ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ހަރަކާތަށް ވާނީ ކިހިނެތް؟

އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު  ޕީޕީއެމް އާއި ޕީއެންސީގެ ފަރާތުން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތް މަޑުޖެހުމަކަށް މިވަނީ އައިސްފައެވެ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ ފެށި ކެމްޕޭން ހަރަކާތުގެ ތެރެއިން އުފަންވި އިންޑިއާ އައުޓް ކެމްޕޭން ފެށީ ފޯރިއާއި އެކުގައެވެ. އެ ހަރަކާރަކީ ސީދާ ރައީސް އަބްދިﷲ ޔާމީންގެ އިސްނެންގެވުމުގެ މަތިން ފެށި ހަރަކާތެކެވެ.

އިދިކޮޅުގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، ޕީޕީއެމް އިން އިންޑިއާ އައުޓަށް ގޮވަމުން ދަނިކޮށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް ދައުވާތަކެއް އުފުލައި 11 އަހަރުގެ ޖަލު ހުކުމެއް ކުރިއެވެ. ޕީޕީއެމް، ޕީއެންސީން ގަބޫލު ކުރާ ގޮތުގައި ޔާމީނަށް ކުރި ހުކުމަކީ ހަރާން ހުކުމެކެވެ. އެ ހުކުމް ކުރީ ސަރުކާރުން ކޯޓުތަކަށް އަތް ބާނައިގެން ކަމަށް އިދިކޮޅުން ގަބޫލުކުރެއެވެ.  ޔާމީން އަށް އެމްއެމްޕީއަރުސީގެ ހިޔާނާތުގެ ދައުވާ ކުރެވި އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ތަންފީޒް ކުރުމަށް މާފުށި ޖަލަށް ގެންދެވުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

ރައީސް ޔާމީން އަށް 11 އަހަރުދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރަންޖެހުމާއި އެކު ޕީޕީއެމް އިން މުޒާހަރާކުރަން ފެށިއެވެ. ޕީޕީއެމް އިން މަގުމަތީގައި ކުރަމުންދާ މުޒާހަރާތަކުގައި އިންޑިއާ އައުޓަށް ގޮވިއެވެ.

ރައީސް ޔާމީން އަށް ރިޔާސީ ޓިކެޓް ހަވާލުކުރި ހިސާބުންވެސް އަދި އޭގެ ކުރިންވެސް އިންޑިއާ އައުޓް ހަރަކާތް ފެށިގެންދިޔައެވެ. އެގޮތުން އިންޑިއާ އައުޓް ހަރަކާތް ގައުމީ ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތްތަކެއް އިދިކޮޅުގެ ފަރާތުން ކުރަމުން ގެންދިޔައެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި އިންޑިއާ އައުޓް ހަރަކާތް ފެށިގެންދިޔައީ ކުރީގެ ރައީސް ޔާމީން ހައްޔަރުކޮށް ޖަލަށްލުމުގެ ކުރިންނެވެ.

އިންޑިއާ ސިފައިން ރާއްޖޭގައި ތިބިކަމަށް އިދިކޮޅުން ބުނަމުންގެންދިޔައިރު، ސަރުކާރުން ބުނަމުންދިޔައީ އަސްކަރީ ތަމްރީންތަކުގައި އެހީތެރިވުމަށް އިންޑިއާ ސިފައިން އަބަދުވެސް ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެގޮތުން ދެގައުމުގެ ދެމެދުގައިވާ ދާހިލީ ގުޅުންތައް ދެމެހެއްޓުމާއި އިންޑިއާ ކަނޑުގެ ހަމަޖެހުމަށް އިންޑިއާ ފަސްޓް ޕޮލިސީ ސަރުކާރުން ދަމަހައްޓާނެ ކަމަށްވެސް ސަރުކާރުން ދަނީ ބުނަމުންނެވެ.

ނަމަވެސް އިދިކޮޅުން ސަރުކާރުގެ އެވާހަކަތައް ދޮގުކޮށް އުތުރުތިލަފަޅާއި ހައިޑްރޯގްރަފީ ސާރވޭގެ އިތުރުން ތިލަމާލެ ބްރިޖާއި ހައުސިންގ މަޝްރޫއުތައް އިންޑިއާގެ ކުންފުނިތަކަށް ދޭކަމަށް ތުހުމަތުކުރިއެވެ.

އައްޑޫގައި ހުންނަ ޕޮލިސް އެކަޑަމީ އާއި އެނޫނަސް އިންޑިއާގެ މާލީ އެހީތެރިކަން ސަރުކާރުން ހޯދުމުގެ ނަތީޖާއެއްގެ ގޮތުން އިދިކޮޅުން ބުނަމުންދިޔަ ވާހަކަތައް ހޫނުވެ އެކަމާއި މެދު ސުވާލުކުރެވެން ފެށިއެވެ. އިދިކޮޅުން އެހަރަކާތް ކުރިއަށް ގެންދަނީ އިންޑިއާ އައުޓްގެ ނަމުގައި ކަމަށް ވުމުން ދިވެހިރާއްޖޭގެ ހާރިޖިއްޔާއިން އެކަން ކުށްވެރިކުރިއެވެ.

ހާރިޖީވަޒީރު އަބްދުﷲ ޝާހިދާއި ރައީސް އޮފީހުން އިންޑިއާ އައުޓް ހަރަކާތާއި ދެކޮޅަށް ބަޔާންތައް އާއްމުކުރިއެވެ. އަދި އިންޑިއާ އަކީ އަވަށްޓެރި ގައުމެއްކަމަށާއި ރާއްޖެއަށް މިވީހާތަނަށް ކުރިމަތިވި އުނދަގޫ ހާލަތްތަކުގައި އިންޑިއާގެ އެހީތެރިކަން މާޒީގައި ލިބިގެންދިޔަ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީވެސް ވިދާޅުވެފައިވެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ގަރާރަކުން އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ގޮވާލުމުން އިދިކޮޅުން އެކަމަށް ފާޑުކިޔެވެ. ނަމަވެސް ރައީސް އަށް ލިބިގެންވާ ބާރުގެ ދަށުން ގާނޫނީ ހަމަތަކުގެ މަތިން އެ ހަރަކާތް ހުއްޓުމަށް ބަޔާނެއް އެކުލަވާލެވި އުސޫލު ކަނޑައެޅިގެންދިޔައެވެ.

ރައީސް ސާލިހްގެ އިންޑިއާ އައުޓް ގަރާރާ ދެކޮޅަށް އިދިކޮޅުން ފާޑުކިޔަމުންގޮސް އިންޑިއާ އައުޓްގެ ސްޕެލިންގެ ތަފާތު ގޮތްގޮތަށް ބޭނުންކޮށްގެން އިންޑިއާ އައުޓް ފާރުތަކުގަޔާއި ބެނާތަކުގައި ޖަހައިގެން ހަރަކާތް ކުރިއަށް ގެންދިޔައެވެ.

އިންޑިއާ އައުޓް ހަރަކާތާއި ގުޅިގެން މިއަދު ޕީޕީއެމްއާއި ބައިއަތު ހިފައިގެން ތިބި ދަ ޑިމޮކްރެޓްސް އަށް ނިސްބަތްވާ މަޖިލިސް މެމްބަރުން ބުނަމުން ދިޔައީ އިންޑިއާ އައުޓް ނުގޮވޭނެ ކަމަށެވެ. އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް އޭރުވެސް އަދި މިހާރުވެސް އިންޑިއާ އައުޓަށް ގޮވުމަށް ދެކޮޅު ހައްދަވައެވެ. އިންޑިއާ ސަރުކާރާއި އިންޑިއާ އަކީ ރާއްޖެއަށް މުހިއްމު ބައިވެރިއެއްކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް އެމްޑީޕީގައި ހުންނަވައި ދިޔައީ ވިދާޅުވަމުންނެވެ. ނަމަވެސް އިދިކޮޅުން ބުނަމުންދިޔައީ ގޮވަނީ އިންޑިއާ އައުޓަށް ނޫން ކަމަށާއި އިންޑިއާ މިލިޓަރީ މިގައުމުން ބޭލުމަށް ކަމަށެވެ.

އިންޑިއާ އައުޓް ހަރަކާތް މަޑުޖެހި އޮތުމަށްފަހު އަނެއްކާވެސް އިންޑިއާ އައުޓް ހަރަކާތް ފެށިގެންދިޔައެވެ. އިންޑިއާ އައުޓް މުޒާހަރާތައް ވެރިރަށް މާލޭގައި ކުރިއަށްގެންދަން ފެށުމާއެކު ފުލުހުންނާއި ސިފައިން އެ މުޒާހަރާ ހުއްޓުވިއެވެ. އިންޑިއާ އައުޓް ބެނާތަކާއި އިންޑިއާ އައުޓް ޖެހި ބްރެސިލްބޯޑުތައް ހިފައިގެން އިދިކޮޅުން ރައީސް އޮފީސް ދޮށަށް ހުސްވި ޖޫން މަހުގެ ތެރޭގައި އެތަކެއް ފަހަރަކު ދިޔަ ނަމަވެސް އެ އެއްވުން ސިފައިން ދިޔައީ ފުލުހުން މެދުވެރިކޮށް ރޫޅާލަމުންނެވެ. އެކަމުގެ ސަބަބަކީ ގްރީން ޒޯނަކަށްވެފައި ރައީސްގެ ޕްރޮޓޮކޯލް ހަމަޖެހިފައި އޮންނަ ގޮތުން އެސަރަހައްދުގައި ކުރިން އެންގުމަކާއި ނުލާ އެއްވެ ނޫޅެވޭނެތީ ކަމަށް ރައީސް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓާ ސިފައިންނާއި ފުލުހުން ދިޔައީ އިރުޝާދު ދެމުންނެވެ.

އިދިކޮޅުން ކޮންމެ ފަހަރަކު ވެސް މުޒާހަރާކުރަނީ އިންޑިއާ އައުޓްގެ ނަމުގައި ކަމަށްވީ ނަމަވެސް މުޒާހަރާ ނިންމާލަނީ ރައީސް ސާލިހާއި ސަރުކާރުގެ އިސްތިއުފާއަށް ގޮވާލުމަށްފަހުގައެވެ.

ސަރުކާރާއި ދައުލަތުގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވަންފެށުމުން އެކަން ހުއްޓުމަކީ ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ރައީސަކަށް ހުންނަ މީހާގެ މައްޗަށް ލާޒިމު ކަމެކެވެ. އިދިކޮޅުގެ ލީޑަރު ރައީސް ޔާމީންގެ ސަރުކާރުގައިވެސް އެމްޑީޕީ އިން މުޒާހަރާތައް ކުރުމުން އެކަން ހުއްޓުމަށް ރައީސް ޔާމީން އެސްއޯ ފުލުހުން ޝީލްޑާއި އެކު ރަޔަޓް ގިއަރުގައި މަޖީދިމަގުގައާއި އާޓިފިޝަލް ބީޗް ސަރަހައްދާއި މާލޭގެ އެކި މަގުތަކުގައި ހަރަކާތްތެރިވިއެވެ.

އެމްޑީޕީ އިދިކޮޅުގައި 2014 އިން 2017 އާއި ދެމެދު އޮތް އިރުގައި އެތަކެއް މުޒާހަރާތަކެއް ކޮށް އެތަކެއް އެކްޓިވިސްޓުންނާއި އާއްމު މެމްބަރުން ވަނީ ނުހައްގުން ޖަލަށްލާފައެވެ. ޖަލަށްލުމުގެ އިތުރުން އަނިޔާ ކުރިއެވެ. މިއަދު އެމްޑީޕީގެ ސަރުކާރުގައި  ޕީޕީއެމްގެ މެމްބަރުން ޖަލަށްލީ ނަމަވެސް އޭރުދިންވަރުގެ ރަހުމްކުޑަ އަނިޔާތައް ދެމުން ނުދާކަންވެސް ފާހަގަކޮށްލެވެއެވެ.

މިއަދު މިސަރުކާރުގެ އެކި މަގާމުތަކުގައި ތިބި އިސްވެރިން ފިކުރު ބަދަލުކޮށް އިދިކޮޅާއި ގުޅިގެން ސަރުކާރު ބަދަލުކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާއިރު ސަރުކާރުން އަދިވެސް މަސައްކަތްކުރަނީ އެފަރާތްތަކަށް ފިޔަވަޅުނާޅާ އެމީހުން ގޮވައިގެން ކުރިއަށް ދެވޭތޯއެވެ.

އިދިކޮޅުގައި ތިބި ޑިމޮކްރެޓްސް ގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް މެމްބަރުން ބުނަމުންދަނީ އިންޑިއާ އައުޓް ހަރަކާތަކީ ކުރިއަށްގެންދިއުން ރަނގަޅު ހަރަކާތެއް ނޫން ކަމަށެވެ. މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނޭ ބައެއް މެމްބަރުން މިއަދާއި އެދުވަހުވެސް ބުނަމުންގެންދިޔައީ އަދި ބުނަމުންދަނީ އިންޑިއާ އައުޓް ހަރަކާތަކީ ގާނޫނާއި ހިލާފު އަމަލެއްކަމަށެވެ. ސަބަބަކީ ދޭދޭ ގުޅުމާއި ދޭދޭ ގައުމުތަކުގެ ހާރިޖީ ސިޔާސަތުތަކަށް ބުރުލެއް އެރިޔަނުދިނުމަށެވެ.

މިއަދު ދަ ޑިމޮކްރެޓްސް އާއި ޕީޕީއެމް އަދި ޕީއެންސީގެ މެމްބަރުން އެކުގައި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރުގައިވެސް އިންޑިއާ އައުޓްގެ މައުޟޫގައި ހިޔާލުތަފާތެވެ. ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް އާއި ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް  އާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފަދަ ބޭފުޅުން ކުރިންވެސް އަދި މިހާރުވެސް އިންޑިއާ އައުޓް ހަރަކާތާއި މެދު ދަނީ ދެކޮޅު ހަދަމުންނެވެ.

“ދަ ޑިމޮކްރެޓްސް” އާއި ޕީޕީއެމް، ޕީއެންސީ ގުލީގެން މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރަމުންދާއިރު މިއަދު އެންމެ ބޮދަށް އުފެދިފައިވާ ސުވާލަކީ ވެސް “އިންޑިއާ އައުޓް” ހަރަކާތަކުގެ ސުވާލެވެ. ޑިމޮކްރެޓުން އެކަމާއި ދެކޮޅު ހަދާއިރު ޕީޕީއެމް، ޕީއެންސީގެ ލީޑަރޝިޕިން ބުނަނީ އެ ހަރަކާތް ނުހުއްޓާނެ ކަމަށެވެ. ނަމަވެސް ދޫ ދޭން ޖެހޭ ކަންމުގައި ހާލަތަށް ބަލާ ދޫ ދޭނެ ކަމަށް ވެސް އިދިކޮޅުން ދަނީ ބުނަމުންނެވެ. ސުވާލަކީ ދޫ ދެމުން ގޮސް އިންޑިއާ އައުޓް ހަރަކާތްތައް ހުއްޓާލާނީތޯއެވެ.؟

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: