ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ފަހަރު މިނިވަންކަމުގުގެ އުފާ އިހުސާސްކުރެވޭނީ މިނިވަންކަން ގެއްލިގެންދިއުމުން: އިމްރާން

ރައީސް ސާލިހު، ފަސްޓްލޭޑީ ފަޒްނާ އަދި ހޯމް މިނިސްޓަރު އިމްރާން: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއް ހާލަތްތަކުގައި މިނިވަންކަމުގެ އުފާތައް އިހުސާސް ކުރެވިގެންދަނީ އެ ހައްގު ގެއްލިގެންދިއުމުންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްވަމުން އިމްރާން ވިދާޅުވީ، މިނިވަންކަމުގެ ޝުއޫރަކީ އިންސާނީ ތޮބިއްޔަތުގެ އެންމެ މަތީ އެއް ސިފަކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އިންސާނެއްގެ ހިތުގައި އެންމެ ބާރަށް ޖަހާ ވިންދުކަމަށެވެ. އަދި އެކަމަށްޓަކައި މުދަލާއި ފުރާނަ ގުރުބާންކުރާ އެންމެ މަތީ ޖައުހަރަކީވެސް މިނިވަންކަންކަމަށް އިމްރާން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބައެއް ހާލަތްތަކުގައި މިނިވަންކަމުގެ އުފާތައް އިހުސާސްކުރެވިގެންދަނީ އެ ހައްގުތައް ގެއްލިދިއުމުންކަމަށެވެ. އިމްރާން ވިދާޅުވީ، އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ނިކަމެތިކަމާއި ބަލިކަށިކަމާއި ހިތާމައަކީ އަޅުވެތިކަންކަމަށެވެ. އޭނާ ވިދާޅުވީ، އެހެން އިންސާނަކަށް އަޅުވެތިވުމަށްވުރެ ނިކަމެތި ހާލަތެއް އިންސާނެއްގެ ހަޔާތުގައި ދުވަހަކުވެސް ކުރިމަތިވެގެން ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، ވަކި ވަކި މީހުންނާއި ގައުމުތަކުގެވެސް އަޅުވެތިކަމުން މިންޖުވުމަށްޓަކައި މުޖުތަމައުތަކުން މަސައްކަތްކުރަމުންދަނީ އެ ސަބަބާއި ގުޅިގެންކަމަށެވެ.

އިމްރާން ވިދާޅުވީ، ދިވެހިރާއްޖެއަކީ ޒަމާނުއްސުރުވެސް މިނިވަންކަމަށް ލޯބިކުރާ އަޅުވެތިކަމަށް ނަފްރަތުކުރާ ރައްޔިތުންތަކެއް ވަޒަންވެރި ގައުމެއްކަމަށެވެ. އޭނާ ވިދާޅުވީ، އަދުގެ ޖީލަށް މިނިވަންކަމެއް އިހުސާސްކުރެވެމުންދަނީ ކާބަފައިން މިނިވަންކަމަށް ކުރި ލޯބީގެ މަތިވެރިކަމުގެ ސަބަބުންކަމަށެވެ. އިމްރާން ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ނަގާލުމަށް މަސައްކަތްކުރި ކޮންމެ ފަހަރަކުވެސް ދިވެހިން އެކަމާއި ދެކޮޅަށް ތެދުވީ ހިތްވަރާއި ސާބިތުކަމާއިއެކުކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ކާބަފައިންގެ ތެރެއިން ތެދުވެވަޑައިގެންނެވި އެތައް އަބްތާލުންނެއްގެ ޒިކުރާތައް ތާރީހީ ފޮތްތަކުން ދިރުވި އާލާކުރެވިގެންދާކަމަށާއި މިއަދު އާކުރެވިގެންދަނީ އެ ޒިކުރާތައްކަމަށެވެ.

އިމްރާން ވިދާޅުވީ، މިނިވަންކަމަކީ ސަރަހައްދުގެ ބޮޑުކަމާއި އާބާދީގެ ގިނަކަމާއި ގުޅިފައިވާކަމެއްނަމަ 1937 އިން ފެށިގެން 1945 ވަނަ އަހަރާއިޖެހެންދެން ޗައިނާ އިސްތިއުމާރީ އަޅުވެތިކަމުގެ ދަށުގައި ނޯންނާނެކަމަށެވެ. އަދި 1857 އިން 1947 ވަނަ އަހަރާއި ހަމައަަށް އިންޑިއާވެސް އިސްތިއުމާރީ އަޅުވެތިކަމަށް ބޯލަނބާ ނުލީސްކަމަށެވެ. އެހެންނަމަވެސް މިނިވަންކަމަކީ މުއާތިލުންގެ ހިތުގައި އަޅުވެތިކަމާއި ދެކޮޅަށް އެކަން ގަބޫލުނުކުރުމަށް ކަނޑައަޅައި ވަރުގަދަ ވަރުގަދަ އަޒުމެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އިމްރާން ވިދާޅުވީ، އެއީ އިސްތިއުމާރީ ބާރުތަކުގެ ކުރިމަތީގައި ބޯތިރިކުރުމަށް ނުރުހިގެން ތެދުވާ ވަރުގަދަ ސާބިތުކަމަކާއި ހިތްވަރެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއީ އެ ހައްގުގެ ދިފާއުގައި ތެދުވާންޖެހިއްޖެ ހާލަތެއްގައި ތެދުވުމަށް އުފެދިގެންދާ ހިތްވަރެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: