އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުން އެކަހެރިވެވަޑައިގަންނަވަން ނުޖެހޭކަމަށް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އިލެކްޝަންސްގެ ރައީސް ފުއާދު ހުންނެވީ ނުފޫޒެއްގެ މަތީގައިކަމަށް އެ ކޮމިޝަނުގެ ބައެއް މެމްބަރުން ތުހުމަތު ކުރެއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ، ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފެެއްދުމަށް މަސައްކަތްކުރަމުންދާ ދަ ޑިމޮކްރެޓްސް ޕާޓީގެ ފޯމުތަކުގެ މަސައްކަތްތައް އިލެކްޝަންސްގައި ކުރެވެމުންދަނިކޮށެވެ. އަދި އިދިކޮޅުންވެސްވަނީ މިފަދަ މައްސަލައެއް ފެންމަތިވެދާނެކަމުގެ އިޝާރާތްތަކެއްކޮށްފައެވެ. އެގޮތުން އުނގޫފާރު ދާއިރާގެ މެމްބަރުވަނީ ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ފުއާދު މަގާމުން ދުރުކުރުމަށް ސަރުކާރުން ރާވާކަމަށް އިޝާރާތްކޮށް ތުހުމަތުތަކެއް ކުރައްވާފައެވެ.
ފުއާދު ޗެއަރ ކުރައްވާ ޖަލްސާގައި ބައިވެރިނުވާނެކަމަށް ބައެއް މެމްބަރުން ވިދާޅުވުމާއިއެކު، ސަންގުންވަނީ މި މައްސަލައާއި ގުޅޭގޮތުން ފުއާދާއި ސުވާލުކޮށްފައެވެ. އޭނާ ވިދާޅުވީ، ޖަލްސާތައް ކުރިއަށް ގެންދިއުމަކީ މެމްބަރުންގެ ޒިންމާއެއްކަމަށެވެ. އޭނާ ވިދާޅުވީ، ހުވާއެއް ކުރައްވައިގެން މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނަށް ވަކި މީހަކު ރައީސްއެއްގެ ގޮތުގައި ހުރުމުން ޖަލްސާގައި ބައިވެރިވެވަޑައިނުގަތުމަކީ އޮންނަ އިހުތިޔާރެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވި ބޭފުޅުންތަކަކަށް އެ ވާޖިބާއި މަސްއޫލިއްޔަތުތައް އަދާކުރަންޖެހޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އަހުލާގީ މައްސަލައެއްކަމަށެވެ.
ފުއާދު މަގާމުން އެކަހެރިވެވަޑައިގަތުމާއިމެދުވެސް ސަންގުންވަނީ ސުވާލުކޮށްފައެވެ. އޭނާ ވިދާޅުވީ، އެފަދަ ގޮތަކަށް އަމަލުކުރައްވަން ޖެހިވަޑައިގެންފައިނުވާކަމަށެވެ. އޭނާ ވިދާޅުވީ، މަގާމުތަކުން ދުރުކުރުމަށް އޮންނަ އުސޫލުގެ ތެރެއިން ދައުލަތުން އޭނާ މަގާމުން ދުރު ނުކުރާ ހިނދު މަގާމުގައި ހުންނަވާނެކަމަށެވެ.

