ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިންގެ އުއްމީދުތަކުގައި ކުލަޖެހޭނީ ކޮން ދުވަހަކުން؟

ރައީސް ސާލިހް އާއި އެކު 2018 ގައި އިއްތިހާދުވި ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޒަމާނުއްސުރެ ދިވެހި ރައްޔިތުން ދިރިއުޅެމުން އައީ ދޮންވެލި ޖަޒީރާ ރައްތަކުގެ ހިތްގައިމު ކަމާއި ހަމަހިމޭންކަމުގައި ހަމަޖެހިގެންނެވެ.

ހެނދުނުގެ ނަލަ ރީތި އިރުގެ އަވިން ފެންވަރައިގެން، މަހުން ލަފައިގެން އަންނަ މަސްވެރިން ހަވީރު ފިނިން ފަރިއަށް ބުރުޖަހާލާ އެކުވެރިން އެކީ ހޮޅުއަށީގައި ދެކެވޭ މާނަފުން ވާހަކަތަކުން ދިވެހިންގެ އާދަކާދަ ސިފަވެގެންދިޔައެވެ. ނަމަވެސް އެ ހިމޭންކަމާއި އުފާވެރިކަން އޮއިވަރެއްގައި ޖެހިގެން ގޮސް ޒަމާނާއި ދިރިއުޅުން ގުޅިގެން ދިޔައީއެވެ.

އަސާސީ ހިދުމަތްތައް ގާއިމް ކުރުމަށް ފެށި ދަތުރުގައި ކުރަން ބޭނުންވާ ކަންކަން ކުރުމަށް ހިޔާލު ހޯދާ އެކަމަށް ކުރި މަސައްަކަތް މެދަށް ހުއްޓި ފުރިހަމަ ނުވެ ހުރިކަމަށް ދެކެވެނީއެވެ.

ހަމަހަމަރޮނގުގެ ސަތަހައިގައި ވާމި ޖަޒީރާ ރައްތަކުގެ ތަރައްގީ އާއި އާބާދީ އެއްފަސް ކުރުމަށް ދުރާލާ ރޭވިގެން ކުރެވުނު އެކި ތަފާތު މަސައްކަތްތަކުން ހިތާއި ފުރާނަ އާއި ޖިސްމާއި ރޫހަށް އުފާދިނީ ރައްޔިތުންނަށެވެ.

ބޯހިޔާވަހިކަމާއި، ތައުލީމާއި ސިއްހަތާއި އުމްރާނީ ތަރައްގީގެ ކުލަވަރު ކުލަވާން ފެށީ 1980 ގެ އަހަރުތަކުގެ ތެރޭގައެވެ. އޭރުގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ޒައާމަތުގައި ރާއްޖޭގެ އެންމެހައި ރައްޔިތުންނަށް އަސާސީ ތައުލީމް ތައާރަފްކޮށް އިލްމު އުގަންނައި ދިނުމަށް މިންނަތް މަސައްކަތް ކޮށްދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން މަދަރުސާތަކުގައި ފަށާ ތައުލީމާއި މެދު މަދަރުސީ ތައުލީމް އަށަގަނެގެން ދިޔައެވެ.

މައުމޫނަށް ފަހު ދެން ވެރިކަމަށް މުހައްމަދު ނަޝީދު އިސްވެ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލުކުރުމުގެ މަސައްކަތާއި ނާސްތާ ޕްރޮގްރާމް ސްކޫލްތަކުގައި ތައާރަފް ކުރެވިގެންދިޔައެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދަތުރުފަތުރުގެ ނިޒާމުން ރަށްތައް ގުޅާލުމަށް އެނިޒާމް ތައާރަފްކޮށް އަތޮޅު ފެރީގެ ހިދުމަތް އެއް ރަށުން އަނެއް ރަށުގައި ގާއިމްކުރެވިގެންދިޔައެވެ. އެންމެ ފުރިހަމަ އަށް ހިދުމަތް ނުދެވުނު ނަމަވެސް ރައްޔިތުންގެ ކޮންމެވެސް ބަޔަކަށް އެކަމުގެ މަންފާކުރިއެވެ.

2008 ގެ އިންތިހާބުގައި ރައީސް މައުމޫން ވިދާޅުވީ އާއުސްމިންތަކަށް ރާއްޖެ ގެންދިއުމަށް ގަދަ 5 އަހަރު ރައްޔިތުން އެމަނިކުފާނަށް ދެއްވުމަށެވެ. ކެމްޕޭންގައި އެމަނިކުފާނުގެ ޓީމުން ބުނަމުންދިޔަ ހެން 30 އަހަރުން އައި ކުރިއެރުމާއި ކުރެވިދިޔަ ގިނަ ހިދުމަތްތަކުގެ ފޮނި ތަސައްވުރުގައި ކުލަ ޖެއްސުމަށް އިތުރު 5 އަހަދު ދިނުމަށް މައުމޫން އެދިލެއްވިއެވެ. ނަމަވެސް އިދިކޮޅު އެމްޑީޕީ އިން ބުނަމުން ދިޔައީ 30 އަހަރަކީ މާގިނަ ދުވަސް ކަމަށެވެ.

30 އަހަރުގެ ދިގު ވިރާސީ ރަސްކަމުގެ ވެރިކަމެއް ކަމަށް އެމްޑީޕީން ބުނެ ބަދަލަކަށް އެންމެން އެކީ އަތުގުޅާލުމަށް ގޮވާލާ ފަސް ވައުދުތައް މަލެއްގެ ސިފައިގައި ރައްޔިތުންގެ ކަރަށް އަމުނާލިއެވެ.

ދިރިއުޅުމަށް ސަލާން ޖެހުން ނައްތާލުމަށް ސަރުކާރުގެ ހައުސިންގ ސްކީމްގެ ތެރެއިން ފްލެޓާއި ރޯހައުސް އެޅުމަށް އެމްޑީޕީން ނިންމައި މެނިފެސްޓޯގައި ހިމެނިއެވެ. އެއަށް ފަހު ވެރިކަމަށް އައިސް ޓާޓާ ކުންފުނީގެ އެހީގައި ވިޔަފާރި އުސޫލުން ދިގު މުއްދަތަށް ފައިސާ ދައްކާ ހަލާސްކުރާ އުސޫލުން ފްލެޓް އެޅިއެވެ.

ބޭސްފަރުވާ އަށް ސަލާން ޖެހުން ނައްތާލުމުގެ ހެޔޮ ނިޔަތުގައި މަދަނައިގެ ނަމުގައި ހެލްތް އިންޝިއުރެންސް ސްކީމް ތައާރަފްކޮށް މަދަނަ ޕްލަސް އިތުރަށް ފުޅާކޮށް ރާއްޖެއިން ބޭރުން އައިޑީ ކާޑަށް އެއްލައްކަ ރުފިޔާގެ ބަޖެޓް ސިއްހަތަށް ކަނޑައެޅިގެންދިޔައެވެ.

މަސްތުވާތަކެތީގެ ވަބާއިން މިންޖު ކުރުމަށް ރިހިބިލިޓޭޝަން އާއި ޑިޓޮކްސިފިކޭޝަން ސެންޓަރުތައް އުތުރާއި ދެކުނުގައި ގާއިމް ކުރިއެވެ.

ދިރިއުޅުމުގެ އަގުތައް ތިރިކުރުމަށް ވައުދުވި ނަމަވެސް އެވައުދެއް ފުދުނު ކަމަށް ގިނަ ރައްޔިތުން ނުދެކެއެވެ.

މައިގަނޑު ފަސް ވައުދުގެ އިތުރުން ހެޔޮވެރިކަމާއި އަދުލު އިންސާފާއި އިގްތިސާދީ ތަރައްގީ އާއި ރައްޔިތުންގެ ޝަކުވާ އާއި އެމްޑީޕީ އިއްތިހާދުގެ ސަރުކާރު ދެމެހެއްޓުމަށް ނުކުޅެދި ވެރިކަން ބަދަލުވެ ދިއުމުގެ ހިތި ނަތީޖާ ރައްޔިތުން އޭރާއި މިހާރު ތަހައްމަލު ކުރިއެވެ. ކޮންމެ 5 އަހަރުން އައު ވެރިއަކު އައުމަކީ ވެރިކަން ފުރިހަމަ ކުރުމަށް ދަތިވާ ކަމެކެވެ.

ރިޔާސީ ނިޒާމުން ރައްޔިތުންނަށް ފައިދާ ވާކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދާއިރުގައި އަނެއްބައި ފަރާތްތަކުން ބުނަމުންދަނީ ގެއްލުން ވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަދު ހިނގަމުންދަނީ ބަރުލަމާނީ ނިޒާމާއި ދާދި އެއްގޮތަކަށް ކަމަށް ބައެއް ރައްޔިތުންނާއި މަޖިލިސްގެ މެމްބަރުންނާއި މަޖިލިސްގެ ރައީސް ގަބޫލު ކުރަން ފެށުމުން ނިޒާމުގައި ޒަމާނުއްސުރެ ހުރި މައްސަލަ ދެނެގަތުމުގައި ހުރިހާ ސަރުކާރުން ނުކުޅެދިއްޖެއެވެ.

ރައްޔިތުން އެދޭ އެދުމަކީ ރަށުގައި ހުރެ ހިތްހަމަ ޖެހިގެން ބަލިވީމާ އަމިއްލަ ރަށުން ފުރިހަމަ ފަރުވާ ހޯދައިގެން ދަރިންގެ ޑިގްރީ އަމިއްލަ ރަށުގައި ހަދައިގެން ވަޒީފާ ރަށުގައި އަދާކޮށް ރީތި އަރާމު ދިރިއުޅުމެއް އުޅޭށެވެ.

ގައިން ތާހިރުވެގެން ނޫނީ ތަރައްގީ ނުގެނެވޭނެ ކަމަށް ވިދާޅުވެ އެ ތަރައްގީ ގެންނަނީ ވެސް އަދި ފެނާއި ނަރުދަމާ ތައާރަފްކުރީ އެމްޑީޕީ އިންނެވެ. މިއަދުވެސް ކުރަނީ އެ މަސައްކަތެވެ. އެގޮތުން ގިނަ ރަށްރަށުގެ ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމް ވަނީ ފުރާ ފުރިހަމަވެފައެވެ.

ސަރުކާރުން ކުރަން އެދޭ ކަން ކުރުމުގައި ތަފާތުނުކުރި ނަމަވެސް ދުނިޔޭގެ ހާލަތަށް ބަލައި ތަރައްގީއަށް ވިސްނާލަންޖެހެއެވެ.

މިއަދު ވައުދުވާ މޫސުމުގައި އުފުލޭނެ ވައުދާއި ތަކުލީފްގެ ވާހަކަ ދެއްކުމަކީ މުހިއްމު ކަމެކެވެ. ނޫންނަމަ ފަހަރުގައި އެކަން ނުވެ އެކަމުގައި ތާށިވެ އިތުބާރު ގެއްލިދާނެއެވެ. އެހެންކަމުން ކޮންމެވެސް ވަރެއްގެ ދިރާސާ އެއްކޮށްގެން ހުރިހާ ކެންޑިޑޭޓުންވެސް މެނިފެސްޓޯ އިއުލާން ކުރުން ބުއްދިވެރިވާނެއެވެ.

އަސާސީ ހިދުމަތް ހިލޭ ދޭ ވާހަކަ އާއި އަގު ކުޑަ ކުރާ ވާހަކަ ދެކެވޭއިރު، ހިދުމަތްދޭ ފަރާތާއި ފޯރުކޮށްދޭ ފަރާތާއި މާލިއްޔަތު އެބޭފުޅުންނަށް އެނގިތިބެ އެވައުދުވަނީ ރައްޔިތުން މޮޔަ ހައްދަން ނޫންނަމަ ތާއީދު ހޯދުމަށް ތޯ މިއީ ކޮށްލުން މުހިއްމު ސުވާލެކެވެ.

އައު ވައުދުތަކެއް ވުމުގެ ބަދަލުގައި ރާއްޖެ މިއިން މިސްރާބުން 3 ފިޔަވަޅު ކުރިއަށް ދުނިޔޭގެ ފެންވަރުގައި ޖެހިލުން އެވެސް ކުރެވިދާނެ ކަމެއް ކަމަށް ބައެއް ތަޖުރިބާ ކާރުން ދެކެއެވެ.

މޮޅެތި ވައުދު ވުމުގެ ބަދަލުގައި ހުރި ކަންކަން ރަނގަޅުކޮށް ފުރިހަމަ ކުރާނެ ގޮތުގެ މާސްޓަރ ޕްލޭން އަކާ އެކު އިންތިހާބަށް ނުކުތުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެންމެނަށް ފަހަރުގައި ވެދާނެއެވެ.

ފުރަތަމަ ބުރަށް ރަނގަޅު ފޮމިއުލާއެއް ނުދެއްކިޖެނަމަ ދެވަނަ ބުރުން ފެއިލްވެދާނެއެވެ. ނުވަތަ ކާމިޔާބު ވެސް ވެދާނެއެވެ. 7 ނުވަރަ 8 ކެންޑިޑޭޓުން ނިކުންނަ ނަމަ ފަހަރުގައި ވެރިކަން ކުރާ ބޭފުޅަކު ދެވަނަ ދައުރަކަށް ހޮވެން ފަސޭހަ ވެދާނެއެވެ. އެއީ މަޝްރޫއުތައް ހިންގައި ނަތީޖާ ނެރެވިފައިވާތީއެވެ. އަދިހަމަ އެހެންމެ އެހާލަތު ބަދަލުވެސް ވެދާނެއެވެ.

ސަބަބަކީ އިދިކޮޅު ގިނަ ޕާޓީތައް އޮތުމުން އޮޕޮޒިޝަންގައި ޕާޓީތަކެއް އޮތީމައެވެ. ނަމަވެސް ނަތީޖާ ދައްކާނީ މިނިވަން ވޯޓަކުންނެވެ. މިނިވަން މުސްތަގިއްލު ކޮމިޝަނަކަނަކުން ބާއްވާ އިންތިހާބުން ލާ ވޯޓުން ވެރިކަން ދިފާއުވެ ނުވަތަ ގެއްލިގެންވެސް ހިނގައިދާނެއެވެ.

އިއްތިހާދުގެ ވާހަކަ ދެއްކުން އަދި އަވަސް ކަމަށް ބުނި ނަަމަވެސް އެކި ޕާޓީގެ ފިކުރާއި ބޭނުންކުރާ އުކުޅުތައްވެސް ތަފާތުވާނެއެވެ. އެހެންކަމުން ހުރިހާ ފިކުރަކާއެކުގައި ކުރިއަށް ދިއުން އެއީ ފަހަރުގައި ރަނގަޅު ގޮތަށް ވެސް ވެދާނެވެ. ހަމަ އެހެންމެ ގިނިކަންޏާ ކަނޑަށް ނުކުތުން ވެސް އެއީ ކާމިޔާބަކަށް ވެދާނެއެވެ.

މާޒީގައި އެކި މަންޒަރު ފެނިފައިވާއިރު އެކި ތަޖުރިބާ ކުރެވިގެންވެސް ގޮސްފިއެވެ. ހުރިހާ ފަހަރަކު އެންމެ އެދެވޭ ނަތީޖާ އެންމެނަށް ނުލިބިދާނެއެވެ.

އެހެން ދިމާވަނީ މަޖިލިސް މިނިވަން ނުވާތީ ކަމަށް ވެސް ބައެއް ރައްޔިތުން ބުނެއުޅެއެވެ. ކޮންމެ ކަމެއްގައިވެސް 2 ކޮޅު އޮވެއެވެ، މަޖިލިސް މިނިވަން ކަމަށް ގައުމުގެ ދެބައިކުޅަ އެއްބައި ބުނާއިރު އަނެއްބައި ބުނަނީ މިނިވަން ނޫން ކަމަށެވެ.

ސަރުކާރުގެ ނުފޫޒު މަޖިލީހަށް ނުފޯރި ވެރިކަމެއް ފެނިފައިނުވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ބުނެއުޅެއެވެ. ފަހަރުގައި އެއީ ނުފޫޒު ނޫން ކަމަށް ވެދާނެއެވެ. ސަބަބަކީ ސަރުކާރު ހިންގުމަށް މަޖިލިސް މުހިއްމު ވާތީއެވެ.

ރައްޔިތުންގެ އުއްމީދުތައް އިއްވާނެ މެމްބަރުން މަޑުން ތިބުމުން އެ ހުވަފުން ބިލާހަކަށް ވެދަނީ ސިއްރު ސިއްރުންނެވެ.

2018 ގައި ޖަޒީރާ ދިރިއުޅުމާއި ރަށްވެހި ފަތިހުން އަލިވިލުނު އެޖެންޑާ 19 ވީ ހިތި ހަބަރަކަށެވެ. ހަރާބުވީ އެޖެންޑާ 19 އެއް ނޫނެވެ. ނަމަވެސް އެކަން ތަންފީޒު ކުރަން ހުރި ވެރިޔާގެ ފިކުރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: