ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު ލުމާއި ގާތްވަނީ! މެނިފެސްޓޯތައް ކޮބާ؟

ރައީސް ޔާމީން، ރައީސް ސާލިހު، ރައީސް ނަޝީދު:ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް މަދު ދުވަސްކޮޅަކަށް ވެއްޖެއެވެ. ފޯރިގަދަވެ، އަނެއްކާވެސް ޕޯޑިއަމްތަކަށް އަރާ ތިބެ ފާޑު ފާޑުގެ ތުހުމަތުތައް ކުރަމުންދާ އަޑުތަކާއި މޮޅެތި ވައުދުތައް ވަމުންދާ އަޑުތައްވެސް އެބަ އިވެއެވެ. އިދިކޮޅު މައި ސިޔާސީ ޕާޓީއިން އެ ޕާޓީގެ ވެރިކަމެއްގައި އިސްލާހު ކުރާނެކަމަށް ބުނާ ގިނަ މައްސަލަތަކެއްގެ އަޑުތައް އިވިގެންދާއިރު، ކޮށް ނިންމާފައިވާ ކަންކަމާއި ކުރިއަށް އޮތްތާނގައި ކޮށްދޭނެކަމަށް ބުނާ ގިނަ ކަންކަމުގެ ވާހަކަތައް ވެރިކަން ކުރާ މައި ޕާޓީގެ ޕޯޑިއަމްތަކުން އިވިގެންދެއެވެ. އިވިގެންދާ ވާހަަކަތައް ގިނައެވެ. އަދި ލައްކަ މޮޅެވެ.

އެހެންނަމަވެސް ވަރަށްވެސް މުހިންމު އެއްކަމެއް މަދު އެބަވެއެވެ. މެނިފެސްޓޯތައް ކޮބައިތޯއެވެ. ވެރިކަން ކުރާ މައި ޕާޓީއިން ބޮޑު ސިންގާ ރިޔާސީ ކެމްޕެއިންނެއް ފަށައިގެންގޮސް ދެވުނު ރަށްތަކާއި ވެވުނު ވައުދުތަކުގެ އަދަދުތައްވެސް ރަނގަޅަށް ސާފެއް ނޫނެވެ. ހަމަ އެގޮތުގެ މަތިން އިދިކޮޅުގެ ވެރިކަމެއްގައި ހައްލު ކުރާނެކަމަށް ބުނާ މައްސަލަތަކާއި އަމަލުކުރާނެ ގޮތްތަކުގެ ވާހަކަތައްވެސް އެއް މިންވަރަކަށް އިވިގޮސްފިއެވެ. އެހެންނަމަވެސް ދެކެވެމުންދާ ވާހަކަތަކަކީ ރަސްމީ ވާހަކަތަކެއްބާ އޭ ހިތަށް އަރައެވެ.

މިހެން ސުވާލު ކުރެވެނީ، ސަބަބުތަކެއް ހުރެގެންނެވެ. މިއަދު ސިޔާސީ މައިދާނުގައި އުޅުއްވާ ބޭފުޅުންނަކީ ވަރަށްވެސް “ހިޔަޅު” ބޭފުޅުންތަކެކެވެ. މިސާލުތަކެއް ދަންނަވާނަމެވެ. އެންމެ ފުރިހަމަ އެއް މިސާލަކީ މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއެވެ. އިމްރާނަކީ ދިވެހިރާއްޖޭގައި ހިނގައިދިޔަ އެންމެ ހިތާމަވެރި އަދި ފާހަގަކޮށްލެވޭ އެއް ހާދިސާއާއި ގުޅޭގޮތުން ފާޅުކަން ބޮޑުގޮތެއްގައި އެކި ގޮތްގޮތަށް ވާހަކަދެއްކެވި ބޭފުޅެކެވެ. އޭފޯ ގަނޑުތަކެއް ހިފައިގެން ހުންނަވައި ޑރ އަފްރާޝީމްގެ މަރާއި ގުޅޭގޮތުން ދެއްކެވި ވާހަކަތައް އަޑު ނީވޭނެ އެއްވެސް “ސިޔާސީ” ދިވެއްސަކު ނުހުންނާނެއެވެ.

އެ އަނިޔާވެރިކަމަކީ މިހާރުގެ ވެރިކަން ކުރާ ޕާޓީއިން ހިންގި ކަމެއްކަމަށްވެސް އޭނާ ވަނީ އެއް ފަހަރު ވިދާޅުވެފައެވެ. އަނެއް ފަަހަރު އިދިކޮޅު ޕާޓީގެ ލީޑަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއި އެ ކަމާއި ގުޅުމެއް އޮތްކަަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ. އެހެންނަމަވެސް މިއަދު އެ ވާހަކަތައް ޔަގީނުންވެސް ކެންސަލްވެއްޖެއެވެ. އެކި ފަހަރު ކެންސަލްވީވެސް އެކި ގޮތަށެވެ. އިމްރާންއަކީ މި އުސޫލުން ހަމަ އެންމެ ފުރިހަމަ އެއް މިސާލެވެ. މިހާރު ރާއްޖޭގައި ޑިމޮކްރެސީގެ އަސާސްތައް ގާއިމުކުރެއްވުމުގެ މަސައްކަތްތައް ކުރައްވަމުންދާއިރު، ކުރިއަށް އޮތް ވެރިކަމުގައި އެ އަސާސްތައް ފުނޑުފުނޑުކޮށްލަވާނެކަމުގެ އިޝާރާތްތައްވެސް އެބަ ކުރައްވައެވެ. ރައްޔިތުންނަށް މުޒާހަރާ ނުކުރެވޭނެ ގޮތަކަށް ކަންކަން ބައްޓަންކުރައްވާނެކަމަށް އެބަ ވިދާޅުވެއެވެ.

އެމްޑީޕީގައި ހުރުމަށްފަހު އެ ޕާޓީއިން ނުކުމެ އެހެން ޕާޓީއެއް ހަދާފައިވާ އަދުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީވެސް މިފަދަ ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެމަނިކުފާނު ދައްކަވާފައި ކެންސަލް ކުރެއްވި އެންމެހާ ވާހަކަތަކަކީ ދައްކާ ދައްކާ ހުސްނުވާނެހެން ހީވާ ވާހަކަތަކެކެވެ. އެހެންނަމަވެސް އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކަ އަކީ، އެމަނިކުފާނަކީ އެމްޑީޕީގެ މެމްބަރެއްކަމަށާއި ހުންނަވާނީ އަދި އަމަލުކުރައްވާނީ ޕާޓީގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށްކަމަށް ވިދާޅުވި ވާހަކަތަކެވެ. އިތުރު ވާހަކަތަކަށް ބަލާނަމަ، އަދުގެ ރައީސުލްޖުމުހޫރިއްޔާ އިސްތަށިފުޅުގައި ޒިނޭ ކުރުމުގެ އިލްޒާމް އެޅުއްވުމަށްފަހު، ކެންސަލް ކުރެއްވުން ހިމެނެއެވެ. މިއަދު އެއީ ދެއްކެވި ވާހަކަތަކެއް ކަމަށްވެސް ނުހައްދަވައެވެ.

އެމަނިކުފާނަށް އެމްޑީޕީގެ ޕްރައިމަރީއިން ނާކާމިޔާބީ ލިބިވަޑައިގެންފި ނަމަ، ގޭގައި އޮންނަވާނެކަމަށްވެސް ވިދާޅުވެފަައިވާއިރު، އަމަލުކުރައްވަމުން ގެންދަވާ ގޮތް މިއަދު ރައްޔިތުންނަށް ސާފުކޮށް ފެނިވަޑައިގަންނަވާނެއެވެ. ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް އަވަހަށް ހަނދާން ނެތޭ ބައެއްކަމަށް މި ބޭފުޅުން ވިދާޅުވިނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. މިއަދު މި ވާހަކަތައް މި ދެކެވެނީ އެއީ ހަގީގަތެއްކަމަށް ނުވާތީއެވެ.

އަދުގެ ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ހޮޓް ޓޮޕިކެކެވެ. ގިނަ ވައުދުތަކެއް ވެވަޑައިގެންނެވުމަށްފަހު، ވެރިކަމަށް ވަޑައިގެންނެވި ރައީސަށް މިއަދު އެންމެ ގިނަ ދަތިތައް ކުރިތިވަމުންދަނީ ބަހާ އަމަލާއި ދިމާނުވުމުގެ ސަބަބުންކަމަށް ބުނެވިދާނެއެވެ. ވެރިކަމަށް ވަޑައިގެން، އެމަނިކުފާނު ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެ ވާހަކަދެއްކެވިއެވެ. އެހެންނަމަވެސް އެއީ ނިޔަތެއް ނެތި ތެޅުވި ހުސް އަނގައެކެވެ. މިއަދު ނަޝީދާއި ގާތް ބޭފުޅުން ވިދާޅުވާގޮތުން، ރައީސް ސާލިހާއި އެމަނިކުފާނު ދެމެދު މައްސަލަ އުފެދިފައިވާކަމަށް ހާމަވުމުގެ މާކުރިންވެސް ރައީސް ސާލިހު މަސައްކަތްކުރައްވަމުންދިޔައީ ރައީސް ނަޝީދު ސިޔާސީ މައިދާނުން ކަޓުވާލުމަށެވެ. ދާދިފަހުން މިވާހަކަތައް ދެއްކެވީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަދި ރައީސް އޮފީހުގެ މިނިސްޓަރުކަންވެސް ކުރައްވުމަށްފަހު ޑިމޮކްރެޓްސްގެ ޕޯޑިއަމްތަކުގައި އަޑުހަރުކޮށް ވާހަކަދައްކަވަމުންދާ މުހައްމަދު ޝިފާޒްއެވެ. އޭނާ ސިފަކުރެއްވި ގޮތުން، ރައީސް ސާލިހު އަބަދުވެސް އަމަލުކުރެއްވީ ނަޝީދާއި ދެކޮޅަށެވެ.

މި ވެރިކަމަކީ ރާއްޖެއިން ކޮރަޕްޝަން ނައްތާލުމުގެ ވާހަކަތައް ދައްކައި ގާއިމުކުރެވިގެންދިޔަ ވެރިކަމެކެވެ. އެކަން ކުރެވިފައިވޭތޯ ރައްޔިތުން ވިސްނާ ވަޑައިގަންނަވަންވީއެވެ. ޔަގީނުންވެސް އެ ނޫން އަޑެއް ނީވެއެވެ. މިނިސްޓަރުންނާއި ވަޒީރުންގެ އިތުރުން ރައީސްގެ މައްޗަށްވެސް އިދިކޮޅު ފަރާތްތަކުން މުޅިންހެން ކުރަމުންދަނީ އެފަދަ ތުހުމަތުތަކެވެ. ގާތުގައި ތިބުމަށްފަހު މިއަދު އިދިކޮޅަށް މަސައްކަތްކުރާ ޑިމޮކްރެޓުންވެސް އެ ވާހަކަތައް ދައްކާތާ ލައްކަ ދުވަސްވެއްޖެއެވެ. ވަކިވީވެސް އެ ކަންތައްތައް ބޮޑުވެ ގިނަވުމުން ލަދުންކަމަށް އެ ބޭފުޅުން ސިފަކުރެއެވެ.

ކެންސަލް ކުރެއްވި ވާހަކަތަކަށް ބަލާނަމަ، ދިވެހި މާލީ ހާލަތު ގޯސްވެގެންދިޔަ ދުވަސްވަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދެއްކެވި ވާހަކައެއް ފާހަގަކުރެވެއެވެ. އެގޮތުން އިތުރަށް ލޯނު ނަގައިގެން މަޝްރޫޢުތައް ނުފަށާނެކަމަށާއި މަޝްރޫޢުތައް ކުރިއަށް ގެންދާނީ ހުރި ފައިސާއިންކަމަށް ވިދާޅުވި ވިދާޅުވުން ހިމެނެއެވެ. އެއަށްފަހު ގިނަ ލޯނުތަކެއް ނަގައިފިއެވެ. މަޝްރޫއު ހިންގަން އެކަންޏެއް ނޫނެވެ. މާލީ ބަޔާން ނެރޭއިރު ރައްޔިތުންގެ އެކައުންޓުގައި ފައިސާ ހުރިކަމަށް ދައްކަންވެސް ލޯނު ނެގިކަން ދާދިފަހުން ހާމަވެގޮސްފިއެވެ.

އެގޮތުން 2022 ވަނަ އަހަރު ދިވެހިރައްޔިތުންގެ ބެންކު އެކައުންޓު ވަކި އަދަދެއްގައި ހިފެހެއްޓިގެންދިޔައީ އިންޑިއާ އާއި އެކު ގާއިމު ކުރި ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން ލިބުނު ލާރިގަނޑު އެ އެކައުންޓަށް ޖަމާކޮށްގެންކަމަށް ބައިނަލްއަގުވާމީ މާލީ މުއައްސަސާތަކުން ވަނީ ފާހަގަކޮށްފައެވެ. އަދުގެ ސިޔާސީ ވެރިންނަކީ “ހިޔަޅު” ބައެއް ކަމަށް އާންމުން ބުނަމުންދަނީ މި ސަބަބުތަކާއި ގުޅިގެންނެވެ. މަސްވެރިންނަށް އަޅައިދޭން ބުނި ޕްލެޓުފޯރުމުތަކަކީވެސް އެމަނިކުފާނު ކެންސަލްކުރެއްވި ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

ޖަލުގައި އޮތް އިދިިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީންވެސް ބައެއް ހާލަތްތަކުގައި ހަމަ މިފަދަ ގޮތަކަށް އަމަލުކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. މެނިފެސްޓޯތައް އެކުލަވާލެވެމުންދާ ވާހަކަ ވިދާޅުވިފަހުން އެތައް މަސްދުވަހެއް ހިގައިގޮސް ރިޔާސީ އިންތިހާބު ބޯމަތިވެއްޖެއެވެ. އަދި އެ މެނިފެސްޓޯގައި ހިމެނޭ ގަނޑެއްގެ މިންވަރުވެސް ފެންނާކަަށް ނެތެވެ. ޒުވާނުންގެ މެނިފެސްޓޯއެއް އެކުލަވާލެވެމުންދާ ވާހަކަތައްވެސް ދެއްކެވިއެވެ. ކެންސަލް ކުރެއްވި ވާހަކަތަކަށް ބަލާނަމަ، “ހައްޖަށް” ދާންވީ ނޫންތޯ ވިދާޅުވި ވިދާޅުވުން ހިމެނެއެވެ. ފަހުން އެކަމާއި ސުވާލު ކުރެވުމުން އެއީ ނުވާ ކަމެއްކަމަށް ނުވަތަ ހަނދުމައިން ކައްސާލާފައިވާ ކަމެއްކަމަށްވެސް ސިފަކުރެއްވިއެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވާއިރު، މިއަދު އިވިގެންދާ ވާހަކަތަކުގެ ތެރޭގައި މާލެއާއި ހުޅުމާލެ ރޭލުން ގުޅުވާލުން، އެންމެހާ ރައްޔިތުންނަށް ސޮވަރެއިން ގެރެންޓީގެ ދަށުން ބޯހިޔާވަހިކަމަށް ލޯނު ދިނުން، އަދި އާންމުންގެ ތެރެއިން މަހުޖަނުން އުފެއްދުން ފަދަ މުހިންމު ބޮޑެތި ވައުދުތައް އެބަ ހިމެނެއެވެ. މަސްތުވާތަކެތީގެ ވަބާވެސް އެކީ އެކައްޗަކަށް ނައްތާލާނެކަމަށް އެބަ ވާހަކަތައް ދެކެވޭ، އެހެންނަމަވެސް ރިޔާސީ ރޭހުގައި ޝާމިލުވާ ފަރާތްތަކުގެ ތެރެއިން ލިޔެކިއުމުން ރައްޔިތުންނާއި މި ވާހަކަަތައް ހިއްސާކުރައްވާފައިވަނީ މަދު ބައެކެވެ. ޔަގީނުންވެސް މައި ދެ ޕާޓީއިން ހިއްސާކޮށްފައިނުވެއެވެ. މިއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ މައްސަލައެކެވެ. އިހުލާސްތެރިކަމެއް ނެތް ފަދަ އެވެ. އޮޅުވާލުމަށް މަސައްކަތްތަކެއް ކުރަމުންދާފަދައެވެ.

މެނިފެސްޓޯއަކީ ސިޔާސީ ވެރިންނަށް މަޖަލަކަށް ނުވަތަ އަނގަ ފޮންޏަކަށް ބޭނުންކުރެވިގެންވާނެ ބަހެއް ނޫނެވެ. އެއީ ޖަމާއަތެއް ނުވަތަ ޖަމިއްޔާއެއް ނުވަތަ ސިޔާސީ ޕާޓީއެއްގެ ވިސްނުންތަކާއި ފިކުރު އަދި މަގުސަދުތަކާއި ސިޔާސަތުތައް އަދި ވައުދުތަކާއި އެ ވައުދުތައް ފުއްދާނެ ޝެޑިއުލްތައް ފަދަ ކަންކަން ހިމަނާފައިވާ ރަސްމީ ބަޔާނެކެވެ. އެއީ އެ ޖަމިއްޔާއެއް ނުވަތަ ޕާޓީއެއްގެ ތެރެއިން ފާސްވެގެން ރައްޔިތުންނާއި ހިއްސާކުރަންޖެހޭ މުހިންމު ލިޔުމެކެވެ. ރައްޔިތުންގެ ވޯޓަކީ އެ ލިޔުންތައް ރައްޔިތުންގެ ތެރެއިންވެސް ފާސްވެގެން އައިކަމުގެ ހެއްކެވެ. އެހެންކަމުން މިއަދު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން އެ މުހިންމު މަސައްކަތް ކުރުމުގެ ބަދަލުގައި ޕޯޑިއަމްތަކަށް އަރައި ހުސްވައުދުތަކެއް ވަމުންދަނީ އޮޅުވާލުމުގެ މަގުސަދުގައިކަމާއިމެދުވެސް ސުވާލު އުފެދެއެވެ. ރައްޔިތުންވެސް ޒިންމާތައް އަދާކުރުން މުހިންމެވެ. މި ބޭފުޅުންނަށްވެސް އިމެއް އަދި އުސޫލެއްގެ ތެރެއިން އުޅެންޖެހޭނެކަން ދައްކުވައިދިނުން ވަރަށްވެސް މުހިންމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: