ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތި ހަވާލު ކުރާނަން: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް" ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކަށް އަންނަމަހު ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢު ފަށްޓަވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މިރަސްމިއްޔާތު އޮތީ ގުޅިފަޅުގައެވެ.

މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ މާލެ ސަރަޙައްދުގައި ހިންގާ މަޝްރޫޢަކަށް ވިޔަސް، މިއީ ތިލަދުންމަތީ އުލިގަމުން އައްޑޫ ގަމާ ހަމައަށް ފެތުރިގެން ދާނެ ތަރައްޤީގެ ބިޔަ މަޝްރޫޢެއް ކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ މަޝްރޫޢެއް ކަމަށާ، މި މަޝްރޫޢާ ގުޅިފައިވާ އެންމެ މުހިންމު ކަމަކީ، މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް ހެޔޮ ބަދަލުތަކެއް ގެނައުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މާލޭގެ ރައްޔިތުންނަށް، ބަންޑާރަ ގޯތި ދޫކުރުމަށް ކުރިޔަށް ގެންދާ ބިންވެރިޔާ ސްކީމުގެ މައުލޫމާތު ޙިއްޞާކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއަދު ފެށި ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢުގެ ދަށުން، އިތުރު 150 ހެކްޓަރުގެ ބިން ހިއްކައި، ގުޅިފަޅުން މަދުވެގެން 2000 ގޯތި ދޫކުރުމަށް ނިންމާފައިވާކަމަށެވެ. އަދި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިހާރުވެސް ހިނގަމުންދާއިރު، މިހާރު އެފަޅުން 20 ހެކްޓަރުގެ ބިން ހިއްކިފައިވާ ކަމަށާއި، ސަރުކާރުން ނިންމާފައި ވަނީ ގިރާވަރުފަޅުންވެސް މަދުވެގެން 2000 ގޯތި ދޫކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ހުޅުމާލެއިން 2200 ގޯތި ދޫކުރާއިރު، މިބުރުގައި ޖުމުލަ 6200 ގޯތި ދޫކުރުމަށް ވަނީ ނިންމާފައި ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އިތުރު ގޯތި ދޫކުރެވޭނެ ގޮތްތައް ބައްލަވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިޙްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވާ ފުރުޞަތުގައި، ލިބޭ ޝަކުވާތައް ބެލުމަށް ފަހު، ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް، އެންމެ ލަސްވެގެން މި އަންނަ އޮގަސްޓް މަހުގެ ތެރޭގައި ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ، ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯއްޗަށް އެދި ހުށައަޅައި ޝަރުޠު ހަމަވި އެންމެނަށް، ގޯތި ލިބެންދެން ލިސްޓް ދެމެހެއްޓުން ކަމަށެވެ. އަދި މިހިނދުން ފެށިގެން މިސަރުކާރުން ސޮއިކުރާ ކޮންމެ އެގްރިމެންޓެއް، އަޅާ ކޮންމެ ބިންގަލެއް އަދި ފަށާ ކޮންމެ މަޝްރޫޢެއްގެ އަމާޒަކީ، ދިވެހިން އެދިއެދި ތިބި ”އުފާވެރި އަމާން ރާއްޖެ“ ދިވެހިންނަށް ހޯދައިދިނުންކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅުގައި، ބިންވެރިޔާ ސްކީމަކީ، މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމަށް، ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވައި، މިމަޝްރޫޢުގެ ސަބަބުން މުޅިރާއްޖެއަށް އެތައް މަންފާއެއް ލިބޭނެކަން ފާހަގަކުރެއްވިއެވެ. މިގޮތުން މާލޭގެ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމާއި އަދި ގުޅިފަޅުގައި ބައިނަލް އަޤުވާމީ ވިޔަފާރި ބަނދަރެއް ތަރައްޤީކުރުމުން ލިބިގެންދާނެ އިޤުތިޞާދީ މަންފާތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫޢަކީ، ބޮސްކާލިސް ވެސްޓްމިންސްޓަރ ކޮންޓްރެކްޓިންގ ލިމިޓެޑާ ހަވާލުކުރައްވައިގެން ސަރުކާރުން ކުރިޔަށް ގެންދަވާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ ދަށުން ޖުމުލަ 150 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މިބިމުގެ ތެރޭގައި ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން ގޯތި ދޫކުރާ ބިމާއި، މާލޭ ވިޔަފާރި ބަނދަރު، ގުޅިފަޅަށް ބަދަލުކުރުމަށް ބޭނުންވާ ބިން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: