ރައީސް އިބްރާހިމް މުހައްމަދު ސާލިހާއިއެކު ކޯލިޝަން ހެއްދެވުމަށް ޖުމްހޫރީ ޕާޓީއިން އިންކާރު ކުރިނަމަވެސް، އެކަމުގެ ސަބަބުން އެމްޑީޕީއަށް ގޮންޖެހުންތަކެއް ކުރިމަތިނުވާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑަސީ ލިބިގެންދިއުމާއިއެކު، ރައީސް ސާލިހުވަނީ ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ ޕާޓީތަކަށް ދެވަނަ ދައުރަކަށް ވެރިކަން ކުރުމަށް ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުއްވާފައެވެ. އެންމެ ފުރަތަމަ އެ ދައުވަތު ބަލައިގަނެފައިވަނީ އަދާލަތުންކަމަށްވާއިރު، ޖުމްހޫރީ ޕާޓީއިންވަނީ ރަސްމީ ޖަވާބެއް ނުދީ ގިނަ ދުވަސްތަކެއް ހިފެހެއްޓުމަށްފަހު، އެ ޕާޓީއިން ކޯލިޝަން ނުހަދާނެކަން ރަސްމީ ގޮތުން އަންގާފައެވެ.
ގާސިމް ކޯލިޝަނުގައި ނުހުންނަވާނެކަމަށް އިޝާރާތްކުރައްވާ ޝަރީފް ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މި ފަހަރު ރައީސް ގެ ކޯލިޝަންގައި ޖޭޕީގެ ބަދަލުގައި ހަމަ އެވަރުގެ ޕާޓީއެއް އޮތްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދ މީދޫ ދާއިރާ އަހުމަދު ސިޔާމްގެ ޕާޓީ އެމްޑީއޭކަމަށެވެ. އޭނާ ވިދާޅުވީ، އެ ޕާޓީ އޮތީ ރައީސް ސާލިހާއިއެކުކަމަށެވެ. އެހެންކަމުން މިހާރު އޮތް ކޯލިޝަން ވަކި ކުޑައެއްވެސް ނޫންކަމަށާއި ޖޭޕީ ނެތުމުން ހާސްކަމެއް ނެތްކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ރައީސް ނަޝީދު އަދި ގާސިމް ނުލައި ރައީސް ސާލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ ފަސޭހަކަމާއިއެކުކަމަށެވެ. އޭނާ ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވަނީ ސުލްހަމަސަލަސްކަން ކަމަށެވެ. އޭނާ ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ތަފާތު ނުކުރައްވާކަމަށެވެ. އަދި ތަރައްގީގެ ފޮނި މީރުކަން އެންމެނަށްވެސް ލިބިގެންދިޔަކަމަށާއި، ރައްޔިތުންނަށް ބޯހިޔާވަހިކަންވެސް ފޯރުކޮށްދީފައިވާކަމަށް ވިދާޅުވިއެވެ.


One Response
މި މަވޯޓާ މިއީ ގަދަ ގޮލައެއް. ކުއްލިއަކަށް މީނާ މާ އިބޫ ވެގެން ސަރުކާރު ވެގެން މި ތެޅެނީ މީނާ ފުރެންދެން ލާރި ދެނީ. މީނާގެ ދަރިން ބޭރުގަ ސަރުކާރު ޚަރަދުގަ، އަދި މަޥޯޓާ އަށް ހެސްކިޔާފަ ބޮޑެތި ވިޔަފާރިތައް.