ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ އައުޓް ގަރާރު ބާތިލް ނުކުރާތީ ޔާމީންގެ ނުރުހުން؛ ”މިހާރު މަގު މައްޗަށް ވެސް ނުނިކުމެވޭނެ“!

ރައީސް ޔާމީން އިންޑިއާ އައުޓް ހަރަކާތެއްގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަނީ/ ފޮޓޯ: ސޯޝަލް މީޑީއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނެރުއްވި ގަރާރު އަދިވެސް މި ސަރުކާރުން ބާތިލްކޮށްފައިނުވާތީ ކުރީގެ ރައީސް އަބްދުالله ޔާމީން ނުރުހުން ފާޅުކުރައްވައިފިއެވެ.

އިންޑިއާ ސިފައިން ތިބޭ ތިބުމާ ދެކޮޅަށް ހިންގާ ”އިންޑިއާ އައުޓް“ ހަރަކާތުގެ ބޭނުމަކީ ރާއްޖޭގެ ސުލްހަމަސަލަސްކަން ގެއްލުވާލައި ނަފްރަތު އުފެއްދުންކަމަށް ބުނެ، އެކަން ހުއްޓުވުމުގެ ނަމުގައި އޭރުގެ ސަރުކާރުން ގަރާރެއް ނެރުއްވީ 2022 އޭޕްރީލް 21 ގައެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އިންތިހާއަށް ވަދެ، ގައުމުގެ މިނިވަންކަން ގެއްލެމުންދާކަމަށް ބުނެ އިދިކޮޅުގައި ތިބެ ޕީޕީއެމް/ޕީއެންސީއިން އޭރު ވަނީ ”އިންޑިއާ އައުޓް“ ހަރަކާތް ވަރަށް ފުޅާކޮށް ކުރިއަށް ގެންގޮސްފައެވެ.

ރައީސް ޔާމީން އޭރު ގެންދެވީ އަތޮޅުތަކަށް ދަތުރު ކުރައްވައި ހަރަކާތްތައް ހިންގަމުންނެވެ. އެ މައްސަލައިގައި އެމްޑީޕީ އާއި އޭރުގެ ސަރުކާރުގެ އިސްވެރިންގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، ރައީސް ޔާމީން ދިރިއުޅުއްވާ ގެކޮޅާއި، ޕާޓީގެ އޮފީސް އިމަރާތުގައި ”އިންޑިއާ އައުޓް“ ޖެހި ބޮޑު ބެނާއެއް ހަރު ކުރިއެވެ. ފުލުހުން ގޮސް މި ބެނާތައް ނެގީ އެ ގަރާރުގެ ދަށުންނެވެ.

މި ސަރުކާރުގެ އެންމެ ބޮޑު ވައުދަކީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުންކަމަށްވާއިރު، އަދި މިހާތަނަށް މި ވައުދު ނުފުއްދި އޮތުމުން ސަރުކާރަށް ގިނަ ބައެއް ފާޑުކިޔުމާއި ނުރުހުން ދަނީ އަމާޒުވަމުންނެވެ.

މި ދަނޑިވަޅުގައި ގޭ ބަންދުގައި ހުންނެވި ނަމަވެސް ފްރަންޓް އޮފީސް ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވަނީ މި މައްސަލައިގައި ވާހަކަދައްކަވާފައެވެ. އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ނެރުން ގަރާރު ބާތިލް ނުކުރައްވަނީ ކީއްވެގެންތޯ ރައީސް ޔާމީން ސުވާލު އުފެއްދެވިއެވެ. މި ސަރުކާރުގައި ތިއްބެވީ އެއީ ބާތިލް ގަރާރެއްކަމަށާއި، އިންޑިއާ ސިފައިން ބޭރުކުރަން ޖެހޭކަމަށް ބުނެ ވަކާލާތު ކުރެއްވި ބޭފުޅުންކަމަށް ފާހަގަކޮށް، އަދިވެސް ގަރާރު ބާތިލްކުރެވިފައި ނުވާތީ އޭގެ ސިއްރަކީ ކޮބައިތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިންޑިއާ އައުޓް ހަރަކާތް ފެށީ ވަރަށް ގިނަ ކަންބޮޑުވުންތަކެއް ހުރުމުންކަމަށެވެ. އެ ހަރަކާތުގެ ތެރެއިން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވުނުކަމަށާއި، ނަމަވެސް ހަރަކާތް ހުއްޓުވުމުން މަޑުޖައްސާލަން ޖެހުނުކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަން އެގޮތަށް ކުރީ ސަލާމާތީ ބާރުތަކާ ހަމަނުޖެހުމަކަށް ދާން ބޭނުން ނުވާތީކަމަށެވެ.

އިންޑިއާ އައުޓް ގަރާރު މި ސަރުކާރުން ބާތިލްކޮށްފިނަމަ، ހަރަކާތް އިތުރަށް ފުޅާ ކުރުމުގެ ވިސްނުންފުޅު އެމަނިކުފާނު ހުންނެވިކަން ދޭހަވާ މޭރުމަކުން ރައީސް ޔާމީން ވަނީ ވާހަކަދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: