ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެށީ އިސްލާހީ މަސައްކަތްތަކެއް ނަމަވެސް މިހާރު ކުޅެނީ ފިލުމެއް!

ގާާސިމް އިބްރާޙިމް، ރައީސް ސާލިހު، ރައީސް ނަޝީދު، ރައީސް ޔާމީން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އޮތީ އަނިޔާވެރިކަމެއްކަމަށް ސިފަކޮށް އޭރު ހުރި ވެރިޔާ ދުރުކުރުމަށް ކުރި މަސައްކަތްތަކުގައި ގިނަ ބައެއްގެ ޝާމިލުވުން އޮވެއެވެ. އެއީ ދިވެހިރާއްޖޭގައި އިސްލާހީ މަސައްކަތްތަކުގެ ފެށުމެވެ.

ރާއްޖޭގެ ފުރަތަމަ ސިޔާސީ ޕާޓީ އެމްޑީޕީއިން ދައްކައިދިން ތަސައްވަރުތައް ރައްޔިތުން ބަލައިގަތެވެ. އެ ފިކުރުތަކާއިއެކު، މަގުތަށް މައްޗަށް ނުކުތެވެ. އޭރުގެ ވެރިޔާ ތަހުތުން ބާލައި، މުޅިން އައު މޫނެއް ވެރިކަމުގެ ތަހުތުން ފެނުމަށް މަގުފަހިކުރުވިއެވެ. އެ ދުވަސްތަކަށްފަހު، މިނިވަންކަމުގެ ފޮނި މީރު ރަހައެއް ދިވެހި ރައްޔިތުންގެވެސް ދުލުކޮޅުގައި ޖެހި ތަޖުރިބާކުރެވިފައިވާނެއެެވެ. މިއަދު ބިރަކާއި ނުލައި މަޖާކުރަން އުޅެމުންދަނީ އެ މީރުކަމުގެ މޭވާ އަޅައި ފައްކާވުމުގެ ސަބަބުންކަމަށް ބުނުމީ ދޮގަކަށް ނުވާނެއެވެ.

އެހެންކަމުން ވެރިކަން ކުރަމުންދާ ޕާޓީ އެމްޑީޕީއަކީ އިސްލާހީ މަސައްކަތްތަކަކުން ފެށިގެން އައި ޕާޓީއެއްކަމާއިމެދު ސުވާލު އުފެއްދުމަށް ޖާގައެއް ނެތެވެ. ދުވަހަކުވެސް ޕާޓީއަކަށް ސޮއި ނުކުރާނެ އަދި ކޮށްފައިނުވާ އެތައްބަޔަކު ފެށިގެން އައި އިރު، އެމްޑީޕީ އާއިއެކު މަސައްކަތްކުރިއެވެ. ކުރެވެމުންދިޔައީ ގައުމީ މަސައްކަތެކެވެ. ކުރެވިގެންދިޔައީ ދިވެހިރާއްޖޭގެ ކުރެވެމުންދާ ވެރިކަމާއި ވެރިޔާގެ ސަބަބުން ރައްޔިތުންނަށް ނިކަމެތިކަމެއް އައިސްފައިވާކަމަށް ފާހަގަކޮށް އެކަމުން ގައުމު މިންޖުކޮށްދިނުމުގެ މަތިވެރި މަސައްކަތެކެވެ. އެއީ ރައްޔިތުންގެ ހައްގުގައި ކުރެވުނު ހަނގުރާމައެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެއެވެ.

މިއަދު ރާއްޖޭގެ އިސްލާހަށް މަސައްކަތްކުރާކަމަށް ބުނާ ޕާޓީތަކުގެ ލީޑަރުންގެ ގޮތުގައި ތިއްބެވި ފަރާތްތަކަކީވެސް ކޮންމެވެސް ހައިސިއްޔަަތަކުން އެއްކަލަ ތިރީސް އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމުގައި އެމްޑީޕީ އާއިއެކު ބައިވެރިވެފައިވާނެ ފަރާތްތަކެކެވެ. އެހެންކަމުން އެ ޕާޓީތަށް ވުޖޫދުވެގެން އައުމުގެ ބިންގަލަކީ އެމްޑީޕީ އަދި އެ ޕާޓީގެ ފިކުރުތަކާއި އެ އިސްލާހީ މަސައްކަތްތައްކަމަށް ބުނުމުން ނުރުހުނަސް ދޮގަކަށް ނުވާނެއެވެ. އިސް ފަޑީގައި ތިބި ފަރާތްތަކަށް އެކަކު އަނެކާ އަރިހުގައި ތިއްބެވުމަށް ކެއް ނުވެގެން ވަކި ޕާޓީއެއް ހެދުމަކީ ފިކުރު ތަފާތުވުމެއް ނޫނެވެ.

މިއަދު އޮތް ވެރިކަމާއި ދެކޮޅަށްވެސް ކުރަމުންދަނީ ތަފާތު އެހެންނަމަވެސް އިސްލާހީ މަސައްކަތްތަކެކެވެ. މި މަސައްކަތްތަކުގެ އެންމެ އިސް ފަރާތެއްގެ ގޮތުގައި އޮންނަންޖެހެނީ މައި އޮޕޮޒިޝަންގެ ގޮތުގައި ނަންވެފައިވާ ޕީޕީއެމް ޕީއެންސީ ކޯލިޝަންއެވެ. އެހެންނަމަވެސް މިއަދު މަންޒަރުތައް ފެނިގެންދާއިރު، އެ މަގާމު އަދާކުރަމުންދަނީ އެމްޑީޕީގެ އިސް ފަޑިތަކުގައި ތިއްބާ އެޅި ރެނދެއްގެ ސަބަބުން ވެއްޓިގެން ދިޔަ ފަރާތްތަކެކެވެ. ބައެއް ފަރާތްތަކަކީ އަޑުތައް ކިޔާވަރުން ފަޑިމަތީ ހުރުމުގެ ބަދަލުގައި ނަފްސުގެ ސަލާމަތަށް ފައިބައިގެންދިޔަ ފަރާތްތައްކަމަށްވެސް ބުނެވެން އޮތްއިރު، އަނެއް ބައި ފަރާތްތަކަކީ އެންމެ އިސް ފަޑީގައި ހުރި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު، ސިޑި ބަރި ފުނޑެމުންދާ ވާހަކަތައް ދައްކަވަމުންދިއުމާއިއެކު، ފައިބައިވަޑައިގެންނެވި ފަރާތްތަކެވެ.

ދާދި ފަހަކާއި ޖެހެންދެންވެސް އެއްކަލަ ސިޑީގައި އެލިވަޑައިގެން ހުންނެވި ރައީސް ނަޝީދު މިއަދު ސިފަކުރައްވާގޮތުން، އެ ސިޑިން އަރައިގެންދިޔަނަމަވެސް ދާނެ މަންޒިލެއްވެސް މިއަދު ނެތެވެ. އިސްލާހީ މަސައްކަތްތަކުން ފެށިގެން އައި ޕާޓީ މިއަދު އޮތީ އިސްލާހުކުރަންޖެހިފައިކަމަށް ވިދާޅުވެއެވެ. އެމްޑީޕީއިން ބުނަނީ އެއީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު ނުދިނުމުން ދައްކަވަމުންދާ ވާހަތަކެއްކަމަށެވެ.

ޕާޓީއިން ގިނަ އަދަދެއްގެ އިސް މެމްބަރުން ވަކިވެވަޑައިގެންނެވިކަން މުޅި ގައުމަށް އެނގިގެންދިޔައެވެ. އެންމެން ވެސް ހީކުރީ އެހިސާބުން މިހާރުގެ ޖަޒީރާ ރައީސްގެ ވެރިކަން ނިމުމަކަށް އައީ ކަމަށެވެ. މިއަދު އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނާއި ޖުމްހޫރީ ޕާޓީ އަދި ރައީސް ނަޝީދުގެ ޑިމޮކްރެޓްސް ގުޅިގެން “އިސްލާހީ” މަސައްކަތްތަކެއް ފަށާފައިވާކަމަށް ފެނިގޮސްފިއެވެ. އަދި ތަހުތަށް މާ ބޮޑު ލޮޅުންތަކެއް އައިކަމަށް ފާހަގައެއް ނުކުރެވެއެވެ. ގިނަ ހަރަކާތްތަކެއް ހިންގާ މަންޒަރު ފެނިގެންދާއިރު ކުރެވެމުންދާ “އިސްލާހީ” މަސައްކަތްތަކުގެ މާ ބޮޑު އަސަރެއް ކުރާކަމަކަށް ނުފެނެއެވެ.

މިހާރު އޮތް ވެރިކަމަކީ އެއްކަލަ ތިރީސް އަހަރަށްވުރެ ނުބައި ވެރިކަމެއްކަމަށް ބައެއް ބޭފުޅުން ފާހަގަކުރެއެވެ. އެހެންނަމަވެސް އެހެން ވިދާޅުވާ ސަބަބުގެ ފަހަތުގައި ހެކިތަކެއް ހުރިތަނެއް ނުފެނެއެވެ. ލައްކަ ވާހަކަ އިވިއްޖެއެވެ. ގައުމު ބަނގުރޫޓު ކުރާ ވާހަކަ، ރޭޕު ކޭސްތައް ހުއްޓުވުމަށް ކޯޓުތަކަށް އަތް ބާނާ ވާހަކަ، ގައުމުން ބައެއް ވިއްކާލާފައިވާ ވާހަކަ އަދި ރައްޔިތުން “ފެލައިގެން” އެ ދިޔައިން ބަނޑުފުރައި އުޅޭ ވާހަކައާއި ދުނިޔެ ވަށައި ބުރުޖެހުމަށް ތެލުގެ ގޮތުގައިވެސް ބޭނުންކުރާ ވާހަކަތައްވެސް އިވިގޮސްފިއެވެ. އަދިވެސް ދަނީ އިވެމުންނެވެ. ހުއްޓުމަކަށް އައިކަމަށް އަދި ފާހަގައެއް ނުކުރެވެއެވެ.

ޕާޓީގެ މެމްބަރުންގެގޮތުގައި ތިއްބަވައިގެންވެސް ޖަޒީރާ ރައީސް ނޭދެވޭ އަމަލުތައް ހިންގަވާކަމަށް ބުނަމުންދިޔައެވެ. އެހެންނަމަވެސް އެއްވެސް ކަމެއް ހުއްޓުމަކަށް ގެނެވޭނެހާ ވަގުތު އޮއްވައި ފެންމަތިކޮށް ސަގަރޭ ޕާކު މެދުގައި އިނދެ މިއިން އެއްވެސް ބޭފުޅަކު އިހުތިޖާޖެއް ނުކުރެއެވެ. ކޮށްފާނެކަމުގެ އިންޒާރުތަކެއް އިވިގޮސްފައިވީނަމަވެސް، ކޮށްފައެއް ނުވެއެވެ. އެ ވިދާޅުވަމުންދާ އަމަލުތައް ހުއްޓުމަކަށް ގެނެވިފައިނުވާތާނގައި ސަރުކާރަށް އެ ވާހަކަތައް ދޮގު ނުކުރެވޭނެ މިންވަރުގެ އެއްވެސް ހެއްކެއް ހިއްސާކޮށްފައިނުވެއެވެ. ދެކެވެމުންދަނީ ހިޔާލީ ވާހަކަތަކެއް ފަދައެވެ. ޖަޒީރާ ރައީސްވެސް އެކަމާއި ކަންބޮޑުވެވަޑައިގެން ނޫޅުއްވައެވެ. “ރިއެކްޓު” ނުކުރައްވާކަމަށް ވިދާޅުވީ އެހެންކަމުންނެވެ. ބޮމުގެ ހަމަލާގެ ތުހުމަތުވެސް ކުރަނީއެވެ. ދެންވެސް ހެއްކެއް ނުދައްކައެވެ.

ހަމަ ސަރުކާރުގެ ފެކްޝަންގެ ވާހަކަތައްވެސް މި ދެންނެވި ފަދައެވެ. މަޖިލީހުގެ ރައީސްއަށް އަމާޒުކޮށް އެތައް ފަަހަރެއްގެ މަތިން ގާބުރި ބުރި އުކައިފިއެވެ. މިއަދު އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް އައި ގޮތް ސިފަކުރަނީ އެހާރާއި ތަފާތުކޮށެވެ. އޭރު ކަރުބުޑުން “ބާގީ” އަށް ގޮވި މީހުންގެ ތެރެއިން މަދު ބަޔަކު ނޫން އެންމެންގެވެސް ރާގު ބަދަލުވެއްޖެއެވެ. ވެރިކަން ގެއްލިގެންދިޔައީ ހާލަތާއި ނުބައްދަލު ގޮތަކަށް ނަޝީދު އަމަލުކުރުމުން ކަމަށް އެއްބަޔަކު ސިފަކުރާއިރު، އަނެއް ބަޔަކުގެ ވާހަކަތަކުން ސިފަވަނީ އެމަނިކުފާނު ހަމައިގައި ނުހުންނެވުމުގެ ސަބަބުން “ޅަ އެއްޗެއް” އަޅުއްވައި އަމިއްލައަށް ވެރިކަމުން ފައިބައިވަޑައިގެންނެވިކަމެވެ. ލަވަ އާއި ޅެން ހަދައި މަޝްހޫރުވެފައިވާ އެއްކަލަ ބަގާވާތްވެސް ނުހިނގާ ފަދައެވެ. އެހެންނަމަވެސް އެ ވާހަކަތައް އޮތީ ކިލަނބުކަމެއްގެ ތެރޭގައެވެ. ނަޝީދު ފޭބީކަމެއް ވެއްޓުނީކަމެއް ނުވަތަ ވައްޓާލީކަމެއްވެސް ސާފެއްނޫނެވެ. ހަމަ ނަޝީދުގެ ފެކްޝަނުން ދައްކާ ވާހަކަތަކާއި އެއްފަދައެވެ. ދެކޮޅުންވެސް ދައްކާ އެއްވެސް ވާހަކައަކީ ސާބިތު ކުރެވޭ ވާހަތަކެއްނޫނެވެ. މިއީ ހަަމަ އަޖައިބެކެވެ.

މި ކުޅިވަރުގަނޑުން އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު އަބްދުﷲ ޔާމިންވެސް އިސްތިސްނާ ނުވެއެވެ. ޔާމިން ވައްކަމެއް ކުރިކަމަށް ބުނެ، ގޮޅިއަށް ލާފަ ނެރުނީވެސް ހަމަ މި ވެރިކަމުގައެވެ. ނާއިންސާފުވެރި އަދި ހުދުމުހުތާރުކަމަށް ބުނާ ޖަޒީރާ ސަރުކާރު އޭރުވެސް ހުރިހާ ބާރުތައް މުށުލައިފައިވާކަމަށް ބުނަމުންދިޔައެވެ. އެ ބާރުތަކުގެ ތެރޭގައި ޖުޑިޝަރީ ނިޒާމު ހިމެނެއެވެ. މިހާރުވެސް އެ ނިޒާމަށް އަތް ބާނާކަމަށް ބުނާއިރު، ސުޕްރީމް ކޯޓާއި ހިސާބުން ޔާމިން ސަލަމާތްވާނެކަމަށްވެސް ބުނާއަޑުވެސް އިވިގެންދަނީ އެއް ވާނަކަށެވެ. އެ ބުނާގޮތަށް ޝަރުއީ ނިޒާމުވެސް އޮތީ ސާލިހުގެ މުށުތެރޭގައި ނަމަ، ކޮން ސުޕްރީމް ކޯޓެއްތޯއެވެ؟ ހަމަ ކޮންމެ ކޯޓަކުންވެސް ކުރިމަތިވާންޖެހޭނީ އެ ބުނާ ނާއިންސާފައެވެ. ވަކި ކޯޓަކުން ސަލާމަތްވާނެކަމަށް ބުނާބުނުމުން ހީވެގެންދަނީ އެއީ ކަނޑައެޅިފައިވާ އުސޫލެއް ހެންނެވެ.

ހިތާމަވެރިނަމަވެސް، އިދިކޮޅުގެ ލީޑާރޝިޕާއި ހަވާލުވެތިއްބެވި ފަރާތްތަކުން ޔާމިނު މިނިވަންކުރުމަށް ކުރާ މަސައްކަތްތައް ކުރަމުންދަނީ ދޯދިޔާ ގޮތަކަށްކަމަށް ފެނިގެންދެއެވެ. ޔާމީންއަކީ ބޮމުގެ ހަމަލާއެއް ޝިކާރައަކަށްވެ އަނިޔާތަކެއް ލިބިފައިވާ ފަރާތެއްކަމަށް ވުމުން، ނައިބު ރައީސް އަދީބަށް ނިދަން ދަތިވެގެން ގެއަށް ބަދަލުވެވުނު ގޮތަށް ބަދަލުވުމުގެ ފުރުސަތު އޮންނަންވާނެއެވެ. އާންމު މެމްބަރުން ރިޔާސީ ޓިކެޓު ދިނީ އެއްވެސް ހާލަތެއްގައި ޔާމީން ޖަލުގައި އޮންނަވާނެކަމަށް ދެކިގެންނެއް ނޫނެވެ. މިނިވަނެއްގެ ގޮތުގަައި އިންތިހާބުގައި ބައިވެރިވެވަޑައިގަންނަވާނެކަމުގެ އުންމީދުގައެވެ.

ގެއަށް ބަދަލުކުރުމާއި ބެހޭގޮތުން ސުވާލުކުރުމުން އެކަމަށް އިދިކޮޅުން ދޭ ޖަވާބަކީ ސަރުކާރުން ޖަވާބެއް ނުދޭ ވާހަކައެވެ. މިއީވެސް ހައިރާން ކުރުވަނިވި ވާހަކައެކެވެ. އިދިކޮޅަށް އޮންނަ މައި ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމެވެ. އެކަން ނުވަންޏާ ވަރަށްވެސް ދެރައެވެ. ނަޝީދު ގޮޅީގައި އޮތް ދުވަސްވަރު އާމާލް ކުލޫނީ ގެނެސްގެން ކުރިވަރު ކުރާ މަންޒަރުވެސް ނުފެނެއެވެ. ޔާމިން ނެރުމަށް ބޭނުން ނުވާކަމަށް ބުނާ އަޑުތައްވެސް އިވެން ފަށައިފިއެވެ.

މައި އޮޕޮޒިޝަންއަށް ސަރުކާރުގެ ފަރާތުން ޖަވާބުގަނޑެއް ނުލިބޭ ނަމަ، ކުރެވެނީ ކޮން ކަމެއް ބާއޭ ހިތަށް އަރައެވެ. އެވަރަށް ގޮނޑިނެތުމުގެ ސަބަބުން ނަމަވެސް މަޖިލީހުގެ ތެރެއިން މާ ބޮޑު ކަމެއް ނުވެއެވެ. ޔާމީން މިނިވަނެއް ނުކުރެވެއެވެ. ސަރުކާރު އެއްވެސް އަމަލެއް ހުއްޓުމަކަށް ނުގެނެވެއެވެ. އަދި އަމިއްލަ ޕާޓީގެ ރިޔާސީ ކެނޑިޑޭޓުގެ ރައްކައުތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ޖަވާބު ގަނޑެއް ހޯދިފައިނުވާއިރު، ފޭބުމަށް ގޮވާލަމުންދިޔަ އިންޑިއާ ސިފައިން ބޭލުނު މަންޒަރެއްވެސް ނުފެނެއެވެ. ފަސް އަހަރު ހޭދަވެގެން މިދަނީ އެބުނާ އިންޑިއާގެ އަސްކަރިއްޔާ ތިބިކަމުގެ ހެއްކެއްވެސް ނުފެނިއެވެ. ތުހުމަތު ކުރެވިދާނެއެވެ. އެހެންނަމަވެސް ސާބިތު ނުކުރެވޭނަމަ އެ ވާހަކަތަކަތައް ދެއްކުމަކީ ވަގުތު ބޭކާރުކުރުމާއި އެއްފަދަ ކަމެކެވެ.

ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީއިންވެސް ފެންނަނީ މިފަދަ މަންޒަރެކެވެ. ޖޭޕީއަކީ 2023ގެ ކޯލިޝަން ހެދުމާއިޖެހެންދެންވެސް މިހާރުގެ ވެރިކަމުގެ މޭޒުގެ މައި އެއް ހިއްސާދާރެވެ. އެހެންކަމުން ދަރަނި ބޮޑު ވާަހަކަ އިވިފައިވާކަމަށް އަދި ފިނޭންސް އާއި ކުރާ ސުވާލަށް ޖަވާބު ނުދޭކަމަށާއި މާލީ ހާލަތުގެ ހަގީގަތް ނޭނގޭކަމަށް ގާސިމް ސިފަކުރެއްވި ކުރެއްވުމަކީވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫނެވެ.

ވެރިކަން ކުރާ ކޯލިޝަންގެ ދެވަނަ އަށް އެންމެ އިސް ޕާޓީގެ ވެރިޔާއަށް ގައުމުގައި ހިނގަމުންދާކަންކަން ނޭނގިދާނެކަމަށް ގަބޫލުކުރަން ދަތިއިރު، ތަހުތާއި ދާދި ގާތުގައި އަބަދުވެސް އިންވާ “ކިންގް މޭކާރ” އަށް ގައުމުގެ ހާލަތު ގޯސްވި ސަބަބު ސާފުނުވާނަމަ، މިހާރަށްވުރެ އިސް މަގާމަަކަށް ލުމަކީ ގައުމަށް މިހާރު ލިބިފައިވާކަމަށް ބުނާ ގެއްލުންތަކަށްވުރެވެސް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ފުރުސަތު އޮތްކަމެކެވެ.

ޖާހިލު ލީޑަރަކަށްވުރެ ގައުމަށް ބޭނުންވަނީ ސަމާލުވެ ތިއްބަވާ ހުށިޔާރު ލީޑަރުންނެވެ. މިއަދުވެސް އުފެދިފައިވާ މައްސަލަތައް އުފެދިގެން އަންނަނީ ޖަޒީރާ ރައީސްއަށް ބައެއްކަންކަން ސާފުވެވަޑައިނުގަންނެވުމުގެ ސަބަބުންކަމަށް “އިސްލާހީ” ބައެއް ބޭފުޅުން ސިފަކުރެއެވެ. ގައުމުގެ އިގްތިސާދީ ތަނަވަސްކަމާއި ނުބައްދަލު މިންވަރަށް ދަރަނި އުފައްދަވަމުން ވަޑައިގަންނަވާއިރު، ހިނިތުންވެވަޑައިގެން ހުންނަވާނީ އެ ދަންނަވާ ކަންކަމުގެ ފަހަތުގައި ހަގީގަތްތަކެއް އެކުލެވިގެންވާތީކަމަށްވެސް ވެދާނެއެވެ.

އެހެންކަމުން މިއަދު ކުރެވެމުންދާ “އިސްލާހީ” މަސައްކަތްތައް ވަރަށްވެސް ތަފާތުކަމަށް ބުނެވިދާނެއެވެ. ގިނަ ތުހުމަތުތަކެއް ކުރެވިގެންދާ އަޑު އިވިގެންދާއިރު، އެ އަމަލުތައް ހިންގާފައިވާކަމުގެ އެއްވެސް ހެއްކެއް ނެތެެވެ. ހެއްކެއް ނެތުމުގެ ސަބަބުން ދެކެވޭ ވާހަކަތަކާއި ގުޅިގެން ފިޔަވަޅެއް އެޅޭ މަންޒަރެއް ފެނިގެންނެއް ނުދެއެވެ. ކޮންމެ ފަދަ ވާހަކައެއް ދެކެވުނު ނަމަވެސް ޒިންމާއެއް ނަގަންޖެހޭ ފަރާތެއްވެސް ނުހުންނަ ފަދައެވެ.

ފެށިއިރު، ކުރެވެމުންދިޔައީ އޮށްގަލެއް އުކުމާއި އެއް މިންވަރު ތުހުމަތުތަކެއް ނަމަވެސް މިހާރު ހަނގުރާމަ ހޫނުވެ އެޅިގާ ބުރި ބުރި އުކަމުންދާއިރު، ޖެހުނު ތަނެއް ފެންނާކަމަށް ނެތެވެ. އެއްވެސް މީހަކު އަސްލަށް ޒަހަމުވެ ލޭ އަންނަ މަންޒަރު ފެނިގެން ނުދެއެވެ. އެންމެ ކުޑަ މިންވަރުން ތަދުވެގެން އުޅޭ ހެންވެސް ހީނުވެއެވެ. އެއްވެސް މީހަކު ހެއްކެއް ނުދައްކަން ޑީލެއް ހަދައިގެން ތިބި ފަދައެވެ. އިސްލާހުގެ ނަމުގައި ކުޅެމުންދަނީ ފިލްމެއް ފަދައެވެ.

ރާއްޖޭގައި މިއަދު ހިންގަމުންދާ އިސްލާހީ މަސައްކަތްތަކުގެ ސަބަބުން ފައިދާއަށްވުރެ ބޮޑީ ލިބިގެންދާ ގެއްލުމެވެ. އެއްވެސް އޮއްޓަރެއް ހުރި ކާމިޔާބީއެއް ހާސިލުވިކަމަށް ބުނެވެން ނެތްއިރު، މިކަމުގެ ސަބަބުން އެ ދެކެވޭ ވާހަކަތަކާއި ހިންގާފައިވާކަމަށް ތުހުމަތުކުރާ އަމަލުތަކާއި އެ އަޑުތައްވެސް ނޯމަލައިޒްވުން ނޫން އިތުރު އެއްކަމެއްވެސް ހާސިލުނުވާކަން ޔަގީނެވެ. އިވި އިވި މިއަދު އެއްކަލަ ތުހުމަތުތަކަށް ރައްޔިތުންގެ ކަންފަތްތައް ބަންދުވެއްޖެފަދައެވެ. އިންތިހާއަށް ހިތާމަވެރި މައްސަލައެކެވެ. އިސްލާހުން ފެށި މަސައްކަތްތައް ނިމިގެން މި ދަނީ ވަބާއެއްގެ ގޮތުގައެވެ.

މިއަދު ކިތަންމެ ވަރަކަށް ޖަޒީރާ ރައީސް ނުވަތަ އެހެން ލީޑަރެއްވެސް ވައްކަމާއި އެއްފަދަ އަމަލެއް ހިންގަމުންދާކަމަށް ބުނިނަމަވެސް އެދިމާލަށް ކަރު އަނބުރާ ބަލާލާނެ ރައްޔިތަކުވެސް ނުވުން އެކަށީގެންވެއެވެ. އެހާވެސް ގިނައިން ސާބިތު ނުހިފޭ ވާހަކަތައް އިވިގޮސްފިއެވެ. ފިލްމެއް ކުޅެމުންދާކަމަށް ސިފަވަނީ މި ދެންނެވި ސަބަބުަތަކާއި ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: