ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އާއި ނައިބުރައީސް ހޮވާނީ ރިޔާސީ އިންތިހާބު ނިމިގެން: އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީގެ ހުސްވެފައިވާ އެ ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރާނީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ފަހުގައި ކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ ރައީސް ކަމުން ރައީސް ނަޝީދު، މިދިޔަ މަހުގެ ތެރޭގައި އިސްތިއުފާ ދިނުމާއި ގުޅިގެން އެޕާޓީގެ ރައީސްގެ މަގާމު ވަނީ ހުސްވެފައެވެ. ރައީސް ނަޝީދާއި އެކު ނައިބު ރައީސް އަދި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު  ޝިފާޒް ވެސް ވަނީ އެމްޑީޕީ ދޫކުރައްވައި އަލަށް އުފައްދާ ޑިމޮކްރެޓްސް އާއި ގުޅިވަޑައިގެންފައެވެ. އެހެންކަމުން މިވަގުތު އެމްޑީޕީގެ އެންމެ އިސްފަރާތަކީ ޕާޓީގެ ޗެއަރޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ. ފައްޔާޒްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް އަކީ އެމްޑީޕީގެ އިސްލީޑަރުވެސް މެއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ އިން ތައްޔާރީތައްވަމުންދާއިރު ޕާޓީގެ ތެރޭގައި މީގެ ކުރިން ވަނީ ފެކްޝަންތަކެއް އުފެދިފައެވެ. އެގޮތުން ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ފޯރިއާއި ޗެއަރޕާސަން އިންތިހާބުގެ ފޯރީގައި ޕާޓީގެ އާއްމު މެމްބަރުން ވަކި ވަކި ކެންޑިޑޭޓުންނަށް ތާއީދު ކުރަން ފެށިއެވެ. އެގޮތުން އެެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސާލިހް އާއި ރައީސް ނަޝީދު ވާދަކޮށް ފޯރިގަދަ ކުރިމަތިލުމަކަށްފަހުގައި ރައީސް ސާލިހް ރައީސް ނަޝީދުގެ މައްޗަށް ކުރި ހޯއްދެވިއެވެ. އެއަށް ފަހު ރައީސް ނަޝީދު ވިދާޅުވީ އެކުގައި ކުރާނެ އެއްވެސް މަސައްކަތެއް ރައީސް ސާލިހާއި އެކުގައި ނެތް ކަމަށެވެ.

ރައީސް ނަޝީދު ރައީސް ސާލިހާއި ރިޔާސީ އިންތިހާބުގެ ޓިކެޓް ލިބިވަޑައިގެން ހިސާބުން ވަކިވެ ވަޑައިގެން ފިކުރެއްގެ ދިރުމުގެ ނަމުގައި އިސްލާހީ މަސައްކަތްތައް ކުރައްވަން ފެއްޓެވިއެވެ. އެއަށްފަހުގައި  ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތު އެމްޑީޕީގައި އޮތީތީވެ އެޕާޓީގެ ފަރާތުން ރައީސް ނަޝީދު ވަކި ކުރުމަށް 50އަށް ވުރެ ގިނަ މެމްބަރުންގެ ސޮޔާއެކުގައި އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅިއެވެ.

މީގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން އިންތިހާބުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އާއި ވާދަކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. ފައްޔާޒް އާއި އިންތި ބަހުގެ ހަމަލާތަކެއް ބަދަލު ކުރުމަށް ފަހު ވޯޓަށް މަކަރުހަދައި އޮޅުވާލި ކަމަށް އިންތި ތުހުމަތު ކުރިއެވެ. އެމްޑީޕީގެ ބައެއް މެމްބަރުން ބުނަމުން ދިޔަ ގޮތުގައި ޗެއަރޕާސަން އިންތިހާބުގެ ކުރިމަތިލުމަކީ ރިޔާސީ ދެ ކެންޑިޑޭޓުންގެ ތަޅާފޮޅުން ގަނޑެކެވެ. އެހެން ގޮތަކަށް ބުނާނަމަ ޒާތީހަސަދަ ވެރިކަމުގެ ސަބަބުން ކުރިމަތިވި ކަންތައްތަކެކެވެ.

އެއަށްފަހުގައި ރިޔާސީ އިންތިހާބުގެ ޕްރައިމަރީގައި ރައީސް ނަޝީދާއި ރައީސް ސާލިހް ބަހުގެ ހޫނު ހަމަލާތައް ބަދަލުކޮށް ވޯޓް އޮޅުވާލުމާއި ބަދުއަހްލާގީ ތުހުމަތާއި ވައްކަމާއި ހިޔާނާތުގެ ތުހުމަތުގެ އިނގިލި ދިއްކުރިއެވެ. އެއަށްފަހު ރައީސް ނަޝީދު ރައީސް ސާލިހް ދޫކޮށް އަދި 18 އަހަރު ވަންދެން އެންމެ ލޯބިން ބަލާ ބޮޑުކުރި ޕާޓީ، ސިޔާސީ ފިކުރު ކަމުގައިވި އެމްޑީޕީ އިން ވަކިވެ ވަޑައިގެންނެވިއެވެ.

ރައީސް ނަޝީދުގެ ވަކިވުމަށް ފައްޔާޒް ހިތާމަ ފާޅުކުރެއްވިއެވެ. އަދި އެމަނިކުފާނަށް ކާމިޔާބީ އަށް ވަނީ އެދިވަޑައިގެންފައެވެ. ރައީސް ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ކުރި އެކި މަސައްކަތްތައް އިދިކޮޅުން އެމަނިކުފާނަށް ތާއީދު ކުރިއެވެ. ނަމަވެސް އެމްޑީޕީ އިން އެކަން ކުށްވެރިކުރިއެވެ. އެންމެ ފަހުން ރައީސް ނަޝީދަށް  މަޖިލީހުގެ ރިޔާސަތުންވެސް ވަކި ވުމަށް އެމްޑީޕީން ދަނީ މަޖުބޫރު ކުރަމުންނެވެ. ރައީސް ނަޝީދުގެ ދިފާއުގައި ތިއްބެވި ދަ ޑިމޮކްރެޓްސްގެ މަޖިލިސް މެމްބަރުން ބުނަމުންދިޔައީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ނަފްސުގެ ދިފާއުގައި ވަކާލާތު ކުރުމުގެ ފުރުސަތު ލިބިދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އިސްތިއުފާ ދޭން ނުޖެހޭނެ ކަމަށެވެ.

ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ކޮއްކޯފުޅު، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ މަޖިލީހަށް އެޖެންޑާ ކޮށްފައެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތް ފައިނަލްވެފައި ނެތުމުގެ ސަބަބުންނާއި ސިޔާސީ ޕާޓީތަކުގެ ކޮމްޕޮޒިޝަނަށް އައި ބަދަލާއި ގުޅިގެން އެވޯޓް ނެގޭގޮތް ވަނީ ނުވެފައެވެ. އެމައްސަލައިގައި މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ ވަނީ މަޖިލީހުގެ ރައީސް އަށް ސިޓީއަކުން އިރުޝާދު ދެއްވާފައެވެ. ނަމަވެސް އެ އިރުޝާދަށް ރައީސް ނަޝީދު އަމަލުކޮށްފައެއް ނުވެއެވެ. މަޖިލީހުގައި ރައީސް ނަޝީދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމަނިކުފާނު، ރައީސް އިބްރާޙިމް މުހައްމަދު ސާލިހަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކޮށް އީވާގެ މައްސަލަ ދޫކޮށްލުމަށް އެދިލެއްވިއެވެ. ނަމަވެސް މަޖިލިސް ޗުއްޓީއަށް ދިޔައިރުވެސް އެމައްސަލަ އަށް ވަނީ އަދި ގޮތެއް ނުނިމިއެވެ.

އެމްޑީޕީގެ ތާރީހުގައި ވެސް އެންމެ ވާދަވެރި ކޮށް ދިޔަ ޗެއަރޕާސަންގެ އިންތިހާބަށް ފަހުގައި ޕާޓީގެ ރައީސް އާއި ނައިބު ރައީސްގެ މަގާމު އެކުއެކީގައި ހުސްވި މީ ފުރަތަމަ ފަހަރެވެ.

އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ޝިފާޒް އެ ޕާޓީ އާއި މަގާމް ދޫކުރައްވައި ޑިމޮކްރެޓްސް އާއި ގުޅުމަށް ނިންމީ، އަސާސްތަކާއި އުސޫލުތައް ނެތިގެން ދާތީ ކަމަށް ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ކުރީގެ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފްވެސް ވިދާޅުވީ އެމްޑީޕީގެ ފަލްސަފާތަކާއި ބީރައްޓެހިވެ ކޮރަޕްޝަނާއި ފިތުނަ ފަސާދައާއި ވައްކަމުގެ ނެޓްވޯކަކަށް އެމްޑީޕީ ބަދަލުވާން ފެށުމާއެކު އެ ޕާޓީން އިސްތިއުފާ ދިނީ ކަމަށެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއި ސިޔާސީ އެކި ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ރިޔާސަތާއި ހަވާލުވުމަށް ތައްޔާރަށް ހުންނެވިކަމަށެވެ. އަސްލަމްގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ވެސް ސިޔާސީ ޖަލްސާ އެއްގައި ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް އިދިކޮޅަށް ދިނުމަކީ ދުނިޔޭގެ ބެސްޓް ޕްރެކްޓިސް ކަމަށެވެ. ނާޒިމް ވިދާޅުވީ އިގްތިސާދީ ކޮމިޓީ އާއި އިޖްތިމާއީ ކޮމިޓީގެ މުގައްރިރު ކަމާއި ކޮމިޓީގެ އަގުލަބިއްޔަތު އިދިކޮޅަށް ލިބުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތް ކަމަށެވެ.

ނާޒިމްގެ އެ ނިންމުމަށް އިދިކޮޅު ޕީޕީއެމް އިން ވެސް ވަނީ ތާއީދުކޮށްފައެވެ. ޕީޕީއެމް އިން  މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ މަޖިލީހުގެ މަރުތަޅު ނެއްޓުމަށް ޕާޓީން ކުރެވެން ހުރި މަސައްކަތެއް އިދިކޮޅާއި އެކު ކުރާނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: