ޖުޑިޝަރީ އިސްލާހުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކުން ހުރަސްއެޅުމަށް މަސައްކަތްކުރަމުންދާކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ތުހުމަތުކުރައްވައިފިއެވެ.
މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން ޝަރީފްވަނީ ޖުޑިޝަރީ އިސްލާހުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް މަޖިލީހުގެ ތެރެއިން ހުރަސްތައް ހުރިކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ޖޫން މަހުގެ 19 ވަނަ ދުވަހު މަޖިލީހަށް ހުށައެޅުނު ބިލެއްގެ ފުރަތަމަ ކިޔުން ސެޕްޓެމްބަރު މުހުގެ ތެރޭގައި އިއްވުމަކީ މަޖިލީހުގެ ރިޔާސަތުން ކަނޑައެޅިގެން އެކަމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާފައިވާ އަމަލެއްކަމަށެވެ.
ޝަރީފް ވިދާޅުވީ، ވީހާވެސް އަވަހަކަށް ބިލުގެ ބަހުސްތައް ނިންމައި ޖޭއެސްސީއަށާއި ގާނޫނުއަސާސީ އަށް އިސްލާހުތައް ގެނައުމަކީ މުހިންމުކަމެއްކަމަށެވެ. މިދިޔަ ފަސް އަހަރު މަޖިލީހުގައި ދެކިފައިވާ އެއް ވާހަކައަކީ ޖޭއެސްސީއަށް ސިޔާސީ ނުފޫޒު ވަދެފައިވާކަމުގެ ވާހަކަ ކަމަށް ޝަރީފް ވިދާޅުވިއެވެ. ސިޔާސީ ނުފޫޒު އެތަނަށް ވަނުމުގެ އެންމެ ބޮޑު ނާރެހަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ ހުންނެވުމާއި ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރެއްގެ ގޮތުގައި ހުންނެވުންކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެކަންކަން ބަދަލުކޮށް އިސްލާހުކުރުމަށްޓަކައި ޖޫން މަހުގެ 19 ވަނަ ދުވަހު ބިލެއް ހުށައެޅުމުން އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ބަހުސްކުރަންޖެހޭކަމަކީ ކަންބޮޑުވާކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ އެކަންކަމާއިމެދު ވިސްނަން ޖެހޭކަމަށާއި މަޖިލީހުގެ ރިޔާސަތުން އެކަންކަން އިސްލާހުވިޔަ ނުދިނުމަށާއި ސަރުކާރުން ޖުޑީޝަރީއަށް އަތް ބާނާ ވާހަކަ ދައްކައި ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރާކަމަށެވެ. އަދި ޖޭއެސްސީގެ އިސްލާހާއިމެދު މަޝްވަރާކުރުމަށް އިންތިހާބު ނިމެންދެން ގެނެސްފައިނުވުމަކީވެސް ރައްޔިތުން ވިސްނަންޖެހޭކަމެއްކަމަށް ވިދާޅުވިއެވެ.

