ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާނުން ކުށްތަކަށް އަރައިގަތުން އިތުރުވީ ސަރުކާރުތަކުގެ އިހުމާލުން: ނާޒިމް

އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު ރިޓަޔާޑު ކާނަލް މުހައްމަދު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޒުވާނުން ކުށްތަކަށް އަރައިގަންނަ މިންވަރު އިތުރުވެފައިވާ ސަބަބުތަކުގެ ތެރޭގައި ސަރުކާރުތަކުން ޒުވާނުންނަށް އިހުމާލުވުން ހިމެނޭކަމަށް އެމްއެންޕީގެ ރިޔާސީ ކެނޑިޑޭޓު އަދި މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީއިން ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ވާހަކަދައްކަވަމުން، ނާޒިމްވަނީ ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރޭގައި ކުށްތައް ކުރެވެމުންދާ މިންވަރުތައް އިތުރުވަމުންދާކަމަށް އިޝާރާތްކުރައްވާ އެ މައްސަލަ އާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ. އަދި އެފަދަ މައްސަލަތަކަށް ހައްލުތަކެއް ގެނައުމަށް އެމްއެންޕީއިން ބައެއް މަސައްކަތްތައް ރާވަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ، ޒުވާނުންނަށް ވަޒީފާ ހޯދުމުގައި ކުރިމަތިވެގެންދާ ދަތިތަކުގެ ސަބަބުން، އާމްދަނީއެއް ހޯދުމަށް ކޮންމެވެސް މަގެއް ކޮށައި ހިޔާރުކުރާކަމަށެވެ. އޭނާ ވިދާޅުވީ، ކުށްތަކަށް އަރައިގަންނަ ޖަމާއަތްތަކުގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އިސް ވެރިންގެ ގޮތުގައި ތިބޭ މީހުން، އަތޮޅުތަކުގައި ދިރިއުޅޭ ކުދިން މާލެ ގެނެސް އެޕާޓުމެންޓުތައް ހިފައި އެ ކުދިން އެތަންތަނުގައި ބައިތިއްބައިގެން އެފަދަ އަމަލުތައް ހިންގުވާކަން އެނގިވަޑައިގަންނަވާކަމަށެވެ. އޭނާ ވިދާޅުވީ، ފުލުހުންގެ މުއައްސަސާގެ ރިކޯޑުތަކުން އެ ކަން ދައްކާކަމަށެވެ.

އެހެންނަމަވެސް އުފެދިފައިވާ މައްސަލައަށް ހައްލެއް ގެނައުމަށް އަޅާލާނެ އެއްވެސް ފަރާތެއްނެތްކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްއެންޕީގެ ސަރުކާރެއް ގާއިމު ކުރުމަށް މަސައްކަތްކުރައްވަމުންދަނީ ރާއްޖޭގައި އޮތް މިފަދަ މައްސަލަތަކަށް ހައްލުތަކެއް ހޯއްދަވައިދެއްވުމުގެ މަގުސަދުގައިކަމަށެވެ.

އޭނާ ވިދާޅުވީ، “މަގުމަތީގައި ބިއްޖެހިފައި” ނުވަތަ “ގޭންގު” ހަދައިން ޒުވާނުން ތިބީ އެ ކުދިން ގޯސްވުމުންކަމަށް އޭނާ މިއަދު ވިދާޅުވާން ނެތްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ސަރުކާރުގެ އިހުމާލުތަކުގެ ސަބަބުން އުފެދިފައިވާ މައްސަލައެއްކަމަށެވެ. ނާޒިމް ވިދާޅުވީ، އެމްއެންޕީއަށް ވެރިކަމާއި ހިސާބަށް ވާސިލުވެވިއްޖެ ނަމަ މައްސަލަ ހައްލު ކުރެއްވުމަށް ފުރިހަމައަށް ޒިންމާ ނަންގަވާނެކަމަށެވެ. އަދި ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ބޭނުންތައް ފުއްދަވައިދެއްވުމަށް އިންތިޒާމުތައް ހަމަޖައްސަވާނެކަން ފާހަގަކުރައްވާކަމަށެވެ.

އޭނާ ވިދާޅުވީ، ގިނަ އަދަދެއްގެ ކުދިން މަސްތުވާތަކެތީގެ ވަބާގައި ޖެހިގެންދަނީ ވަޒީފާގެ ފުރުސަތު ނުލިބި މަގުތައް މަތީގައި އުޅެންޖެހުމުގެ ސަބަބުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: