ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ކުރައްވަމުންދާ ދަތުރުފުޅުގައި މީގެ ކުރިން އިވިގެންދިޔަ ބައެއް ޝަކުވާތަކުގެ އަޑުތައް ކެނޑިފައިވާކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިންގެ ތެރެއިން ދިއްދޫގައި ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، މީގެ ކުރިން ކުރެއްވި ދަތުރުފުޅުތަކުގައި ގިނަ އަދަދެއްގެ ރައްޔިތުންގެ ޝަކުވާތައް އިވިގޮސްފައިވާކަމަށެވެ. އެހެންނަމަވެސް މިހާރު ރިޔާސީ އިންތިހާބަށް ކުރައްވަމުންގެންދަވާ ޒިޔާރަތްތަކުގައި ގިނަ އަދަދެއްގެ ކަންބޮޑުވުންތައް ހައްލުވެ އެކަމުގެ ޝަކުވާގެ އަޑުތައް ފަނޑުވެގޮސްފައިވާކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވަޑައިގެންނެވި އެއްވެސް ރަށަކުން ފެނާއި ނަރުދަމާގެ ނިޒާމާއި ގުޅޭ ޝަކުވާތައް އިވިގެން ނުދާކަމަށެވެ. ރައީސް ވިދާޅުވީ، އެއީ ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަމަލުކުރެއްވުމުންކަމަށެވެ. އެގޮތުން 141 ރަށެއްގައި މިއަދުވެސް އެ މަސައްކަތްތައް ކުރެވެމުންދާކަމަށް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ، މަޝްރޫޢުތައް ހިނގަމުން ނިމެމުންދާކަމަށެވެ. އަދި ވެވަޑައިގެންނެވި ވައުދުތައް ފުއްދަމުންދާކަން ރައްޔިތުން ގަބޫލުކުރާކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ކަރަންޓު ލިބުމުގައި ދަތިތައް ކުރިމަތިވެފައިވާ ވާހަކަ އެއްވެސް ރަށަކުން އިވިގެން ނުދާކަމަށެވެ. ރައީސް ވިދާޅުވީ، އިންޖީނުގެ ހުރި ތަނުން އެހެންތަނަކަށް ބަދަލުކުރުމަށް ބުނެ ޝަކުވާތައް ކުރެވެމުންދާ އަޑުތައްވެސް އެއްވެސް ރަށަކުން އިވިގެން ނުދާކަމަށެވެ. ރައީސް ވިދާޅުވީ، އެއީ 150 ރަށެއްގައި އިންޖީނުގެތައް ހުރި ތަން ބަދަލުކޮށް އައު އިންޖީނުތައް ބަހައްޓާފައިވުމުގެ ނަތީޖާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ނެޓްވޯކް އެޅުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. ރައީސް ސާލިހު ވިދާޅުވީ، ދިއްދޫގެ ރަށު މެދުގައި ހުރި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކޮށް އެ ރަށުގައިވެސް ނެޓްވޯކް އެޅުމުގެ މަސައްކަތްތައް ކުރެވެމުންދާއިރު، އެ މަސައްކަތްތައްވަނީ ނިމުމާއި ގާތުގައިކަމަށެވެ.
ރައީސް ވިދާޅުވީ، ސުކޫލުތަކުގެ ކިލާސްރޫމްތަކުގެ ވާހަކައާއި މަލްޓިޕާޕަސް ހޯލުތަކުގެ ވާހަކަތައް އިވެމުންދަނީވެސް މަދު ރަށަކުންކަމަށެވެ. ރައީސް ވިދާޅުވީ، މި ދައުރުގައި 1578 ކިލާސް ރޫމާއި 85 މަލްޓިޕާޕަސް ހޯލު އެކި ރަށްތަކުގައި ބިނާކުރެވިފައިވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހަމަ އެގޮތުގެ މަތިން ދިއްދޫގައިވެސް 12 ކިލާސްރޫމާއި އޮފީސް އިމާރާތުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ. އަދި އެ މަސައްކަތްތައް ނިމެމުންދާކަމަށް ފާހަގަކުރެއްވިއެވެ.
ރައީސް ސާލިހު ވިދާޅުވީ، ދަރިންނަށް މަތީ ތައުލީމު ދިނުމަށް ކުރިމަތިވެފައިހުރި ދަތިތަކުގެ ވާހަަކަތައް މިއަދު އެއްވެސް ރަށަކުން އިވިގެންނުދާކަމަށެވެ. އެއީ ވައުދުތައް ފުއްދަވައިދެއްވަމުންދިއުމުގެ ނަތީޖާކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، މިހާތަނަށް 18،000 ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދެވިފައިވާކަމަށެވެ. ރައީސް ވިދާޅުވީ، ދިއްދޫއިން އެކަނިވެސް 194 ދަރިވަރުން ހިލޭ ޑިގްރީ ހާސިލް ކުރުމަށް ކިޔަވަމުންދާކަމަށެވެ. ރައީސް ވިދާޅުވީ 83 ކުއްޖަކުވަނީ ތައުލީމު ހާސިލުކޮށް ނިންމާފައިކަމަށެވެ.

