އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި، ރައީސް މުހައްމަދު ނަޝީދުގެ ދަ ޑިމޮކްރެޓްސް އެކު ކުރިޔަށް ދާ މަޝްވަރާތަކާއި ގުޅޭގޮތުން ޕާޓީގެ ސެނެޓު މެމްބަރުންގެ އެއްވެސް ޝަކުވާއެއް ނެތްކަމަށް ޕީއެންސީގެ ރައީސް، އަދި އިދިކޮޅު ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިންޑިއާ އައުޓްގެ ހަރަކާތް ހުއްޓާލަން ޖެހޭކަމަށް ޑިމޮކްރެޓްސްގެ މެމްބަރުން ބުނަމުންދާއިރު، ދެ ޕާޓީ ދެމެދު ކުރިޔަށް ދާ މަޝްވަރާތަކާއި މެދު ހިތްހަމަނުޖެހޭ ސެނެޓް މެމްބަރުން އެބަތިބިކަން ފާހަގަކޮށް ނޫސްވެރިއަކު ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ އެކަން ސާފުކުރުމަށް ބޭނުންވާ އެތައް ރައްޔިތުން އެބަތިބިކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ޑިމޮކްރެޓްސްއާއި އެކު ކުރާ މަޝްވަރާތަކާއި ރިޔާސީ އިންތިހާބާއި ގުޅުމެއް ނެތްކަމަށެވެ. ބައްދަލުވުންތަކުގެ އެންމެ ބޮޑު އެއް ބޭނުމެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވީ ގައުމަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ދެނެގަނެ އެކަންކަން ހައްލު ކުރުމެވެ.
ޑިމޮކްރެޓްސް އާއި އިދިކޮޅު ކޮންގެރެސް ކޯލިޝަން ދެމެދު ކުރިޔަށް ދާ މަޝްވަރާތަކަކީ ގޮތް ނޭނގޭ، އޭގެ ފަހަތުގައި އެހެން އެއްބަސްވުންތަކެއް ހިމެނޭކަމުގެ ތުހުމަތު ކުރާ މަސައްކަތެކެވެ. އަދި އެކަމާއި ގުޅޭ ބައެއް މީޑިއާ ރިޕޯޓުތައް އެކި މަސްދަރުތަކާއި ހަވާލާދީ ގެނެސްދީފައިވާއިރު، ޕީޕީއެމް ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.
އިދިކޮޅުން ބުނެފައި ވަނީ، މަސައްކަތް ކުރިޔަށް ދާނެގޮތް ރާވައި އެކަން ހިއްސާ ކުރައްވަނީ ރައީސް ޔާމީންކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ލަފާތަކާއި އެއްގޮތްވާގޮތުގެ މަތީން މަސައްކަތްތައް ކުރިޔަށް ގެންދާއިރު ޕާޓީގެ އުސޫލުތަކާއި ހިލާފު އެއްވެސް ވާހަކައެއް ނުދެކެވޭނެކަމަށް ވަނީ ބުނެފަ އެވެ.
ނޫސްވެރިޔާ ވަނީ ބައްދަލުވުންތަކަށް ފަހު ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުން ވެސް ހިޔާލުތަފާތުވުންތައް ފެންނަކަން ފާހަގަކޮށްފަ އެވެ. ހާއްސަކޮށް އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ނަފްރަތު އުފެއްދުންކަމަށާއި، އޭގެ ސަބަބުން ރާއްޖެއަށް ގެއްލުންތައް ލިބޭކަމަށް ޑިމޮކްރެޓްސް ގަބޫލު ކުރާކަމަށް ނޫސްވެރިޔާ ސުވާލުކުރި އެވެ.
ރައީސް ޔާމީން ޖަލުގައި އޮންނަވައި އަޅުގަނޑުމެންނަށް މަޝްވަރާ ދެއްވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން އަޅުގަނޑުމެންނާއި އެކު މަސައްކަތް ކުރަން ތިބި ބަޔަކާއި އެއްކޮށް މަސައްކަތް ކުރާށޭ… އެ މަސައްކަތް ކުރަނީ.. މި މައުލޫމާތު ވާނީ އަޅުގަނޑުމެންގެ ސެނެޓާއި ހިއްސާކޮށްފައި..
އަބްދުއްރަހީމް ވިދާޅުވީ ސެނެޓުގެ ކަންބޮޑުވުންތައް އައީ ޑިމޮކްރެޓްސްއާއި އެކު ވަކި ވާހަކަތަކެއް ދައްކައިގެން ނޫން ކަމަށެވެ. އެ ޝަކުވާތައް އަބްދުއްރަހީމް ސިފަ ކުރެއްވީ ރައީސް ޔާމީނަށް ތާއީދު ކުރާ މެމްބަރުންގެ އިހުލާސްތެރިކަން ގޮތުގަ އެވެ.
އެއީ އެބޭފުޅުން ހިތަށް އަރަނީ އެބޭފުޅުންނާއި އެކީގަ އަޅުގަނޑުމެން ދައްކާ ވާހަކަތަކުން އަނެއްކާ ރައީސް ޔާމީނަށް ކިހިނެއްބާއޭ ވާނީ… އެ ސުވާލު އުފައްދަނީ އިނގޭތޯ، އެއްގޮތަކަށް ވެސް.. އަޅުގަނޑުމެން ކޮންމެ ބަޔަކާއި އެކު މަސައްކަތް ކުރާކަށް ވެސް ނެތް ހުރަހެއް.. އަސާސީ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތީން މިކަން ކުރަމުން މިގެންދަނީ…
އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ޓިކެޓާއި ހަވާލުވުމަށް ފަހު، ކެމްޕެއިނަށް ކުރަންޖެހޭ މަސައްކަތް ކުރުމުގެ ބާރު ކެނޑިޑޭޓަށް އަސާސީ ގަވައިދުގެ ދަށުން ލިބިގެންވާ ކަމަށެވެ. އަދި ކެނޑިޑޭޓުގެ އަމާޒަކަށް ވާނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ މަސައްކަތް ކުރިޔަށްދާގޮތުގެ، ތަފްސީލުތައް ސެނެޓު ބައްދަލުވުންތަކުގައި ދެމުން ގެންދާކަމަށެވެ. އެހެންކަމުން މަޝްވަރާތަކާއި މެދު ސެނެޓުގެ ޝަކުވާއެއް އޮވެދާނެކަމަށް ގަބޫލު ނުކުރެވޭކަމަށް އޭނާ ވިދާޅުވި އެވެ.

