށް ވާދަކުރަމުންދާ އެހެނިހެން ޕާޓީތަކަށް ބަލާނަމަ، ވެރިކަމުގެ ވަށް މޭޒު ވަށައި ތިބި ބައެއް ޕާޓީތައްވެސް އެބަ ދަޅަތަކެއް ދައްކައެވެ. ދައްކަމުންދާ ވާހަކަތަކުން ސިފަވަނީ ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ސަރުކާރުގައި ނެތްކަމަށެވެ. އެހެންނަމަވެސް ހަގީގަތަކީ މި ވެރިކަމުގައި އެންމެ ބާރުގަދަ ނުފޫޒުގަދަ އެއް ޕާޓީއަށް ވާނީ އެ ޕާޓީކަމެވެ. އެހެންކަމުން ،މިއަދު ކަމެއް ގޯސް ނަމަ، އެކަމުގެ ޒިންމާ ނަގަން ނުޖެހުނަސް އެކަމެއް ހިންގަމުންދިޔަކަން ދެނެހުރިކަން ޔަގީނެވެ. އޭރު ރައްޔިތުނަށް ހެޔޮ އެދިގެން ސަރުކާރުން ހަދަމުންދާކަމަށް ބުނާ ގޯސްތައް ފަޅާ އަރުވާ ނުލީ ކޮން ސަބަބަކާއި ގުޅިގެންބާއެވެ.

މަޖާ ބައެއް މަންޒަރުތައްވެސް އެބަ ފެނެއެވެ. ވެރިކަން ކުރަމުންދާ ޕާޓީގެ އެތެރޭގައި ޖާގަ ކުޑަވެ ފިތި ބާރުވާން ފެށިހެން ހީވުމުން، އަމިއްލަ ސަލާމަތަށް ވަކިވި ބަޔަކުވެސް ރާއްޖޭގެ ވެރިކަން ކުރުމަށް ފައިވިއްދައިގެން އެބަ ތިއްބެވެ. އިވިގެންދަނީ ދުވަހަކުވެސް ތަހުތާ ގާތް ނުވާކަމަށް ދޭހަވާފަދަ ގޮތަކަށް ވާހަކަތައް ދައްކާ އަޑެވެ. ސޯޝަލްމީޑިއާއަށް ޕޯސްޓުކުރަމުންދާ ވީޑިއޯތަކުގައި ރިހާކުރު ފެކްޓަރީ ތަކުގައި ހަރަކާތްތެރިވެ އައު ކަމެއް ފެނިގެން އުޅޭކަމަށް ހެދި ތިބި މަންޒަރު ފެނެއެވެ. އަލަށް އައި ބަޔަކަށް ހެދި ތިބި ނަމަވެސް ހަގީގަތަކީ އަލަށް ވުޖޫދުކޮށްފައިވާ ޕާޓީއަކީ ވޭތުވެދިޔަ 3 ރިޔާސީ އިންތިހާބުގައިވެސް ވާދަކުރި މީހުންކަމެވެ. ވޭތުވެދިޔަ 17 އަހަރު ކޮންމެ ފަސް އަހަރަކުން އެއްކަލަ ރިހާކުރު ފެކްޓަރީއަށް ވަދެ ހަމަ އެ އެކްޓު ކޮށްފައިވާކަމެވެ.

ރާއްޖޭގެ ވެރިކަމެއް ވައްޓާލިކަމުގެ ޓެގު އެޅުވިފައިވާ ބައެއް ފަރާތްތަކުންވެސް މިއަދު ހަމަ ވެރިކަމެއް ގާއިމުކުރުމަށް މަސައްކަތްކުރަމުންދާ މަންޒަރު ފެނެއެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ދުވަހު ވެރިކަން ކުރެއްވި ފަރާތުގެ އަރިހުން ތަރުބިއްޔަތު ލިބިވަޑައިގެންނެވި ބައެއް ފަރާތްތަކާއި ހޯމް މިނިސްޓަރީ ބެލެހެއްޓިއިރު ރާއްޖޭގެ ބޮޑެތި އިޖުތިމާއީ މައްސަަލަތަކަށް ހައްލުތަކެއް ގެނައުމުގައި ފެއިލްވި ފަރާތްތަކާއި މި ދައުރުގައި ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ކަންކަމާއި ހަވާލުވެ ހަރަކާތްތެރިވެފައިވާ މީހަކުވެސް މިއަދު ވެރިކަމައިގެން އުޅޭ މަންޒަރު އެބަ ފެނެއެވެ. އެހެންކަމުން މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ ރޭހުގައި ވޯޓެއް ދޭންވީ ކާކަށްތޯ ވިސްނުން ވަރަށްވެސް މުހިންމެވެ.

އިދިކޮޅު އެންމެހާ ފަރާތްތަކުން ބުނާގޮތުން، އަދުގެ ސަރުކާރު ނުވަތަ ވެރިކަން ކުރަމުންދާ ފަރާތްތަކަކީ މިހާތަނަށް ރާއްޖޭގެ ތާރީހު ދެކިފައިވާ އެންމެ ހުދުމުހުތާރު ފަރާތެވެ. ޕާޓީގެ ރައީސްގެ މަގާމުގައި އިއްޔެ މެންދުރާއި ޖެހެންދެން ހުރި މީހާވެސް މިއަދު ޕާޓީއާއި ވަކިވެ ދައްކަމުންދަނީ އެ ވާހަކައެވެ. ބުނާގޮތުން ރާއްޖޭގެ ރައްޔިތުންގެ ހެވާއި މަންފާއާއި ލާބައަށްޓަކައި މަސައްކަތްކުރުމަށް ބިނާކުރި ޕާޓީ މިއަދު ބޭނުންކުރަމުންދަނީ ރައްޔިތުން ކަސްތޮޅު އެޅުމަށެވެ. ބުނާގޮތުން ރާއްޖެއަަށް ތަނަވަސްކަން ހޯދައިދިނުމަށް ދަތުރު ފެށި ޕާޓީގެ މިސްރާބު ހުރިގޮތުން ގާތީ ބަނގުރޫޓުވުމާއެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން މިހާރު އޮތް ވެރިކަމުންވަނީ ދިވެހިރާއްޖޭގެ ދީނީ އަދި އިޖްތިމާއީ ފޭރާން ގާނާއި ޕައުޑަރަށް ހަދައި ހުސްކޮށްފައެވެ. އަލަމްގިރި ކަންތަކަކީ ރާއްޖޭގެ ކަންކަން ގޯސްވެފައިވާ މިންގަނޑުގެ މިސާލެއްކަމަށްވެސް ބުނާ އަޑު އިވެއެވެ.

އެހެންނަމަވެސް ވެރިކަން ކުރަމުންދާ ޕާޓީއިން އަދުގެ މައި އިދިކޮޅު ޕާޓީއަށްވެސް އަމާޒުކުރަނީ ދާދި އެއް ލެވެލް އެއްގެ ފާޑުކިޔުންތަކެކެވެ. ބުނާގޮތުން މިހާރުގެ މައި އިދިކޮޅުން ކުރަމުންދިޔަ ވެރިކަން ނުދެމެހެއްޓުނީ ކުރަމުންދިޔައީ އަނިޔާވެރިކަމެއް ކަމަށްވުމުން ރައްޔިތުން ނުގަބޫލުވުމުންނެވެ. ޔަގީނުންވެސް އޭރު އެންމެހާ އިދިކޮޅު ސިޔާސީ މީހުން ޖަލަށް ލި ކަމަށް ބުނާ ވާހަކައަކީ ތެދެކެވެ. ދާދި ފަހުން ޖެހި ޖޯކެއްގައި ވެރިކަން ކުރާ ޕާޓީއިން ބުނެފައިވާގޮތުން އޭރުގެ ރައީސް ކެމްޕެއިން ދަތުރެއްގެ ތެރެއިން ރޯގާ ޖެހުނު ނަމަވެސް އެ ރަށުގެ ގިނަ އަދަދެއްގެ މީހުންގެ މައްޗަށް ސިހުރު ހެދިކަމުގެ ތުހުމަތުކޮށް ހައްޔަރުކުރާނެއެވެ. ބުނާގޮތުން ރާއްޖޭގައި ހިންގާފައިވާ އެންމެ ބޮޑު ހިޔާނާތުގެ މޭސްތިރިއަކީވެސް އޭރުގެ ރައީސްއެވެ. ވެރިކަން ކުރަމުންދާ ޕާޓީއިން ބުނާގޮތުން، އޭރުގެ ރައީސްއަކީ ކުށްވެރިއެއްކަމަށް ރާއްޖޭގެ ކޯޓުތަކުންދަނީ ނިންމަމުންނެވެ. އެކަމުން ރެކެވޭނެ ގޮތެއް ނެތްކަން ހުދު އެމަނިކުފާނަށްވެސް އެނގޭނެކަމަށް އެބަ ބުނެއެވެ.

ޔަގީނުންވެސް އިދިކޮޅު މައި ޕާޓީގެ ވެރިކަން ބަދަލުވެގެންދިޔައީ ރައްޔިތުންގެ އަގުލަބިއްޔަތުގެ ނިންމުމުންނެވެ. އެގޮތުގެ މަތިން ނިންމާނީ އެ ވެރިކަމުގައި ކަން ހިންގީި އަދުގެ ވެރިކަންކުރާ ޕާޓީއިން މިއަދުވެސް އެ ދެމުންދާ އިންޒާރުތަކާއި އެއްގޮތަކަށް ކަމަށް ރާއްޖޭގެ 51 އިންސައްތައަށްވުރެ ގިނަ މީހުންނަށް ގަބޫލުކުރެވޭތީއެވެ. އިދިކޮޅަށް ނުކުމެ ހުރި ވެރިކަން ކުރާ ޕާޓީގެ ކުރީގެ ރައީސް އާއި ގުޅޭގޮތުންވެސް މަޖާ ވާހަކަތައް އިވެއެވެ. ބޮލުގައި ބަޑިޖައްސައިގެން ވެރިކަމުން ބޭލިކަމުގެ ވާހަކަތައް އޭރު ދެއްކީ އަބަދު ހަމައިގައި ހުންނަން ނުޖެހޭކަމަށް ބުނާ އުސޫލުން ދިރިއުޅުއްވަމުންދިއުމުންކަމަށްވެސަް ބައެއް ކުރީގެ ގާތް މީހުން ޕޯޑިއަމްތަކުގައި ދައްކަމުންދާ ވާހަކަތަކުން ދޭހަވެއެވެ. އޭރު ރައްޔިތުން ހިތުން ރުހުމުން ވެރިކަމުގެ ތަހުތާއި ކޮށްދިން ކައިވެނީގެ ހަނީމޫން ޕީރިއަޑްވެސް ނުނިމެނީސް ރޫޅާލިކަމަށް ބުނާ އަޑުވެސް އިވެއެވެ. އެއީވެސް އެއްކަލަ އެބުނާ ސައުވީސް ގަޑިއިރު ތެރެއިން އައި ހިނދުކޮޅުތަކެއްގެ ނަތީޖާކަމަށް ބައެއް ފަރާތްތަކުން އެބަ ސިފަކުރެއެވެ.

އެހެންކަމުން މިއަދު ރައްޔިތުން ނަފްސާއި ކުރުން މުހިންމު ސުވާލުތަކެއް އެބަ ހުއްޓެވެ. ދިއްލަމުންދާ އެ ހުޅުކޮޅުތަކަކީ އުންމީދުގެ ހުޅުކޮޅެއްތޯ ނުވަތަ އެއީ ގައުމު ރޯވެ ފަނާވެދިއުމުގެ ފެށުންތޯ؟ ގައިމުވެސް ސަލާމަތުގެ އައްސޭރިއަށް ގެންގޮސްދޭނެކަމަށް ޔަގީންކޮށް ދިވެހި ތަހުތަށް މިހާތަނަށް ގެނައި ކޮންމެ މީހަކު ސަބަބުންވެސް ލިބުނު ފައިދާތަކާއި މޮޅުތަކަށްވުރެ ލިބުނު ގެއްލުންތައް ބޮޑެވެ. އެކަކަށް ގާނޫނީ ވެރިކަމެއް ދަމަހައްޓަން ނޭނގިގެން ފައިބަން ޖެހުނު އިރު، އަދުގެ ވެރިންނަކީ އޭރުވެސް ހަމަ ޕާޓީގައި ތިބި މީހުންނެވެ. އަދުގެ އިދިކޮޅުގެ ވެރިކަމަކީ ރާއްޖޭގައި އެންމެ ބޮޑު އެއް ހިޔާނާތް ހިނގި ދުވަސްވަރެވެ. ބުނާގޮތުން އަދުގެ ސަރުކާރުންވަނީ ދިވެހިރާއްޖޭގެ އަންނަނިވި ޖީލުތައްވެސް ދަރުވާލާފައެވެ.

އެހެންކަމުން ރާއްޖޭގައި ރައްޔިތުންގެ އެދުމުގެ މަތިން ގާއިމުވެގެންދިޔަ ކޮންމެ ވެރިކަމެއްގެ ފަހަތުގައި ނުވަތަ އަރިމަތީގައިވިޔަސް ހުރި ކަމަށްބުނާ ކިންގް މޭކަރ އެ ބުނާގޮތަށް ފުރުސަތެއް ނުދޭންވީ ނުވަތަ ރާއްޖޭގެ ރައްޔިތުން އެންމެ އެދުނު ގޮތުގެ މަތިން ވެރިކަމެއް ވައްޓާލަދިންކަމުގެ ނަންވެފައިވާ ކެންޑިޑޭޓަށް ވެރިކަމެއް ކޮށްދިނުމަށް ފުރުސަތެއް ނުދޭންވީ ސަބަބެއް ނެތެވެ. ޔަގީންކޮށްފަ ދިން މީހުންގެ ފަރާތުން ލިބުނީ ގެއްލުންކަމަށްވަންޔާ އެންމެ ގަދައަށް އަޑުގަދަ ކުރާ ނުވަތަ އެންމެ އަލިގަދަ ކުލައެއް ލައިގެން އަންނަ މީހާއަށް ދިން ވޯޓު ދެވުނީ އެންމެ ރަނގަޅަށް ނޫންކަން ސާފެވެ. ވިދާހާ އެއްޗަކީ ރަނެއް ނޫންކަމަށް ބުނާ އަޑު އެންމެނަށްވެސް އިވިގޮސްފައިވާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: