ޕާޓީގެ އިސް މަގާމުތަކުގައި ތިއްބަވާ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވަނީނަމަ، ރަނގަޅު ގޮތަކީ މަގާމުން އިސްތިއުފާ ދެއްވުންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ސުވާލުއުފައްދަވާ އޭނާ ވިދާޅުވެފައިވަނީ އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނަށް ޕާޓީގެ މެންބަރުންގެ އަގުލަބިއްޔަތުން ނިންމާ ނިންމުންތަކާދެކޮޅު ހަދާ، ޕާޓީގެ އަސާސީ ގަވާއިދާއި ކަނޑައެޅިގެން ދެކޮޅު ހަދަމުން މަގާމުތަކުގައި ތިބެވިދާނެތޯއެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ރަނގަޅު ގޮތަކީ އިސްތިއުފާދެއްވުމެވެ.
Ufedhey suvaaleh MDP ge leadership ga himeney baeh beyfulhunnah party ge memberun ge aghlabiyyathun nimmaa nimmun thakaa dhekolhu hadhaa party ge asaasee gavaaidhaa kada elhigen dhekolhu hadhamun magaamuga dhemi thibevi dhaane tho? Ragalhu gothakee magaamun isthiufaa dhevvun
— Ibrahim Shareef (@AdduShareef) February 16, 2023
ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު އެމްޑީޕީގެ ރިޔާސީ އިންތިހާބުގައި ނިކުތް ނަތީޖާ ގަބޫލުކުރައްވަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދެކޮޅުހައްދަވައެވެ. އަދި އެމަނިކުފާނު ގެންދަވަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ދެކޮޅަށް ވާހަކަދައްކަވާ، ރައީސް ސާލިހަށް ތާއީދުނުކުރާނެކަމަށް ބުނަމުންނެވެ. އަދި “ފިކުރެއްގެ ދިރުން” މި ނަމުގައި އެމްޑީޕީގެ ގޮފިތައް ހުރިހާ ރަށެއްގައިވެސް އަލުން ހަދާ، ކަނޑާލި 39،000 އަށްވުރެ ގިނަ މެންބަރުން އަލުން އެމްޑީޕީއާއި ގުޅި އެމީހުންނާއިއެކު ގޮތް ނިންމުމަށް ރައީސް ނަޝީދު ވަނީ ހުށައަޅާފައެވެ. އަދި “ފިކުރެއްގެ ދިރުން” ކެމްޕެއިން ޓިމުގެ ކެޑިޑޭޓު ކަނޑައަޅާނީ ފަހުންކަމަށް ވިދާޅުވިއެވެ. މިކަމާއި ގުޅިގެން އެމްޑީޕީގެ ގިނަ މެންބަރުންތަކެއް ވަނީ މިއީ ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުކަމެއްކަމަށް ވިދާޅުވެފައެވެ.
ރައީސް ނަޝީދުގެ މި މެސެޖާއި ގުޅިގެން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވަނީ ޕާޓިގެ އަސާސީ ގަވާއިދުގައިވާ ބައެއް ކަންކަން ޓުވިޓާގައި ހިއްސާކޮށްފައެވެ. އެގޮތުން މެންބަރުންގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ގަވާއިދުގައި ކަންކަން ހިއްސާކޮށްފައިވާއިރު، އެ ގަވާއިދުގައި ގައި ބުނާ ގޮތުން ޕާޓީގެ އަސާސީ ގަވާއިދާއި، ސިޔާސަތުތަކާއި އުސޫލުތަކާއި، ކަނޑައެޅުންތަކާއި، އަދި އެހެނިހެން ގަވާއިދުތަކާއި އެއްގޮތަށް ސުލޫކު ބަހައްޓާ އެ ގަވާއިދުގައި ބުނެފައިވާ ކަންކަން ގަބޫލުރަންޖެހޭނެއެވެ.
އޭގެ ތެރޭގައި ޕާޓީގެ މަސްލަހަތުތަކަށް ބުރޫނާރާނެ ގޮތަށް އެ މެންބަރެއްގެ އުޅުން ބެހެއްޓުމާއި، ހާއްސަކޮށް ޕާޓީގެ އަހްލާގީ މިންގަނޑަށް ހުރުމަތްތެރިކޮށް ހިތުން ހިމެނެއެވެ. އަދި ގައުމީ މަޖިލީހުން ކަނޑައަޅާ އިޝްތިރާކު މެދުނުކެނޑިދެއްކުމާއި، ޕާޓިގެ އަމާޒުތަކާއި މަގުސަދުތަކައި، އުސޫލުތަކައި، ސިޔާސަތުތަކައި، ޕާޓީއަށް މުހިންމު ކަންކަން ކުރިއެރުރުވުމަށް މަސައްކަތްކޮށް އަދި އެކަންތައްތައް ދިފާއުކުރުމަށްފަހު އަސާސީ ގަވާއިދުން ޕާޓިގެ މެންބަރުންނަށް މަޖުބޫރުކޮށްފައިވެއެވެ. ޕާޓިގެ އަސާސީ ގަވާއިދުން ޕާޓީގެ ކެނޑިޑޭޓުންނަށް ތާއިދުކުރުމާއި، ވޯޓު ހޯދާދިނުމަށް މަސައްކަތްކުރުމާއި އަދި ވޯޓު ދިނުން އޮތްއިރު، ރައީސް ނަޝީދު މިހާރު ނިންމާފައިވާ އެ ނިންމުމުން މި ގަވާއިދާއި ހިލާފުވެއެވެ.
މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދަށް ޓާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ޕޮލިސް ބޯޑުގައި އިންނަވާ ހާމިދު އަބްދުލްޣަފޫރު ވަނީ ރައީސް ސާލިހާއި އެޕާޓީގެ ރިޔާސީ ޓިކެޓް ހަވާލު ކުރުން ހުއްޓުވުމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓުގައި އެދިފައިކަން ފާހަގަކުރެވެއެވެ.

