ރައްޔިތުންގެ މަސްލަހަތު ހިމެނޭ މުހިންމު ބިލުތަކެއް ކޮމިޓީ މަރުހަލާގައި ތާށިވެފައިވާކަމަށް ފާހަގަކުރައްވާ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މަޖިލީހުގެ ރައީސް އަދި ނައިބުރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅުމާއިއެކު މަޖިލީހުގެ މަސައްކަތްތައް ހުއްޓުމަކަށް އައިސްފައިވާ މައްސަލައަށް އަލިއަޅުއްވައި ނިހާދު ކުރެއްވި ޓްވީޓެއްގައި އޭނާވަނީ ޖުޑިޝަރީ ކޮމީޓީއަށް ހުށައެޅިފައިވާ ބިލުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
ނިހާދު ޕޯސްޓުކުރެއްވި ލިޔެކިއުމެއްގައިވާގޮތުން، 2020 ވަނަ އަހަރު ހުށައެޅި ބިލެއްކަމަށްވާ، އިފްލާސްވުމާއި އިފްލާސްކުރުމުގެ ބިލު އޮތީ ކޮމިޓީ މަރުހަލާގައި ތާށިވެފައެވެ. 2022 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައި ނިހާދު ހުށައެޅުއްވި ބިލެއްކަމަށްވާ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުވެސް ކޮމިޓީގެ މަރުހަލާގައި އޮތްއިރު، ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލަކާއި އެ އަހަރު ހުށައެޅިފައިވާ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އަދި 2023 ވަނަ އަހަރު ހުށައެޅިފައިވާ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށައެެޅިފައިވާ އިސްލާހަކާއި މި އަަހަރު ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ހުށައެޅި ބިލެއްގެ އިތުރުން ގިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ ގާނޫނަށް ހުށައެޅިފައިވާ އިސްލާހާއި ހެއްކާ ބެހޭ ގާނޫނަށް ހުށައެޅިފައިވާ އިސްލާހެއްވެސް ކޮމިޓީ މަރުހަލާގައި ތާށިވެފައިވާކަމަށް ލިޔެކިއުމުން ފެނިގެންދެއެވެ.
މި މައްސަލައާއި ގުޅިގެން ނިހާދުވަނީ ރައީސް ނަޝީދު އަދި އެމަނިކުފާނަށް ތާއީދުކުރައްވާ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ”ފިކުރު ޖަމިއްޔާ“ އިން ސަރުކާރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ޖަރީމާތަކެއް ހިންގާފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ޖުޑިޝަރީ ކޮމިޓީގައި ތާށިކޮށްފައިވާ ބިލުތަކުން ސާފުވެގެންދަނީ ހިންގާފައިވާ އަމަލުތަކުގެ ކުޑަ މިންވަރެއްކަމަށެވެ. އޭނާ ވިދާޅުވީ، މިފަދަ އެންމެހާ އަމަލުތަކުގެ ސަބަބުން ގެއްލުންތައް ލިބިގެންދަނީ ދިވެހި ރައްޔިތުންނަށް ކަމަށެވެ.

