މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށް ޕާޓީގެ މުއައްސިސް އަދި ވަގުތީ ޗެއަރޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ ފުރަތަމަ އިންޓަރިމް ކައުންސިލު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހަސަންވަނީ އެ ޕާޓީގެ މަސައްކަތްތައްް ކުރިއަށް ދާ ގޮތް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޕާޓީގެ ރެޖިސްޓްރީ ހަވާލުވެވަޑައިގަތުމަށް އިލެކްޝަންސްއަށް ވަޑައިގެންނެވި ދުވަހުގައި މަޖިލީހުގައި ޕާޓީ ތަމްސީލުކުރެވިގެންދިއުމުގެ މުހިންމުކަމާއިމެދު މަޝްވަރާކުރެވިގެންދިޔަކަމަށެވެ.
ހަސަން ވިދާޅުވީ، ޕާޓީ ރެޖިސްޓްރީވެފައިވާކަން ސިޓީއަކުން މަޖިލީހާއި ހިއްސާކުރެއްވުމަށް އިލެކްޝަންސްގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ސިޓީ އެ ދުވަހު ނުވަތަ ޖެހިގެން އަންނަ ދުވަހު ފޮނުއްވައިދެއްވާނެކަމަށް އިލެކްޝަންސްގެ ރައީސް ފުއާދު ތައުފީގު އޭނާ ގާތުގައި ވިދާޅުވިކަމަށެވެ. އެކަމާއި ގުޅޭ މައުލޫމާތުތައް ފަހުން ސާފުކުރެއްވިއިރު، ސިޓީ ފޮނުވާފައިވާކަމަށް އިލެކްޝަންސްއިން ބުނި ކަމަށް ހަސަން ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހުގައި ޑިމޮކްރެޓްސް ތަމްސީލުކުރައްވާ މެމްބަރުން ތިއްބެވިކަމަށް ފާހަގަކޮށް އިލެކްޝަންސްއިން ފޮނުވާފައިވާ ސިޓީ އާއިއެކު މަޖިލީހުގެ އިދާރާއިން އެ މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށް ގަބޫލުކުރައްވާކަމަށް ހަސަން ވިދާޅުވިއެވެ. އަދި ވިދާޅުވީ، މަޖިލީހުގައި ރަސްމީގޮތުން ޑިމޮކްރެޓްސްގެ މެމްބަރުން ތިއްބަވާނެކަމަށް ވިދާޅުވިއެވެ.
ބައްދަލުވުމުގެ ތެރެއިން އިލެކްޝަންސް ކޮމިޓީއެއް ފާސްވެފައިވުމާއިއެކު، ހަސަންވަނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެ ޕާޓީގެ ޕްރައިމަރީއަކަށް ހުޅުވާލެވިގެންދާނެ ކަމަށް ވިދާޅުބެފައެވެ. އަދި މިހާރު ވިސްނުން ހުރީ މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް އިއުލާނުކުރެއްވުމަށްކަމަށް ފާހަގަކުރެއްވިއެވެ.
ޕާޓީގެ ކައުންސިލު އެކުލަވޭލެވިފައިވާ ގޮތާއިމެދުވެސް ހަސަން ވަނީ މައުލޫމާތު ސާފުކޮށްދެއްވާފައެވެ. އެގޮތުން ކައުންސިލުގައި ޖުމުލަކޮށް ތިއްބެވީ 78 މެމްބަރުންކަމަށް އޭނާ ވިދާޅުވިއެވެ. ހަސަން ވިދާޅުވީ 32 ކައުންސިލަރުންނާއި 11 ޑަބްލިއުޑީސީ މެމްބަރުން އަދި 15 ރައްޔިތުންގެ މަޖިލީސް މެމްބަރުން އޭނާ އައްޔަނު ކުރެއްވި 12 މެމްބަރަކާއި އިންޓަރިމް ބައްދަލުވުނުގައި ފާސްކުރެވިފައިވާ 8 މެމްބަރުން ހިމެނޭކަމަށް ހަސަން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުވެގެންދިޔަ ބޮމުގެ ހަމަލާއާއިމެދުވެސް ވާހަކަދެކެވުނެވެ. ހަސަން ވިދާޅުވީ، އެމްޑީޕީގެ ތެރޭގައި އެ މައްސަލަ ބެލުމަށް ޖާގަ ނުލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ، އެކަމުގެ ހަގީގަތް ހޯދުމަށް އެ ބޭފުޅުންގެ ”ގަޔާވުމެއް“ ނެތްކަމަށެވެ. އެހެންކަމުން ބޭނުންވި މިންވަރަށް ޕާޓީގެ ތެރޭގައި އެކަން ކުރުމަށް ޖާގަ ލިބިގެންނުދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީއާއި ވަކިވި ބައެއް މެމްބަރުން ވަކިވި އެއް ސަބަބަކީ އެ މައްސަލަ ނުބެލުންކަމަށް ޔަގީންކަމަށާއި އެހެންނަމަވެސް ޑިމޮކްރެޓްސްގައި އެ މަސައްކަތްތައް ކުރެވެނޭގޮތް ހޯދޭނެކަމަށް ހަސަން ވިދާޅުވިއެވެ.

